ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޓާކިޝް އެއާލައިނުން ރާއްޖެއަށް ދަތުރު އިތުރުކޮށްފި

Dec 5, 2021

ޓާކިޝް އެއާލައިންސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

ތުރުކީގެ ގައުމީ އެއާލައިން -- ޓާކިޝް އެއާލައިނުން މީގެކުރިން ރާއްޖެއަށް ކުރަނީ ހަފްތާގެ ކޮންމެ ދުވަހަކު އެއް ދަތުރެވެ.

އަލަށް ގެނައި ބަދަލާ އެކު ޓާކިޝް އެއާލައިނުން މިހާރު ގެންދަނީ ހަފްތާ އަކު 11 ދަތުރު ކުރަމުންނެވެ.

ދަތުރުތައް އިތުރުކުރީ ހަފްތާގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަށެވެ.

ޓާކިޝް އެއާލައިންގެ ދަތުރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ގެނައި ވަގުތީ ބަދަލެއް ކަމެއް ނުވަތަ ދާއިމީ ބަދަލެއް ކަމެއް އެނގިފައެއް ނުވެ އެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރާއި ޖެނުއަރީގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އެ މުއްދަތުގައި ބައެއް އެއާލައިންތަކުން ދަތުރުތައް އިތުރުކުރުމަކީ ކުރާ ކަމެކެވެ.

ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކުގެ ތެރެއިން ހަތްވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތް ކުރަނީ ޓާކިޝް އެއާލައިންގަ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ފަތުރުވެރިންނަށް ދޭ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލް އިން ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސ އިންތިޒާމުތަކެއް ހަމަޖައްސަމުންނެވެ.