ވިލިމާލެ

ވިލިމާލޭގައި ބެޓެރި ކާރުގެ ހިދުމަތްދޭނެ ބަޔަކު ހޯދަނީ

Dec 6, 2021
1

ވިލިމާލޭގައި އިލެކްޓްރިކް ކާރު ނުވަތަ ބެޓެރި ކާރުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށް ބުނެފައި ވަނީ 24 ގަޑިއިރު އެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލާ ކަމަށާއި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އަދި އަގު ހުށަހަޅަން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންގައި ބާއްވާނެ ކަމަށެވެ.

ކައުންސިލްގެ އިއުލާންގައިވާ ގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެ ވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނަލެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ބެޓެރި ޓެކްސީގެ ހިދުމަތް ވިލިމާލޭގައި ތައާރަފުކުރި ނަމަވެސް އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށްފައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ ބެޓެރީ ނުވަތަ އިލެކްޓްރިކް 10 ކާރު ހޯދާނެ ކަމަށާއި ކާރުގެ ތެރޭގައި ވޭނެއްް ވެސް ހިމެނޭނެ ކަމަށެވެ.

ވިލިމާލޭގައި މިހާރު ވެސް ބަގީގެ ހިދުމަތް ދެ އެވެ. އެކަމަކު ބަގީގައި ނުގެންދެވޭ ތަކެތި ވެސް ހުންނާތީ ވިލިމާލޭގެ ރައްޔިނުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ތިމާވެއްޓާ ރަށްޓެހި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތެއް ދޭން ނިންމީ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.