ދުންޔާ މައުމޫން

އިންސާނީ ހައްގުތަކަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެއްބައި: ދުންޔާ

  • ހައްގުތަކުގެ ދާއިރާ އިން ރާއްޖެ ވަނީ ކާމިޔާބު ހޯދާފައި
  • އާ ގާނޫނުތަކުގެ %60 ގުޅެނީ އިންސާނީ ހައްގުތަކާ
  • އިހުތިރާމް ކުރާ މުޖުތަމައެއް އުފައްދަން ޖެހޭ

އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މައިގަނޑު އެއް ސިޔާސަތު ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބާގައި ވަޒީރު ދުންޔާ މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 2004 ވަނަ އަހަރު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން އާ ގާނޫނު އަސާސީ އެކުލަވާލައި، އަމަލުކުރަން ފެށިފަހުން އިންސާނީ ހައްގުތަކާ ބެހޭ ދާއިރާއިން ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދި ކަމަށެވެ. ރާއްޖެއަށް ލިބިފައިވާ މިނިވަންކަމުގެ ހަގީގީ އުފާ ހޯދުމަށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ވިސްނުމާ އެއްގޮތަށް ގައުމުގެ ސަގާފަތް ބައްޓަންކޮށް، ވަކި ފަރުދުންގެ މެދުގައި އިހުތިރާމް ކުރުމުގެ ރީތި އާދަ އަށަގަންނުވަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ ގޮތުން ކުރެވުނު ބައެއް މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ދުންޔާ ވިދާޅުވީ، 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރައްތިރުންގެ މަޖިލީހުން ފާސްކުރި ބިލްތަކުގެ 60 ޕަސެންޓަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ގުޅުން ހުރި ބިލްތަކެއް ކަމަށެވެ. މަޖިލީހުން ފާސްކުރި އެފަދަ ގިނަ ބިލްތަކާ އެކު 2008 ވަނަ އަހަރު އައި އިރު، ރާއްޖޭގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ދާއިރާ އޮތީ ގާނޫނީ ގޮތުންވެސް ވަރަށް ވަރުގަދަ ބިންގަލެއްގެ މަތީގަ ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިހާތަނަށް ރާއްޖެއިން އިންސާނީ ހައްގުތަކާ ބެހޭގޮތުން އދ ގައި އެކަށައަޅާފައިވާ މައިގަނޑު ނުވަ މުއާހަދާގެ ތެރެއިން ހަތް މުއާހަދާއެއްގައި ރަސްމީގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ރާޢްޖެ ފަދަ ގައުމަކުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ވައުދު ފުޅުގައިވާ ގޮތަށް ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، މިނިވަން މުޖުތަމައެއް ބިނާކުރުމަށް ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ސިޔާސަތަކީ، ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ ސިޔާސަތެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.

އދ ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އދ ގެ މައި އޮފީހުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ، "އަހަރެމެންގެ ހައްގު، އަހަރެމެންގެ މިނިވަންކަން" މި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ޝިއާރުގައިވާ މަގުސަދު ހާސިލްކުރެވޭނީ، މުޖުތަމައުގެ އެންމެންނަށް އެއްވަރަކަށް ހައްގުތައް ހޯދައިދެވިގެންނެވެ.