މާލޭ ސިޓީ ކައުންސިލް

ނަސަންދުރަ ހޮޓަލާއި ޓާޓާ މުވައްޒަފުން ތިބި ބިން ހުސްކުރަން އަންގައިފި

Dec 7, 2021
2

ނަސަންދުރާ ޕެލަސް ހޮޓެލް އަދި ޓާޓާ ކޮމްޕެނީން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރާ މީހުން ތިބުމަށް ދޫކޮށްފައިވާ ބިން ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައިވާ ނަސަންދުރަ ޕެލަސް ހޮޓެލް، މެނޭޖުކޮށް ބެލެހެއްޓުމަށް ސްރީލަންކާގެ ބްރައުން ހޮޓެލް އެންޑް ރިސޯޓާ އެކު ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުއްދަ ދިނުމުން ނަސަންދުރަ ހޮޓެލް ކުރިން ހުރި ބިމުގައި މިހާރު ވަނީ 14 ބުރީގެ އިމާރާތެއް އަޅާފަ އެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރީ ސިނަމާލެ ބްރިޖު ހެދި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏަކީ މާލޭގެ ގާކޮށީގައި އާއި އަރަބިއްޔާ ސްކޫލު ކުރިން ހިންގި އިމާރާތުގައި ފްލެޓް އަޅާފައިވާ ކުންފުންޏެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތަކުގެ މަސައްކަތާ އެކު އޯޑިއޯ ބިމާއި ނާދީ ކުރިން ހިންގި ބިމުގައިވެސް ފްލެޓް އެޅުމަށް ޓާޓާއާ ވަނީ ބިން ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ދެ ބިން ހަވާލުކުރި ފަހުން 11 އަހަރު ވެގެން ދިޔައިރު އެ ދެ ބިން ސާފުކުރުން ފިޔަވާ ފްލެޓް އެޅުމުގެ ގޮތުން އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ވެސް ކޮށްފައެއް ނުވެ އެވެ. މަސައްކަތް ނުފަށާ އޮތް ދެ ބިމުގެ ގާނޫނީ މައްސަލަތަކެއް ވެސް ވަނީ ޖެހިފަ އެވެ.

ޓާޓާ ކުންފުނީގެ މުވައްޒަފުންނާއި ނަސަންދުރާ ހޮޓެލް އިމާރާތް ކުރި ކުންފުނީގެ މުވައްޒަފުން ތިބީ މާލޭގެ ދެކުނު ފަރާތުގައިވާ ތައިސޭ ކޮށީގެ 258 ނަންބަރު ބްލޮކްގަ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ތައިސޭކޮށީގައި ވަގުތީ ގޮތުން ނަސަންދުރާ ޕެލަސް ހޮޓެލް އަދި ޓާޓާ ކޮމްޕެނީން ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތްކުރާ މީހުން ތިބުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ އެއްވެސް އެއްޗެއް ހުރިނަމަ އެފަދަ ތަކެތި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފަ އެވެ.

"އެއްޗެހި ބަހައްޓާފައިހުރި ފަރާތްތަކުން އެފަދަ ތަކެތި މި ކައުންސިލަށް އެންގުމަށްފަހު ގެންދެވުމަށް ދެންނެވީމެވެ." އިއުލާންގައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ދީފައިވާ މުއްދަތުގެ ތެރޭގައި އެއްޗެތި ބަހައްޓާފައި ހުރި ފަރާތްތަކުން ގެންގޮސްފައި ނުވާ ތަކެއްޗަކީ އެއީ ބޭނުން ނެތިގެން ދޫކޮށްފައިވާ ތަކެތި ކަމުގައި ބަލައި، އެ ބިން ހުސްކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށެވެ. އަދި އެގޮތަށް ދޫކޮށްފައިދާ ތަކެތި ކައުންސިލުން ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެފަދަ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސިޓީ ކައުންސިލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ނަސަންދުރަ އިމާރާތް ކުރި ކުންފުނީގެ މުވައްޒަފުންނާއި ޓާޓާގެ މުވައްޒަފުން ތިބުމަށް އެ ބިން ދޫކުރި ގޮތުގެ ލިޔުމެއް ވެސް ކައުންސިލުން ފެންނަން ކަމަށެވެ. އެ ބިމަށް އެއްްވެސް ކުއްޔެއް ދައްކަމުންދާ ކަމަކަށްވެސް އެނގިފައެއް ނުވެ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި އެ ކުންފުނިތަކުން ކުރަމުން ދިޔަ މަސައްކަތްތައް ވެސް މިހާރު ވަނީ ނިމިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ޓާޓާ ކުންފުނިން މާލޭގައި ހެދި ދެ ޓަވަރުން ފްލެޓް ގަނެ މީހުން އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު ނަސަންދުރަ ހޮޓެލްގައި ހަދާފައިވާ 100 އަށް ވުރެ ގިނަ އެޕާޓްމަންޓް ވަނީ އެކި ފަރާތްތަކަށް ވިއްކާލާފަ އެވެ. ރައީސް ޔާމީންގެ ޅިޔަނެއް ކަމުގައިވާ މަރުހޫމް އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓް ކުންފުންޏަށް ނަސަންދުރަ ބިން 50 އަހަރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން މިހާރުވެސް ދަނީ ބަލައި ތަހުގީގުކުރަމުންނެވެ.