އިސްލާމިކް މިނިސްޓްރީ

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލަނީ

މާލޭ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ދަފުތަރުގައި ރަޖިސްޓްރީވުމަށް ފޯމް މިމަހުގެ 12 އިން 30 އަށް ހުށަހެޅޭނެ ކަމަށެވެ. އަދި ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މިވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަަކަށް ވާތީ މި ފަރާތްތަކުން ރަޖިސްޓްރީން ވާން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ފަގީރުންގެ ގޮތުގައި 8764 މީހަކު ވަނީ ރަޖިސްޓަރީވެފަ އެވެ. އޭގެތެރެއިން 1717 މީހުންނަކީ މާލެއިން ރަޖިސްޓަރީވި މީހުންނެވެ.