މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ރާއްޖޭގައި ކުށް ތަކުރާރުކުރުން އިތުރު: ނަޒީރު

Dec 7, 2021
1

މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ރާއްޖޭގައި ކުށް ތަކުރާރު ކޮށްގެން ޖަލަށްލާ ނިސްބަތް އިތުރު ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

ނަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހިބިލިޓޭޝަން ފްރޭމްވާކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް މާފުށި ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ސަރަހައްދީ ގޮތުން ބަލާއިރު ރާއްޖޭގައި ރާއްޖޭގައި ކުށް ތަކުރާރު ކޮށްގެން ޖަލަށްލާ ނިސްބަތް އިތުރުކަން ފާހަގަކުރައްވާ ނަޒީރު ވަނީ ގައިދީން ޖަލުގައި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހޭދަކުރާ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް އެދިވަޑައިގެންފަ އެވެ. މުޖުތަމައު އަދި އާއިލާއަށް ފައިދާހުރި މެންބަރަކަށް ވުމަށް ގައިދީންގެ އަމަލާއި ވިސްނުމާއި ފިކުރު ބަދަލުކުރާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. ކުށްވެރިން އިސްލާހުކުރުމަށާއި ކުށްކޮށްގެން ޖަލަށްލުން މަދުކުރުމަށް ސަރުކާރުގެ ގުޅުންހުރި އެޖެންސީތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ރިހިބިލިޓޭޝަން ފްރޭމްވާކްގެ ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވި ގައިދީންނަށް މަރުހަބާ ދަންނަވަމުން ނަޒީރު ވިދާޅުވީ އާއިލާގެ އެހީތެރިކަމާއި ލޯބި ނުލިބޭ ހިސާބެއްގައި ޖަލުގެ ބެލުމުގެ ދަށުގައި ބަންދުވެ ތިބެގެން އިލްމެއް، ހުނަރެއް ދަސްކުރުމަކީ ކުޑަކަމެއް ނޫން ކަމަށެވެ. މިއަދު ދަސްވެނިވި ގައިދީން ހާސިލްކުރި އިލްމާއި ދަސްކުރި ހުނަރާ އެކީގައި ޖަލުގެ ދޮރުން މުޖުތަމަޢުއަށް ނިކުތުމަށްފަހު އެނބުރި ޖަލަށް ނާންނާނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށް ޔަގީންކުރައްވަން ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށެވެ. އެހެންވެ ލިބުނު އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތައުލީމީ ރޮނގުން ކުރިއަށް ދެވޭނެ އިތުރު ގޮތްތައް ބަލައި އެކަން ހާސިލްކުރުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ސީޕީ ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސާވިސް ފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދެވުނު ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހިބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިން ސައްތައަށް ވުރެ ގިނަ ގައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗާ -- ވަސީލަތް ޖަލުގައި ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ. އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުކުރެވޭނެ ކަމަށް ސީޕީ ފާހަގަކުރެއްވި އެވެ.

ރިހެބިލިޓޭޝަން ފްރޭމްވާކްގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ މުޖުތަމައަށް ނުކުންނައިރު އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ. މިފަހަރު ކުރިއަށް ގެންދިޔަ ތަފާތު ކޯސްތައް ޖުމްލަ 44 ގައިދީ އަކު ފުރިހަމަ ކުރި ނަމަވެސް މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރީ މި ވަގުތު ޖަލުގައި ތިބި 24 ގައިދީންނަށެވެ. މީގެ ތެރެއިން ހަޔާ ޑިސްޓިންކްޝަން 11 ގައިދީއަކު ހާސިލްކޮށްފައިވެ އެވެ.