ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނުދިން

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓައިދޭން ދައުލަތުން އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ ޕާސްޕޯޓު، ޝަރީއަތް ނިމެންދެން ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވާތީ އެވެ.

ދައުލަތުގެ ފަރާތުން މިއަދު ކޯޓުގައި ބުނެފައި ވަނީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ އެމަނިކުފާނު ކުށެއް ކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިފައިވާތީ ރައީސް ޔާމީން ވެސް ފިއްލަވައިފާނެ ކަމުގެ އިހުތިމާލް އެބަ އޮތް ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ޖަވާބުދާރީވުމަށް ދެ ހަފްތާގެ ވަގުތެއް ދެއްވުމަށެވެ. އެކަމަކު އިސް ގާޒީ އަހުމަދު
ޝަކީލް މިއަދު ހެނދުނު ނިންމެވީ އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބުދާރީވުމަށާއި އަދި ގޮތެއް ނިންމެވުމަށް ހަވީރު އަޑުއެހުމެއް ބޭއްވުމަށެވެ.

ހަވީރު ބޭއްވި އަޑުއެހުމުގައި ޖަވާބުދާރީވަމުން ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެފައި ވަނީ ދައުލަތުގެ ފަރާތުން ފޯމާ އެކީ އެއްވެސް ހެއްކެއް އަދި ފިލައިގެން ގޮސްދާނެ ކަމަށް ދައުލަތުން ތުހުމަތުކުރާ ސަބަބު ވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެ ހެކިތައް ދައްކަން ޖެހޭނެ ކަމަށާއި ރައީސް ޔާމީން އަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ އަތްޕުޅުގައި މިވަގުތު ވެލިޑް ޕާސްޕޯޓެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މިއަހަރުގެ ޖެނުވަރީ މަހު ޕާސްޕޯޓު މުއްދަތު ހަމަވެފައިވާ ކަމާއި މިވަގުތު އެ އަމުރު ނެރެގެން ނެރެވޭނެ އެއްވެސް ނަތީޖާއެއް ވެސް ނެތް ކަމަށެވެ.

ޝިޔާޒް އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިހާތަނަށް ކޯޓުތަކަށް ވެސް ފިއްލަވައިފައި ނުވާ ކަމަށާއި ކޯޓު އަމުރުތަކަށް ތަބާވެ ބަރާބަރަށް ކޯޓަށް ހާޒިރުވެފައި ވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން މި ކަންކަމަށް ވެސް ގޮތެއް ނިންމާއިރު ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ކަން ދައުލަތުން އެނގޭތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަކުން ފުރައިގެން ދެވޭނެތޯ އެއްސެވި އެވެ. ދައުލަތުން ބުނެފައި ވަނީ އެކަން ކުރިން އެނގޭ ކަމަށާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓަކުން ނުފުރޭނެ ކަމަށެވެ. އެކަމަކު އާ ޕާސްޕޯޓެއް ހައްދައިގެން ފުރޭނެ ކަމަށާއި ޕާސްޕޯޓު އާކުރަން ހުށަހަޅައިފިނަމަ، އެކަން ދައުލަތަށް ވަގުތުން ނޭންގޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ދެފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ގާޒީ ނެރުއްވި އަމުރުގައި ވިދާޅުވެފައި ވަނީ މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލައިގައި ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓޭވަރުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ރާއްޖެއިން ފިލައިގެން ދާން އުޅޭކަމުގެ އެއްވެސް ހެއްކެއް އެ ފޯމުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި ހިފަހައްޓަން އެދުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަން އެނގެން އޮތް ކަމަށެވެ.

ރައީސް ޔާމީން ރާއްޖެއިން ވަޑައިގެންފިނަމަ މައްސަލަ ކުރިއަށް ގެންދިއުމަށް ދަތިވާނެ ކަމަށާއި އެމަނިކުފާނަކީ ރާއްޖެއިން ބޭރުގައި އުޅުމުގެ ތަނަވަސްކަން ހުރި ބޭފުޅެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނަކީ ބަރާބަރަށް ކޯޓަށް ހާޒިރުވާ ބޭފުޅެއް ކަން އެނގެން އޮތް ކަމަށެވެ.

ނަމަވެސް، ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓެން ނެތް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީން ޕާސްޕޯޓު އާކޮށްގެން ރާއްޖެއިން ފުރަން އުޅޭކަމުގެ ހެކި ލިބިއްޖެނަމަ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދެވޭނެ ކަމަށް ވެސް ގާޒީ ޝަކީލް ނެރުއްވި އަމުރުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ޔާމީން ފުރުން މަނާ ކުރުމުގެ އަމުރަކަށް އެންމެ ފުރަތަމަ ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބާތިލު ކުރުމާ ގުޅިގެނެވެ. ރައީސް ޔާމީން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރުނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. އެ އަމުރުގެ މުއްދަތު ހަމަވާތީ ދައުލަތުން އަނެއްކާ ވެސް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ އެވެ.