ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެމަފިރިންގެ މެދުގައި ވެސް ރޭޕް ހިމެނޭ ކަމަށް ކަނޑައެޅި ބިލް ތަސްދީގު ކުރައްވައިފި

Dec 6, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ ނޮވެމެންބަރު 29 ވަަނަ ދުވަހު ބޭއްވި މަޖިލީހުގެ މިދިޔަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ފާސްކުރި ބިލެކެވެ.

މަޖިލީހުގައި ބިލް ދިރާސާކުރި ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުން ބިލް ފާސްކުރީ 52 މެމްބަރުންގެ ވޯޓާއެކު އެވެ.

ގާނޫނަށް ގެނައި އިސްލާހު ތަކުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލް ކަނޑައަޅައި ބަޔާންކޮށްދީފައިވެ އެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް ވެސް އިސްލާހު ގެނެސްފައިވެ އެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވި މިގާނޫނަށް އިތުރު ބައެއް އިސްލާހުތައް ވެސް ގެނެސްފައިވެ އެވެ.

ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް މިއަދު ތަސްދީގުކޮށް ގެޒެޓް ކުރުމާ ގުޅިގެން ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.