ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދީނާއި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Dec 7, 2021
6

އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ އެ މަރުކަޒަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ދީފި އެވެ.

މިނިސްޓްރީން މިފަދަ އިންޒާރެއް ދީފައި މިވަނީ ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމުގައިވާ ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީނަށް ވާގިދޭ ލަވައެއް ޖެހި މައްސަލާގައި ބައެއް ދީނީ އިލްމުވެރިންނާއި އާންމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

މިމައްސަލަ ފެންމަތިވުމުން ކްލިކް ކޮލެޖުން ވަނީ އެކަމަށް މައާފަށް އެދި އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަކީ 100 ޕަސަންޓް މުސްލިމު ގައުމެއް ކަމަށާއި އަދި ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެއިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށް ބުނެ މައާފަށް އެދި އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭ ކަން މިނިސްޓްރީ އަށް ފާހަގަކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެފަދަ ކަންކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގައިވާ ގޮތުން މަނާ ކަމެއް ކަމަށްވެސް ހަނދާންކޮށްދީފައިވެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ހަރަކާތަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިންގާ ހަރަކާތަކަށް ވުމަކީ ލާޒިމު ކަމެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ހަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.

"އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ 'ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު' އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާ މެދު ފިޔަވަޅު އެޅޭނެ އެވެ." މިނިސްޓްރީގެ ބަޔާނުގައި އިންޒާރުދީ ބުނެފައިވެ އެވެ.