ފިނޭންސް މިނިސްޓްރީ

ބިޑް ޕްރޮޕޯސަލް ޕޯޓަލްއެއް ތައާރަފު ކޮށްފި

ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ހުށަހަޅާ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށްޓަކައި ތައްޔާރު ކުރި "ބީލަން ޕޯޓަލް" މިއަދު އިފްތިތާހު ކޮށްފި އެވެ.

މެންހެޓަން ބިޒްނަސް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

ބީލަން ޕޯޓަލް ތަރައްގީކޮށްފައި ވަނީ އެފަދަ ޕޯޓަލްތަކުގައި ހިމެނޭ ސެކިއުރިޓީ ފީޗާ ހިމަނައިގެނެވެ. އަދި ބިޑްތައް ހުންނާނީ ވެސް އެންކްރިޕްޓްކޮށް ހޭޝް ކޮށްފަ އެވެ. ބިޑްތަކަށް އެއްްވެސް ބަދަލެއް ގެނެސްފިނަމަ އެކަން ސިސްޓަމުން އެނގޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ޕޯޓަލް ފަރުމާ ކޮށްފައި ވަނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެ ގޮތަށް ކަމަށާއި ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުނަށް ވެސް ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.