އިބްރާހިމް އަމީރު

ޕްރޮކިއުމަންޓާ ގުޅޭ މުވައްޒަފުން ތަމްރީނު ކުރަނީ

ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ތަމްރީން ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ހުށަހެޅޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށްޓަކައި ތައްޔާރުކުރި "ބީލަން ޕޯޓަލް" ލޯންޗު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރަން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޕްރޮކިއުމަންޓް ޕޮލިސީ ބޯޑާއި ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގެ އިތުރުން ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ ވެސް އެކުލަވާލައިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ބޯޑުތަކާއި ކޮމިޓީތައް އެކުލަވައިލުމުން އެކަނި ނުފުދޭ ކަމަށާއި އަދި ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ސިފައެއްގައި ތަންފީޒު ކުރަން އެ ނިޒާމްތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސްއޫލިއްޔަތު އެބައޮތް ކަމަށެވެ.

ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން އެނގިގެން އެ މަސައްކަތް ކުރާ ބަޔަކަށް ހަދަން ގައުމީ ޔުނިވާސިޓީ އާއި ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިން ޕްރޮގްރާމް ވުޖޫދަށް ގެނެސް އެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރު ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށްވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުން." އަމީރު ވިދާޅުވި އެވެ.