ރިޕޯޓް

މި ފޮޓޯގެ ހަގީގަތް އެނގޭތަ؟

ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މައްސަލަތަކުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މައްސަލަގަނޑުން ފުރިފައި އޮތް ކުޑަކުދިންގެ ހިޔާގެ ވާހަކަތަކަކީ މީގެ ދުވަސްކޮޅެއް ކުރިން، ދޫ މައްޗަށް ފަރިތަ ވާހަކަތަކެކެވެ. އެކަމަކު އެތަނުގެ ވާހަކައެއް އަޑު ނީވޭތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ. އެކަމަކު އަނެއްކާ ވެސް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާ ވާހަކައެއް ފެތުރި ރަށު ތެރޭގައި މި އަންނަނީ ހިނގަމުންނެވެ. ސޯޝަލް މީޑިއާގައި ބަހުސް ކުރެވެނީ ހިޔާގައި ތިބޭ ކުދިންގެ އަންނައުނު ހިއްކަން ޓެރަސް މައްޗަށް އުކާލާފައި ހުރި ފޮޓޯ އެއްއާންމުވުމުންނެވެ. އެތަނުގެ ހާލަތު އިންތިހާ ދަރަޖައަށް ގޯސްވެފައިވާކަން ފޮޓޯއިން ބުނެދެ އެވެ. ހަގީގަތުގައި ވެސް އެކަން އޮތީ އެހެން ހެއްޔެވެ؟ މައްސަލައިގެ ހަގީގަތަކަށް ބަލައިލަމާ ހިނގާށެވެ.

ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވި ގޮތުގައި ޖިންސް ހިއްކަން އަޅާފައިވާ ފޮޓޯ އަކީ އޭގެ މާނަ އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ދައުރު ކުރާ ފޮޓޯއެއް ކަމަށެވެ. ޒީނާޒް ވިދާޅުވި ގޮތުގައި ޓެރަސްމަތީގައި އެއްޗިހި ހިއްކަން ބަހައްޓާފައި ހުރީ، މިދޭތެރެއިން ވިއްސާރަ ކުރުމުގެ ސަބަބުން ދޮންނަ މެޝިނުން ހިއްކި ނަމަވެސް ބައެއް ޖިންސް ފަދަ ތަކެތީގެ ކަންމޫޑް ވަސް ދުވުމުގެ ސަބަބުން އެތަކެތީގެ ހިފާފައިވާ ވަސް ފިލުވުމަށް އަވީލުމުގެ ގޮތުން ކަމަށެވެ. އަދި ޓެރަސް މައްޗަށް ބައެއް އަންނައުނު ނެރުނީ އެތެރޭގައި އެއްޗިހި ހިއްކަން އަޅާ އެއްޗިހި ނެތިގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޒީނާޒް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ހުރި މައްސަލަތައް ހައްލުކޮށް އެތަނަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. 

"ކަންކަމާމެދު ސީދާކޮށް ވިސްނުމުގެ އާދަ ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް މިހާރު އުޅެވެނީ ހުރިހާ ކަމަކުން ކުށް ހޯދޭތޯ. އެއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެއް. އެކުދިންގެ ޖިންސްތައް އެ ބެލްކަނީގައި ބެހެއްޓީ އެކުދިންގެ ގަދަރު ކުޑަކޮށްލާކަށް ނޫން. އެއްޗިހި އަޅުވާނެ ހަރުގަނޑު ނެތީމައެއް ވެސް ނޫން. އެ ފޮޓޯ އިންވެސް އިނގޭނެ އެއީ ހަޑިތަނެއް ނޫންކަން. ގޭގައި ވެސް އަޅުގަނޑުމެން އަންނައުނު އެގޮތަށް އަވީގަ ލަން. އެކަން ކުށަކަށް މިވީ މި އިމާރާތަށް ވީމަތޯ؟،" ޒީނާޒް ވިދާޅުވި އެވެ. "ކުޑަ އިރުކޮޅަކަށް އެގޮތަށް ބެހެއްޓީ އޭގައި ހުރި ކަންމޫޑް ވަސް ފިލުވާލަން. އެވަގުތުކޮޅުގެ ތެރޭގައި މި ފޮޓޯ މި ނަގާލީ،"

"އަވަސް" އަށް ކުޑަކުދިންގެ ހިޔާގެ ހާލަތު ބަލައިލަން ޒީނާޒް ދިން ފުރުސަތުގައި ވެސް އެތަނަށް ބޭނުންވާ އަދަދަށް އޮޓަމެޓިކް ދޮންނަ މެޝިނާއި އެއްޗިހި ހިއްކާ ތަކެއްޗާއި އެއްޗިހި ހިއްކަން ބޭނުން ކުރާ ހަރުގަނޑުތައް ވެސް ފުދޭ ވަރަކަށް ހުއްޓެވެ. އަދި އަންނައުނު އަވީލާފައި ހުރި ޓެރަސްއަކީ ވެސް ކުދިންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި ހުރި ތަނެކެވެ. އެތަނަކީ ތަށިމުށި ޖަހައި ވަރަށް ބޮޑަށް ސާފުކޮށްފައިވާތަނެކެވެ.

"އަޅުގަނޑުމެން މިހާރުވެސް މިވަނީ މިތަނުގެ ވަސީލަތްތައް ވަރަށް ބޮޑަށް ތަރައްގީކޮށްފަ. އެއްޗެހި ދޮންނަންވެސް ފަސް އޮޓޯ މެޝިނާ ތިން ޑްރަޔާ ވަރަށް ފަހުން ވެސް މިވަނީ ހޯދާފަ. ކުދިންގެ އަތުން ހަލާކުވާ ތަންތަން ވެސް ވަގުތު ނަގާނުލައި މަރާމާތުކުރަން. އަޅުގަނޑުމެންގެ ކުދިންނަށް ގަބޫލުކުރެވޭނެ އެކުދިންނާ ދޭތެރޭ އިހާނަތްތެރި އެއްވެސް ކަމެއް ސްޓާފުން ނުކުރާނެ ކަން،" ކުޑަކުދިންގެ ހިޔާއަށް އަވަސް އިން ކުރި ޒިޔާރަތުގެ ތެރެއިން ޒީނާޒް ވިދާޅުވި އެވެ. 

ކުޑަކުދިންގެ ހިޔާގައި އެކި އުމުރު ފުރައިގެ 126 ހެއްހާ ކުދިން ތިބި އިރު، ކޮންމެ ދުވަހަކުވެސް އެކުދިންގެ ކޮޓަރިތައް ސާފުކުރުމާއި، އަންނައުނު ދޮވުމާ އެފަދަ ގިނަ ކަންކަމުގައި އަވަދިނެތި ބުރަ މަސައްކަތްތަކެއް ތަނުގެ މުވައްޒަފުން ކުރާ މަސައްކަތް ޒީނާޒް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންނަކީވެސް ކުދިންނާއި ރައްޓެހި، އޯގާތެރި ބައެކެވެ. އެންމެ ފޮޓޯއެއްގެ ސަބަބުން އެމީހުންނަށް އަމާޒުވީ، ހައްގު ބަސްތަކެއް ނޫން ކަމަށް ވިދާޅުވެ އެކަމާ ޒީނާޒް ހިތާމަ ކުރެއްވި އެވެ.

ޒީނާޒް އެ ވިދާޅުވާ ގޮތަށް ކުޑަކުދިންގެ ހިޔާއާ މެދު ކުރަމުން އައި ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އޮތީ އައިސްފަ އެވެ. ހަމަ ޔަގީނުން ވެސް ކަންތައްތަކެއް ރަނގަޅުވެއްޖެ އެވެ. އެކަމަކު އަދި ރަނގަޅު ކުރަން ކަންތައްތަކެއް ހުންނާނެވެސް މެ އެވެ. އެކަމަކު މައްސަލަ އަކީ މިކަހަަލަ އިޖްތިމާއީ ބޮޑު ކަމެއްގެ ތެރެއިން ވެސް ސިޔާސީ ކޮންމެވެސް އުދާސްތަކެއް އުފައްދަން ބޭނުންވުމެވެ. ނުބައި ތަސްވީރެއް ދައްކައި އާންމުންގެ އިހުސާސްތަކާ ކުޅުމުގެ ސިލްސިލާތަކަށް ނިމުމެއް ނެތެވެ. އެ މުޅި ފޮޓޯ އިން ކުޑަކުދިންގެ ހިޔާގެ ހަގީގީ މަންޒަރު، އަސްލު ސިފަ ނޫން އެހެން ސޫރައެއްގައި ނެރެ މިފަހަރު ދައްކައިފި އެވެ.

މިފަދަ ހާދިސާތަކުން ސިޔާސީ ލޯބީގައި ދިވެހިން ކަނުވެ އާދެވިފައި ތިބި ހިސާބު މި އޮތީ ހާމަވާށެވެ. ކަންކަމުގެ އަސްލު އޮޅުވާލަން ހެދޭ ބުހުތާނު ދޮގުތަކުން ސޯޝަލް މީޑިއާ އަންނަނީ ހަރާބު ކުރަމުންނެވެ. ސޯޝަލް މީޑިއާގެ މިކަހަލަ ކޯޅުންތަކުގެ ޝިކާރައަކަށް، އާއިލީ ލޯބިން މަހުރޫމްވެފައިތިބި މައުސޫމް ކުދިންތަކެއް ވުމަކީ އިންސާފެއް ނޫނެވެ.