ވާހަކަ

ހިތް ރުއްސާނުތޯ

(5 ޑިސެމްބަރ 2021 އާ ގުޅޭ)

"މަންމީގެ އެންމެ ލޯބިވާ ޔޫކް." އެތައް އަސަރެއް ހޫރައިންގެ އަޑުގައި އެކުލެވިފައި ވިއެވެ. ދަރިފުޅުގެ އަތުގައި ހިފައިލައިގެން ހުރެ އޭނާ ހިނގައިގަތީ ދެނެވެ. އެތައް ހަނދާންތަކެއް ސިކުނޑީގައި އާވެއާލާވަމުން އޭރު ދިޔައެވެ.

* * * * *

ސައިކަލު ޕާކުކޮށްލާފައި ޒެހެން ފޭބީއެވެ. މަގުގެ އަނެއް ފަރާތުން ފެންނަން ހުރި ދިހަ ބުރީގެ މ.ރަތްވިލާގެއަށް ވަންނަން އޭނާ އައެވެ. ވޮލެޓުގައި އޮތް ކީކާޑު ޖައްސާލުމާއެކު ދޮރޯށި ހުޅުވުނެވެ. އެތެރެއަށް ވަންނައިރު ދިމާ ކުރިމަތިން ފެންނަން ހުންނަ ލިފްޓަށް އޭނާ އެރިއެވެ. ހަތްވަނަ ފަންގިފިލާގައި ހުންނަ 7- ބީ އެޕާޓްމެންޓަކީ އޭނާ ދިރިއުޅޭ ތަނެވެ. ތިން ކޮޓަރީގެ ބޮޑު އެޕާޓްމެންޓެކެވެ. އެތަނުގައި އޭނާ ދިރިއުޅެނީ މަންމައާއެކުއެވެ. ކުއްޔަށެވެ. އެ އެ އެޕާޓްމެންޓަށް ބަދަލުވިތާ ތިން އަހަރުވާން ކައިރިވަނީއެވެ. މެންދުރު ގެއަށް އައިސްފަ އެނބުރި ޔުނިވަރސިޓީއަށް ދިޔަ މީހާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. އެހާ ލަސްވީ ޝާފީއާއި ރަހީމްއާއެކު ކޮފީއަކަށް އެރީމައެވެ. ނުވިތާކަށް ކޮފީ ވަގުތު ދިގުދެމިގެން ދާން މެދުވެރިވީ ތަހާނީއާއި ޔުނިވަރސިޓީގަ އުޅޭ އޭނާގެ ރައްޓެއްސެއް ވެސް އެ ކޮފީގަ ބައިވެރިވީމައެވެ.

އަނދިރިކޮށް އޮތް އެޕާޓްމެންޓުގެ ބޮކިތައް ޒެހެން ދިއްލާލިއެވެ. އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. މަޑުމަޑު ނޫކުލައިއަކާއި ހުދުކުލައިގެ ފާރުތަކެވެ. އެއްފަރާތު ފާރުގައި ފަސް ދޮރުފަތުގެ ބޮޑު އަލަމާރިއަކާއި "ކިންގް" ސައިޒުގެ އެނދެވެ. އެނދުގެ ދެއަރިމަތީގަ "ސައިޑް ކަބާޑް" އެވެ. ލިޔާމޭޒަކާއި ޒަމާނީ ފަރުމާއަކަށް ހުރި ފޮތް ހަރެކެވެ. ކޮޓަރިއަށް ވަންނައިރު ވައަތް ފަރާތުގައި ފާޚާނާގެ ދޮރެވެ. ހުރިހާ ފަރުނީޗަރެއްވަނީ ހުދު ކުލައިގައެވެ. އެނދުން ފައިބާއިރު ފައިޖެހޭނީ އަޅާފައި އޮތް އަޅިކުލައިގެ ކުރެހުން އެޅި ބޮޑު ރަގުގައެވެ. ޒެހެން އައިސް މަޑުކޮށްލީ ފާޚާނާ ކައިރީގައެވެ. ލައިގެން ހުރި ގަމީސް ބޭލުމާއެކު އެއިން އޭނާ ވަސްބަލާލިއެވެ. ދެން ކައިރީގަ ހުރި ދާވަށިގަނޑު ހުޅުވާލައި އޭގެ ތެރެއަށް ލިއެވެ. ލައިގެން ހުރި ހުރިހާ އެއްޗެއް ދާވަށިގަނޑަށް ލުމަށްފަހު އަލަމާރި ކައިރީ ހެނދުން އަޅުވަން ހުރި ދިގު ދަނޑިއަށް އެއްލާފައި އޮތް ސޯޓު ނަގައި ލިއެވެ. ދެން އައިސް އެނދު މައްޗަށް އޭނާ އުއްޑުން ވެއްޓިގަތެވެ. ވަރުބަލިވެފައި ވީ ފަދައިން ފުންނޭވާއެއް ޒެހެން ލިއެވެ. ލޯ މަރާލައިގެން އޮވެ ނިތުގެ ދެފަރާތުގައި ދެއަތްތިލައިގެ އިނގިލިތައް ޖައްސާލިއެވެ. މަޑުމަޑުން މަސާޖުކޮށްލިއެވެ.

އެ ހިޔާލުތައް ވަގުތުން ޒެހެންގެ ސިކުނޑިއާއި ހިތަށް ވެރިވާން ފެށިއެވެ. އެކަނިވެއްޖެނަމަ އެ ނޫން ހިޔާލެއް މިހާރު ނުކުރެވެއެވެ. ހޫރައިންގެ ހިޔާލެވެ.

"ދަރިފުޅުތަ އެއީ؟. ހޫރްގެ ދަރިއަކު އެބަހުރިތަ؟. މީހަކާ އިނދެގެންތަ އުޅެނީ؟. ތީ އެހެން މީހެއްގެ ހައްގެއްތަ؟. އެހެންވެތަ ބަލާނުލަނީ... ފެންނައިރަށް ދުރަށް ދަނީ... ތި މޫނުކޮޅު ފެނިދާނެ. ވަރަށް ބަލާލާ ހިތްވޭ ހުންނަ ގޮތް... ދެ ލޯހާ މޫނު ވެސް ލޯބިވާނޭ ހިތަށް އަރަނީ. ކުޑަކުޑަ އަތްތިލައެއް. ހަން އޮމާން ދޮން އަތްތިލައެއް... ހިމަ ދިގުކޮށް ހުރި ނިޔަފަތިތަކެއް... ހޫރްގެ ހުރިހާކަމެއް ވެސް ވަރަށް ލޯބިވާނެހެން ހީވޭ. ސުކުންތަކަށް ވެސް މަޑުކޮށްލޭނަމަ. އައި ލައިކް ޔޫ... ކީއްވެތަ މިހާ ލައިކްވެވެންވީ... ހޫރް!... މަގޭ ފަރި ހޫރް!... ލެޓް މީ ކިސް ދޯސް އައިސް... ހޫމް!... އިޓް ވޯންޓް ބީ އިނަފް... ހެ ހެ ހެ... ވަންޑޭ އިފް އައި އޭމް ލަކީ އިނަފް... އައި ވިލް ޓޭކް ދޯސް ވީލްސް އެންޑް ކިސް ޔޯ ލިފްސް... ހެ ހެ ހެ... ވަޓް!... ޒެން... ވަޓް އާ ޔޫ ސެއިން... އަސްތަގްފިރުﷲ!... މިކުރެވެނީ ހާދަ ނުރައްކާތެރި ހިޔާލެކޭ. ހޫރަކީ މީހެއްގެ އަނތްބެއްނޫން ކަމެއް ނޭނގެ. އެވަރު ޔަގީން ނުވަނީސް ހިތް މިއޮތް ދޫވަނީ... އަމިއްލަ އިހްތިޔާރުން ބޭރުވަނީ. ކީއްވެތަ!." ޒެހެންއަށް މޫނުގައި ދެއަތްތިލަ އަޅާލެވުނެވެ. ފުންނޭވާއެއް ލިއެވެ. ހިޔާލުތައް އެއްފަރާތްކޮށްލަން ބޭނުންވިއެވެ. ހޫރައިންއަށް ބޭނުންވިޔަސް އެ އިހްސާސްތަކަށް ހުރަސް އަޅަނީ އޭނާއަށް ހޫރައިން ނޭނގޭތީ ހިތަށް ވެރިވާ ޖެހިލުންވުމެވެ. މީހެއްގެ ހައްޤަކަށް ހޫރައިން ވެދާނޭތީއެވެ. މީހެއްގެ އަނތްބަކާމެދު އޭނާ އެފަދަ ހިޔާލު ކުރާކަށް ނޭދެއެވެ. ހިޔާލުތަކާ ދުރަށްދާން ޒެހެން ކުއްލިއަކަށް ބޭނުންވިއެވެ. އެހިނދު އޭނާއަށް ހަނދާންކޮށްދިނުމެއްކަމުގައި ﷲ އިރާދަކުރެއްވީ ނަމާދެވެ. ތަންމަތިން ޒެހެން ތެދުވިއެވެ. ފަރުވާކުޑަކޮށްލާފައި އޭނާ އެ އޮތީ ކަންނެތްކަންމަތީއެވެ. ގެއަށް އައި މަގުމަތީ ދެ މިސްކިތަކުން މަޣްރިބު ނަމާދަށް ބަންގި ގޮވި އަޑު އިވުމުގެ ނަސީބު ލެއްވިއެވެ. އެހެންނަމަވެސް ގެއަށް ވަދެވުމުން ވެފައި ވަރުބަލިކަމާއެކު އެނދު ފެނުމުން ކަންނެތްވެ އިބިލީހުގެ ވަސްވާހުގައި ޖެހުނީއެވެ. އެކަމަކު ހޫރެއިންގެ ހިޔާލުތަކުން އޭނާއަށް ނަމާދުގެ މަތިން ހަނދާންކޮށްދީފިއެވެ.

ކޮޓަރިން ޒެހެން ނުކުތީ މިސްކިތަށް ދާށެވެ. މިއުނާއަށް އައިސް އެޕާޓްމެންޓަށް ވަދެވުނީ އެވަގުތެވެ. 48 އަހަރުގެ މިއުނާއަކީ އިސްކޮޅުން ދިގު، ދޮން ރީތި އަންހެނެކެވެ. އަޅާއުޅެނީ ކުލަކުލައިގެ ބޮޑެތި ބުރުގާއާއެކު ބައްޓަން ނޭނގޭހާ ދޫކޮށް ހުންނަ އާބާޔާ ހެދުމެވެ. އަބަދުވެސް ހުންނާނީ އިސްޓާކީނަށް އަރާފައެވެ. ގޭތެރޭގައި އުޅޭ އިރު ވެސް މެއެވެ. ހަށިގަނޑަށް އުޅެނީ ނުހަނު ބަލައިގެންނެވެ. ކަސްރަތު ކުލާހަށް އޭނާ ބަރާބަށް ދާނެއެވެ. އެންމެ ގާތްކޮށް އުޅޭ ޒަމާންވީ ހަތަރު ރަޙުމަތްތެރީންނާއެކު ހަފްތާއަކު ދެ ރޭ މޫދު ކަސްރަތަށް ދެއެވެ. ﷲ ގެ ރަހުމަތުން މިހާތަނަށް ސިއްހީ އެއްވެސް މައްސަލައެއް އޭނާގެ ނެތީ އެހާ ބަލައިގެން އުޅޭތީކަން ޔަގީނެވެ. އެ މޫނުން ހިނިތުންވުމެއް ނުފެންނަ އިރެއް ނުދާނެއެވެ. ކައިރީގަ އުޅޭ މީހުންނަށް އެހާމެ ހެޔޮ ދީލަތި އަންހެނެކެވެ. މިއުނާގެ ހަޔާތް އޭނާ އުންމީދުކުރިހާ ބާއްޖަވެރިއެއް ނުވިއެވެ. އެހެންވިޔަސް ހިތާމައެއް ނުކުރެއެވެ. ހަޔާތުން ފިރިއެއްގެ ލޯބި އުނިވެގެން ދިޔައިރު ﷲ ވަނީ ބަދަލުގައި އެތައް ނިޢުމަތެއް އޭނާއަށް ދެއްވާފައެވެ. އެހެން އަންހެނެއްގެ ފަހަތުން ފިރިމީހާ ދިޔައީ މިއުނާ ވަރިކޮށްފައެވެ. ދަރިފުޅުގެ އުމުރުން އެގާރަ އަހަރުގައެވެ. އެ ދިޔަ ގޮތަށް އަދި އަދަދަށް ވެސް އެއީ އުޅޭ މީހެއްކަން ނޭނގެއެވެ. ދަރިއަކު ހުރިއްޔޭ ކިޔާފައި ދެއިނގިލިކުރީން ވެލިފުކެއްހާ މިންވަރު ވެސް ދިއްކޮށްލާފައެއް ނެތެވެ. މިއަދު ފިރިހެން ދަރިފުޅު ހުރީ ފުރިހަމަ ޒުވާނަކަށް ވެފައެވެ. އެކުއްޖާގެ ހުރިހާކަމެއް ބެލެހެއްޓީ މިއުނާ އަމިއްލައަށެވެ. ކުރީން އޭނާގެ ނެތް ތަނަވަސްކަން މިއަދު ވަނީ ﷲ މިންވަރު ކުރައްވާފައެވެ. އެންމެން ދަންނަ "ބްލޫ މާޓް" އަކީ ފުރަތަމަ ކަންމަތީ ފިހާރައެކެވެ. ﷲ ގެ ރަހުމަތް އޭނާގެ މައްޗަށް އެތައް ގުނައެއް ތަނަވަސްވެގެން ވެއެވެ. އެކަލާނގެ އިރާދަފުޅުން ވިޔަފާރި ފުޅާވީއެވެ. ސުޕަމާކެޓަކަށް ބަދަލުވީއެވެ. އެއަށްފަހު އެ ނަމުގެ އިތުރު ފިހާރަތައް ހުޅުވުނެވެ. މާލޭގައި ދެ ފިހާރަ ހުރިއިރު ހުޅުމާލޭގައި ތިން ފިހާރަ މިހާރު އެބަހުއްޓެވެ.

މިއުނާގެ އާއިލާއޭ ބުނަން މިހާރު ހުރި މީހަކީ ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެއެވެ. މިއުނާގެ ބޭބެ، މުނައްވަރަކީ އެންމެން ދަންނަ މޫނެކެވެ. މަޖިލީހުގެ ތަޅުމުން ފެންނާތީއެވެ. މުނައްވަރަކީ ގަލޮޅު ދެކުނު ދާއިރާ މެންބަރުގެ އިތުރުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެންބަރެކެވެ. މުނައްވަރު ދިރިއުޅެނީ އޭނާއާއި މިއުނާގެ މައިންބަފައިންގެ ގޭގައެވެ. ގ.ސައިމާގެއެވެ. ދެމެދުގައި އޮންނަނީ ގާތް ވަރުގަދަ ގުޅުމެކެވެ. މުނައްވަރު ބަރާބަރަށް މިއުނާގެ ދެމައިންގެ ހާލު ބަލައެވެ. މީހަކާ އިނދެގެން ގެއިން ނުކުތް ގޮތަށް މިއުނާ ދިރިއުޅެނީ ކުއްޔަށެވެ. ވަރިކޮށްލުމުން ވެސް އެނބުރި ދަރިފުޅު ގޮވައިގެން އަމިއްލަ ގެއަށްދާން މިއުނާ ބޭނުންނުވީއެވެ. ވަކި ސަބަބެއް އެކަމުގައި އޭނާގެ ނެތެވެ. ވަކިން އުޅޭން ހިތްޖެހިފައި ހުރީމަ ކަމަށް ވެދާނެއެވެ.

"ކޮންތާކަށް؟." ދަރިފުޅު ނުކުންނަން އައީތީ ގޭތެރެއަށް ވަންނަމުން މިއުނާއަށް އަހާލެވުނެވެ.

"މިސްކިތަށް." ޒެހެން ބުނެލިއެވެ.

"ހާދަ ރަނގަޅޭ... އަވަހަށް ދޭ." މިއުނާ ބުނެލިއެވެ.

ޒެހެން ނުކުންނަންދެން އޭނާއަށް ދޮރުކައިރީ ހުރެވުނެވެ. ނަމާދު ކުރަން އަބަދު ހަނދާންކޮށްދޭން މިއުނާއަކަށް ގޭގައެއް ނުހުރެވެއެވެ. ޒުވާންވެފައި ހުރި ދަރިފުޅު އުޅެނީ ވަޒީފާގައެވެ. ވީއިރު ދެމައިން ބައްދަލުވަނީ ދުވާލުގެ ގިނަވަގުތުތަކެއް ނުފެނި ފާއިތުވާ ފަހުންނެވެ. އެހެންވިޔަސް ޒެހެންއާ ބައްދަލުވީ ވަގުތަކުން ނަމާދު ކޮށްފިންތޯ މިއުނާ އަހާލައެވެ. ޒެހެންއާއި މިއުނާއާ ދެމެދު އޮންނަނީ މަންމައާއި ދަރިފުޅުގެ ގުޅުމުގެ އިތުރުން ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެކެވެ. މަންމައާ ނުދެއްކޭ ވާހަކައެއް ޒެހެންގެ ނޯވެއެވެ. ކަންކަމާ ހިޔާލު ބަދަލުކޮށްލަން އަދިވެސް ޒެހެންއަށް އެންމެ ރަނގަޅީ މަންމައެވެ. އޭނާއަށް ހެޔޮ އެދިގެން ފައިދާވާނޭ ގޮތަށް ނިންމުންތައް ނިންމައިދޭނެ ހަމައެކަނި މީހަކީ މަންމަކަން ޒެހެންއަށް ޔަގީންވާތީއެވެ. މަންމަގެ ހިތްހާ ކައިރީގެ އުޅޭ އެކަކުގެ ހިތް ވެސް ސާފުނުވާނޭކަން ޒެހެން ދަނެވެ.

* * * * *

ރޭގަނޑު ދިހައެއް ޖެހިއިރު ގޭތެރެއަށް އޮތީ ފުން ހިމޭންކަމެއް ވެރިވެފައެވެ. ގޭތެރޭގަ ކުރަން ހުރި ކަންކަން ނިންމާލާފައި ސުމައްޔާ ވެސް ވަދެ އޮތީ ކޮޓަރީގައެވެ. ހޫރައިން ވެސް ދަރިފުޅު ނިންދަވަން ކޮޓަރިއަށް ވަން ގޮތަށް ނުނިކުމެވެ.

އާދައިގެ މަތިން ކޮޓަރިން އިވެމުންދިޔައީ ހޫރައިންގެ ފޯނުން ޖަހާފައިވާ ޤުރުއާނުގެ އަޑެވެ. ކޮޓަރީގެ ކަނަކަށް ވާހެން ފާރުގައި ޖައްސާފައި ހުރި ބޮޑު އެނދުގެ ބިއްދޮށުގައި ޔޫކް ނިދާފައި އޮތެވެ. ދަރިފުޅަށް ފުރަގަސް ދީގެން އަރިއަކަށް ހޫރައިން އޮތެވެ. ދޭތެރެއަކުން ލޮލުން ފައިބާ ކަރުނަ އޭނާ ފުހެލައެވެ. އެ ދެ ލޯ ރޮއްވާލައި ހޫރައިންގެ ހިތުގައި ޖެއްސީ ފުހެވިގެންނުދިޔަ ހަނދާންތަކެވެ. އަޒްހަދަކީ އެ ހަނދާންތަކުގެ ބައެކެވެ. ހޫރައިންގެ ހިތުގައި ފޮރުވި ނިދާފައި އޮތް ފުން ޖަޒުބާތެއް ހޭލައްވާލި ފަރާތެވެ.

"ކީއްވެތަ އަހަންނަށް މިހެންވާންވީ؟. ކިހާ ލޯބިން އަހަރުމެން އުޅުނީ... އަހަރެމެން ދެމީހުންގެ ވެސް ފުރަތަމަ ލޯބި. ދެން ކީއްވެ ހުރިހާކަމެއް މިގޮތަށް ނިމިގެންދާންވީ؟. މީ އަހަންނަށް ހުރި ގޮތްތަ؟. އަޒްހަދު ދެން ދުވަހަކުވެސް އަހަރެން ބޭނުމެއްނުވާނެތަ؟. އެ ހަޔާތަށް އެނބުރި އަންނާށޭ ބުނާނެނަމަ..."

އެ ސުވާލެއް ކުރުން ހޫރައިން ހުއްޓާލިތާ އަހަރުތަކަކަށްފަހު އަނެއްކާ ހަމަ ސުވާލު އޭނާ ހިތް ކޮށްފިއެވެ. ﷲ ގެ މިންވަރުފުޅު ގަބޫލުނުކުރާތީއެއް ނޫނެވެ. އެ ނަފްސު ބަލިކަށިވީއެވެ. ހަނދާންތަކާއެކުވެގެން އެ ހިތާއި ސިކުނޑި ހިސާރުކޮށްފައިވާ ހިތްދަތި ޖަޒުބާތުގައި ޖެހިގެންނެވެ. ކަރުނަތައް ގިނަވެ ހޫރައިންއަށް ގިސްލެވުނެވެ. އަވަހަށް އަނގަމަތީ އަތްއަޅައި ބާރުކޮށްލެވުނެވެ. ގާތުގައި އޮތް ދަރިފުޅަށް ހޭލެވިދާނެތީއެވެ. މަޑުމަޑުން އޭނާ އެނދުން ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. ހިފެހެއްޓުމެއްނެތި ދެ ލޮލުން ފައިބަމުންދިޔަ ކަރުނަ ކޯތާފަތް ތެތްމަމުން މޫނުގެ ކޮޅުން ފައިބަމުންދިޔައެވެ. އެ ދެ ލޮލުން ހޫރައިން ބަލަން އިނީ ކުޑަކުޑަ ޔޫކް އަށެވެ.

"މިހާ ބޮޑު އިމްތިހާނަކުން ﷲ އަހަރެން އިމްތިހާނު ކުރައްވަނީ ކީއްވެ؟." ހޫރައިންއަށް މޭގައި އަތް އަޅާލެވުނެވެ. އެ މޭގައިވާ ފާރަށް ޝިފާއަށް ނުވާ ފަދައެވެ. ތަދާއިވޭން ފިޔަވާ އިތުރު އިހްސާސެއް އޭނާއަކަށް މިއަދު ނުކުރެވެއެވެ. އެހެންވިޔަސް މި ދިރިއުޅުމުގައި ވަރިބަލިވާނޭ ފުރުސަތެއް އޭނާއަކަށް ނެތެވެ.

ރޭގަނޑުގެ އެންމެ ފަހު ދަމެވެ. ވުޟޫކޮށްލައިގެން ފާޚާނާއިން ނުކުތް ސުމައްޔާ ތުވާލިން އަތްފައި ހިއްކަމުން ކޮޓަރިން ނުކުތެވެ. އޭނާ އައިސް މަޑުމަޑުން ހޫރައިންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ދެފައި ކުރުކޮށްލައިގެން ހެޑްބޯޑުގައި ލެނގިލައިގެން އިން ހޫރައިން ފެނުނެވެ. ސުމައްޔާ އައިސް ދަރިފުޅުގެ ކައިރީ ހުއްޓިލިއެވެ. މަގަތުން އެނދުގައި އިށީނދެ ހޫރައިންގެ ކޯތާފަތުގައި ކަނާއަތްތިލަ ޖައްސާލިއެވެ. ފަނޑު އަލިކަމުގައި ހޫރައިންގެ ތެތްކަން ނުފިލާ ހުރި ކޯތާފަތް ސުމައްޔާއަށް ފާހަގަ ކުރެވުނީއެވެ.

"ހޫރައިން..." ކިހިނެއްތޯވީ އަހާލުމުގެ ބަދަލުގައި ސުމައްޔާ ގޮވާލީ ދަރިފުޅުގެ ނަމުންނެވެ.

"މަންމާ... މިއަދު... މިއަދު އަޒްހަދް ދުށީން..." މަންމަގެ އަތުގައި ހިފާ ބާރުކޮށްލުމާއެކު ގިސްގެ އަސަރު އެކުލެވިވާ އަޑުން ހޫރައިން ބުނެލިއެވެ. ވަގުތުން ސުމައްޔާއަށް ހުރިހާކަމެއް ނަގައިގަނެވިއްޖެއެވެ.

"އަހަރެމެން ކުރާ އުންމީދު ފުނޑުފުނޑުވީމާ ހިތަށް ވަރަށް އަސަރުކުރޭ. އެކަމަކު ވިސްނަންވީ... ﷲ އަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން. އަހަރެމެންގެ މައްޗަށް ހުރި މޮޅަކާއި ދެރައެއް ވެސް އެ އިލާހަށް ސިއްރުވެގެންނުވޭ. ﷲ އީ ތައުބީރު ކުރެއްވުން އެންމެ މޮޅު ރަސްކަލާނގެ. ހޫރް!... މާޔޫސްނުވޭ. ފުރިހަމައަށް ﷲ އަށް ވަކީލްކުރޭ. އެކަލާނގެއަށް އިތުބާރުކުރޭ. ތާއަބަދު ދުނިޔެ މިގޮތުގައި ނޯންނާނެ. ޒަމާން ބަދަލުވެދޭ... ދަރިފުޅުގެ ހަޔާތަށް އައިސްފަ މިވާ ދަތިކަން ﷲ ފިއްލަވާދެއްވާނެ. އާ ދުވަހަކަށް އަލިވިލޭ ފަދައިން، ދަރިފުޅުގެ ހަޔާތް އަލިކޮށްދިނުމަށް އެކަލާނގެ ކުޅަދުންވަންތަވެގެންވޭ. ހިތްސާފުކޮށް މިންވަރުފުޅަށް ރުހޭ... ހޫރް!... ބަލާބަލަ... މި އޮތް ކުޑަކުޑަ ފުރާނަ މި ދުނިޔެއަށް އުފަންކުރަން ދަރިފުޅަށް ﷲ ސާބިތުކަން ދެއްވި. އެ ސާބިތުކަމުގައި ހުރޭ. ގިނަގިނައިން އެކަލާނގެއަށް ދަންނަވާ. ކޮންމެ އިމްތިހާނެއްގައި ހެވެއްވާނެ... ދަތިހާލު ޖެހޭ ހިނދު ނިޢުމަތްތައް ދެއްވި ރަސްކަލާނގެއަށް ދެންނެވުން އޮތީ. ﷲ ދަރިފުޅުދެކެ ލޯބިވޭ. ﷲ އީ އެކަލާނގެ ލޯބިވާ އަޅުން ގިނަގިނައިން އިމްތިހާނު ކުރައްވާ ރަސްކަލާނގެ. އެއްގޮތަކަށް ވެސް މާޔޫސްނުވޭ ހޫރް. އަވަހަށް ތެދުވޭ... ރޭގެ އެންމެ ފަހުވަގުތުމީ. ފަތިސްވުމުގެ ކުރީން ނަމާދަށް އަރާ. ތިހިތުގައިވާ ރިހުން ހާމަކުރުމަށް ނަމާދަށްވުރެ ހެޔޮ އަޅުކަމެއްނެތް. ދަރިފުޅުގެ އަޑު ﷲ އައްސަވާނެކަން ޔަގީން. އަދި ތިހިތަށް ހަމަޖެހުން އެކަލާނގެ ދެއްވާނެކަން މަންމައަށް އެނގޭ."

ހޫރައިންގެ ކޯތާފަތް ސުމައްޔާ ފުހެލިއެވެ. ދަރިފުޅުގެ ދެކޮނޑުގައި ފިރުމާލިއެވެ. ހިނިތުންވުމާއެކު ދަރިފުޅު ކޮޅަށް ނެގުވިއެވެ. ނަމާދު އެއްޗެހި ހިފައިގެން އޭނާ އެ ކޮޓަރިއަށް އަންނަންވާއިރަށް ވުޟޫކޮށްގެން ނުކުންނަން ހޫރައިން ކައިރީ ސުމައްޔާ ބުންޏެވެ. މިއަދު ސުމައްޔާއަށް ކުރެވެން އޮތީ ﷲ އަށް ވަކީލު ކުރުމާއެކު އެ ދަރިފުޅަށް ހިތްވަރު ދިނުމެވެ. އެ ދަރިފުޅާއެކު ހުރިހާ ވަގުތަކު އޭނާ އެބަހުރިކަން އިހްސާސް ކޮށްދިނުމެވެ. މާޔޫސްވެ ނުތަވަސްވާ ވަގުތު ﷲ ގެ ރަޙުމަތް ތަނަވަސްވެގެންވާކަން އެކުއްޖާއަށް ހަނދާންކޮށްދިނުމެވެ. މިއަދު އަޒްހަދަކީ މީހެއްގެ ފިރިއެކެވެ. އެހެންވިޔަސް އަޒްހަދުގެ ހަޔާތުން ހޫރައިން ބޭރުކޮށްލުމަށްފަހު އަލުން ހޫރައިންގެ މައްޗަށް އޭނާގެ ހިތް ޖެއްސުމަށް ﷲ ކުޅަދުންވަންތައެވެ. ހޫރައިންގެ ހަޔާތް އާރާސްތުކޮށްދީ އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރާލަދޭނެ މީހަކީ އަޒްހަދަށް ނުވުމަކީ ވެދާނޭ ގޮތެވެ. ހޫރައިންގެ މައްޗަށް ﷲ ރާއްވަވާފައިވާނީ އޭނާއަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ ފައިދާ ކުރުވަނި ގޮތަކަށް ގައިމެވެ. ދެރަކަމެއް ދިމާވުމާއެކު މީ ހުރި ގޮތްހޭ ކިޔާ ޝަކުވާ ކުރުމުގެ ބަދަލުގައި ﷲ އެފަދައިން މިންވަރުކުރެއްވީ އެކަމުގައި އޭނާގެ މައްޗަށް ހެވެއް އޮވެގެންކަން ހިތުގެ އަޑިން ގަބޫލުކުރަން ޖެހެއެވެ. (ނުނިމޭ)