ބޮލީވުޑް

ކައިވެނި ކުރަން ވިކީ އާއި ކެޓުރީނާ ޖައިޕޫރުގައި

ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ރަސްމިއްޔާތުތައް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު އިއްޔެ އެ ދެ ތަރިން ވަނީ ކައިވެނި އޮންނަ ރަށް ކަމަށްވާ ޖައިޕޫރަށް ފުރާފަ އެވެ. އެމީހުންނާއެކު އާއިލާގެ މީހުންގެ ތެރެއިން ބައެއް މީހުން ފުރަން ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ. އަދި ބޭރުގައި ތިބި ކެޓުރީނާގެ ކޮއްކޮމެންނާއި އާއިލާގެ މީހުން އިންޑިޔާއަށް ގޮސް ޖައިޕޫރަށް ދާން ފުރަން ގޮސް ތިބި މަންޒަރު ވެސް ފެނިފައި ވެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތެރެއިން މިއަދު ބައެއް ރަސްމިއްޔާތު އޮންނައިރު މިއަދާއި މާދަމާ އޮންނާނީ ލަވަޔާއި ނެށުމުގެ ހަފުލާ އަކާއި ހީނާފަތް އެޅުން ފަދަ ކަންކަމެވެ. ކައިވެނިކުރަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

ކައިވެންޏަށް ވިކީ އާއި ކެޓުރީނާ ފުރަން ދިޔައީ ވަކިންނެވެ. ނަމަވެސް ދެ މީހުން ހެދުން އަޅައިގެން ތިބީ ވަރަށް ވަރަށް ގުޅޭ ގޮތަށެވެ. އަދި ކެޓުރީނާ ލައިގެން ހުރީ ކައިވެނީގެ ރަސްމިއްޔާތުތަކަށް ތައްޔާރުވާއިރު އިންޑިޔާ މީހުން އަޅާ ވައްތަރުގެ ހެދުމެކެވެ.
އެމީހުންގެ ގޭގެ ވަށައިގެން ތިބި ޕަޕަރާޒީންނަށް މި ދެ ތަރިން ވެސް ވަރަށް ރީތިކޮށް ހިނިތުންވެލާ ސަލާން ކޮށްލާފައި ވެއެވެ.

ނޫސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި ކެޓުރީނާ އާއި ވިކީ ތިބީ ވަރަށް ބޮޑަށް ހެވިފަ އެވެ. އެމީހުން އެހާ ސިއްރުން ކުރަން އުޅޭ ކަންތައް ފަޅާ އަރައިގެން ހެވުނީ ހެން ހީވާ ފަދަ ގޮތަކަށެވެ.

މި ދެ ތަރިންގެ ގާތް އެކުވެރިއަކު އީ ޓައިމްސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ކައިވެންޏާ ގުޅޭ ގޮތުން ނޫސްތަކުން ފަތުރާ ބައެއް ދޮގު ޚަބަރުތައް ކިޔާފައި ކެޓުރީނާ އާއި ވިކީ ކައިރިއަށް ވެސް ވަރަށް ހިނި އާދެ އެވެ. ސަބަބަކީ ބައެއް ވާހަކަ ތަކަކީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކަށް ނުވާތީ އެވެ.

މިސާލަކަށް ޕާޓީގެ ފޮޓޯނަގަން ޑްރޯން އުދުއްސުން މަނާ ކުރި ވާހަކަ އާއި ކައިވެނީގެ ރަސްމިއްޔާތަށް ފޯނު ގެންދިއުން މަނާ ކުރުން ފަދަ ވާހަކަ ތަކެވެ.

ކައިވެނީގައި ބައިވެރިވުމުގެ ދައުވަތު ދީފައި ވަނީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނަށް އެކަންޏެވެ. ފަހުން މުމްބައީއަށް އައިސް ހަމަޖެހިލައިގެން ބޮލީވުޑްގެ އެކުވެރިންނަށް ދައުވަތުދީގެން ބޮޑު ރިސެޕްޝަނެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެއެވެ.