ދުނިޔެ

ލަންކާ މީހާ އަންދާލި މައްސަލާގައި 120 މީހުން ހައްޔަރުކޮށްފި

ޕާކިސްތާންގައި ލަންކާ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ހަށިގަނޑު އަންދާލި މައްސަލާގައި 120 މީހުން ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ ހައްޔަރުކުރި ހުރިހާ މީހުންނާ މެދު ވެސް ޝައްކު ކުރެވޭ ކަމަށެވެ.

ލަންކާ ފެކްޓަރީ މެނޭޖަރެއް ކަމަށް ބުނާ ޕްރިޔަންތަ ދިޔަވަދަނާ މަރާލި ސަބަބަކީ ދީނަށް ފުރައްސާރަ ކުރުމެވެ. އަމަން ބަލަހައްޓާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ހަބަރުތައް ބުނާ ގޮތުން، ފެކްޓަރީގައި މަސައްކަތްކުރާ މީހުންނާ، ޕްރިޔަންތަ ދިޔަވަދަނާއާ ދެމެދު ދެބަސްވުންތަކެއް އޮތީ ހިނގާފަ އެވެ.

ޕާކިސްތާންގައި ދީނަށް ފުރައްސާރަކުރާ ކަމަށް ބުނެ ލާއިންސާނީ އަމަލުތައް ހިންގުން ވަރަށް އިތުރުވެއްޖެ އެވެ. އެ ގައުމުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ބިނާތަކަށް ގެއްލުން ދިނުމާއި ހަރުކަށި ފިކުރަށް ތަބާނުވާ ކޮންމެ މީހަކަށް މަގުމަތިން ހުކުމްުކުރުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިފަދަ ކޮންމެ ހަރަކާތެއްގައި ފަހަތުގައި މަސްލަހަތު ގެއްލުވާލުމުގައި ނަގާނިޔަނީ ތަކްރީރޭ ލައްބައިކް ފަދަ ޖާހިލު ގުރޫޕްތަކެވެ. ޕްރިޔަންތަ ދިޔަވަދަނާ މަރާލުމުގައި ވެސް އެންމެ މުހިންމު ރޯލެއް ކުޅެފައި އޮތީ މި ޖަމާއަތުންނެވެ.

ޕާކިސްތާނާ ލަންކާއަކީ މިފަހަކުން ވަރަށް ގުޅުން ރަނގަޅު ދެ ގައުމެވެ. އިސްލާމްދީންގެ ނަމުގައި ޖާހިލު އަމަލުތައް ހިންގަމުން ގެންދާ ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ޣައިރު ދީންތަކުގެ ވެރިންނާ ގުޅުން ބަދަހި ކުރުމަކީ ވެސް ފާފައެކެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގްރޭޝީ ވިދާޅުވި ގޮތުން ލަންކާ ފޮރިން މިނިސްޓަރު ގާމިނީ ލަކްޝްމަންއާ ގުޅުއްވައި މަޝްރަހު އޮޅުންފިލުވައި ދެއްވި އެވެ. އަދި އިންސާފު ގާއިމުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާން ވެސް ވަނީ ވަރަށް ކޯފާވެ ވަޑައިގެން ޓްވީޓް ކުރައްވާފަ އެވެ. ވިދާޅުވީ ޕާކިސްތާން ލަދުގަނެއްޖެ ކަމަށެވެ. ހަމަލާގައި ބައިވެެރިވި ހުރިހާ މީހުންނަށް ހައްގު އަދަބު ދިނުމަށް ބޮޑުވަޒީރު ވަނީ މުއްސަސާތަކަށް އަންގަވާފަ އެވެ.