މާލޭ ސިޓީ ކައުންސިލް

ޕާކިން ޖާގަ ލިބުނީ 211 މީހުނަށް

Dec 6, 2021
1

މާލޭގެ އެކި ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުގައި އަގު ނަގައިގެން ވެހިކަލް ޕާކް ކުރަން ކަނޑައަޅާފައިވާ ޖާގަތައް ލިބުނު މީހުން ކަނޑައަޅައިފި އެވެ.

ޕާކިން ޖާގަތަކަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި މީހުންގެ މެދުގައި މާލެ ސިޓީ ކައުންސިލް އިދާރާގައި ރޭ ވަނީ ގުރުއަތުލާފަ އެވެ. އަދި ޕާކް ކުރާނެ ޖާގަ ގުރުއަތުން ލިބުނު 211 މީހުނަށް މިހާރު ވަނީ އެކަން އަންގާފަ އެވެ. އަދި ޕާކިން ޖާގަ ލިބުނު މީހުނާއެކު މިއަދުން ފެށިގެން އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ ޕާކިން ޒޯންތަކަށް ހުޅުވާލުމުން 969 މީހަކު ކުރިމަތިލި އެވެ.

އެންމެ ގިނަ ޖާގަ ހުޅުވާލީ ސަލްމާން މިސްކިތް ކައިރީގައިވާ ޒޯނުންނެވެ. އެ ސަރަހައްދުން 58 ޖާގަ ކުއްޔަށް ދޭން ނިންމާފައިވެ އެވެ. ދެވަނަ އަަށް އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރަން ނިންމީ ވައިދެރިހިނގުމުންނެވެ. އެ ސަރަހައްދުން 44 ޖާގަ ކުއްޔަށް ދޫކުރާނެ އެވެ. މީގެ އިތުރުން ރާދަފަތި ހިނގުމުން 21 ޖާގަ، ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތިފަޅިން 20 ޖާގަ، ކުރެދިގޯޅިން 10 ޖާގަ، ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި -- ސްޓޭޑިއަމް ފަޅީގައި 10 ޖާގަ، ސޮލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި އަލިމަސް ކާނިވާ ސަރަހައްދުން ހަ ޖާގަ ކުއްޔަށް ދޫކުރުމަށްވެސް ނިންމާފައިވެ އެވެ. ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް ޗައިނާ އެމްބަސީ ކުރިމަތިން އާޓިފިޝަލް ބީޗް ޕާކިން ޒޯނުން 24 ޖާގަ ކުއްޔަށް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ޕާކިން ޖާގަ ލިބުނު ޕްރައިވެޓް ކާރުތަކުގެ ވެރިފަރާތްތަކުން މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީ ބާއްވަން ޕާކިން ޖާގަ ލިބުނު މީހުން ދައްކަންޖެހޭނީ މަހަކު 750 ރުފިޔާ އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަހުގެ 15ގެ ފަހުން ވެހިކަލް ބާއްވާ ގަރާޖުގެ ގޮތުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ޖާގަތައް ކަނޑައެޅުމަށްފަހު ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. ގަރާޖުގެ ގޮތުގައި ޖާގަ ލިބޭ މީހުން އެ ޖާގަ ހޯދުމަށް އެއް ފަހަރާ 25،000 ރުފިޔާ ދައްކަންޖެހެ އެވެ. އޭގެފަހުން ކޮވިޑް ހާލަތު ނިމެންދެން ކޮންމެ މަހަކު ދައްކަންޖެހޭނީ 1،000 ރުފިޔާ އެވެ.