ޔާޝް ޗޯޕްޅާގެ "ޑަރް"ގެ ލީޑް ރޯލު ފުރަތަމަ ކުޅެން ލިބުނީ އާމިރު ޚާނަށެވެ. އެ ފިލްމުގައި އޭނާ ކުޅެން ޖެހެނީ ނުބައިބައި ރޯލަކަށް ވާތީ އޭނާ ގަބޫލުނުކުރުމުން ޝާހް ރުކް ޚާނަށް ލިބުނީ އެވެ. ޝާހް ރުކް އަލިގަދަ ތަރިއަކަށް ވީ މި ފިލްމުންނެވެ.
ތަންކޮޅެއް ކުރިން 80އިގެ އަދި 90އިގެ އަހަރުތަކުގައި ނެގެޓިވް ރޯލުތަކަކީ ވަރަށް އެކްޓަރުންގެ ކެރިއަރުގެ ކުރިއެރުމަށް ވަރަށް ގެއްލުން ހުރި އެއްޗެއްގެ ގޮތުގައި ބެލެވުނެވެ. އޭގެ އެންމެ ރަނގަޅު އެއް މިސާލަކީ ބިންދޫ އެވެ.
"މޯނާ ޑާލިންގް"ގެ ކެރެކްޓާ އިން ބިންދޫ މަޝްހޫރުކަން ހޯދިޔަސް ވަރަށް ގިނަ ހިންދީ ފިލްމުތަކެއްގައި ބިންދޫ ވަނީ ނެގެޓިވް ރޯލުތައް އަދާކޮށްފަ އެވެ. ނަތީޖާއަކަށްވީ ފިލްމު ބަލާ ގިނަ ބަޔަކު އޭނާ އަކީ ގޯސް މީހެއް ކަމަށް ގަބޫލުކޮށް އޭނާއަށް ނަފްރަތުކުރަން ފެށުމެވެ.
އީޓައިމްސް އަށް ބިންދޫ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އެއް ފަހަރަކު އޭނާ ޕާޓީއަކުން ދިމާވެގެން ރާކީގެ ގައިގައި ބައްދާލަފައި ސަލާން ކޮށްލި އެވެ. އެ ވަގުތު ފަހަތުގައި ހުރި މީހަކު 'ރާކީ ކީއްކުރަންހޭ ބިންދޫ ގައިގައި ބައްދަނީ' ބުނި އަޑު އިވުނެވެ.
"އެމީހުންނަށް ހީވެފައި އޮންނަނީ އަހަންނަނީ ހަގީގަތުގައި ވެސް ވަރަށް ގޯސް މީހެކޭ. އަހަރެން ކުޅެފައި ހުންނަ ފިލްމުތައް ބަލަން ސިނަމާތަކަށް ވަދެ ތިބޭ މީހުން ވެސް އަހަންނާ ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބުކޮށް ހަދާ. އެކަމަކު އެމީހުން އެ ގޮވާ އެއްޗިއްސަކީ އަހަރެންގެ އެކްޓިން މޮޅުކަން ކުރާ ތައުރީފުކަމަށް އަހަރެން ބަލަނީ. އަދި ގޮވާ ހުތުރު އެއްޗިއްސަކީ އަހަރެންނަށް ލިބޭ އެވޯޑުކަމަށް ގަބޫލުކުރަނީ،" ބިންދޫ ބުންޏެވެ.
ބިންދޫ އިތުރަށް ބުނި ގޮތުގައި އޭނާގެ ރަން ޒަމާނުގައި އަންހެންވެރިން އެމީހުންގެ ފިރިން އޭނާއަށް ފޮރުވާތަން ވެސް ފެނެ އެވެ.
"ފިރިހެން ފޭނުން އަހަންނާ ބައްދަލުކުރަން އަންނަ އިރަށް އެމީހުންގެ އަނބިން ފަހަތުގައި ތިބެގެން އެމީހުންގެ އަތަށް ދަމާ ދުރަށް ގެންދަން އުޅޭނެ. އެމީހުން ހީކުރަނީ އަހަރެންގެ ރީތިކަމުގެ ޖާދޫގައި އެމީހުންގެ ފިރިން ޖައްސަފާނޭ. އެމީހުން ފިރިން އަހަންނަށް ހިތް ކިޔައިގެން އަހަރެން ފަހަތުން އަތުވެދާނޭ،" ބިންދޫ ބުންޏެވެ.
ނަމަވެސް މިއަދު އެ ވިސްނުން ބަދަލުވެފައިވާ ކަމަށާއި މީހުންނަށް ސްކްރީނުން ފެންނަ ކެރެކްޓާއާއި އަސްލު މީހާ އަކީ ތަފާތު މީހެއްކަން މިހާރު ވިސްނޭ ކަމަށް ބިންދޫ ބުންޏެވެ.
ބިންދޫ ކަހަލަ ނެގެޓިވް ރޯލުތައް ކުޅުނު އެކްޓަރުން އޭރު ހުނިޖެހިގެން ނެގިފައި ތިއްބަސް މިހާރު އެގޮތަށް ނުފެންނަނީ ލީޑް ރޯލު ކުޅޭ އެކްޓަރުން ވެސް އެފަދަ ރޯލުތައް ފަސް ނުޖެހި ކުޅެލާތީކަމަށް ބިންދޫ ގަބޫލު ކުރެ އެވެ.