ބޮލީވުޑް

ތަމާޝާ އިން ރަންބީރަށް 38 ކްރޯޑް ރުޕީސް

Dec 11, 2015
1

މިފަހުން ނިކުތް ރަންބީރު ކަޕޫރުގެ ދެފިލްމެއް ފްލޮޕްވި ނަމަވެސް އޭނާގެ ވިދުމެއް ކުޑަކޮށްވެސް ފަނޑެއް ނުވެ އެވެ.

އޭނާގެ ފިލްމުތައް ފްލޮޕްވަމުން ދިޔައިރުވެސް ލިބެމުން ދިޔަ ހުށަހެޅުންތަކަށް ބަދަލެއް ނާދެ އެވެ. ނަމަވެސް މިއަހަރު ނިކުތް އޭނާގެ ދެފިލްމު ފްލޮޕްވުމުން އޭނާގެ ފިލްމީ ކެރިއަރަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށްވަނީ ބުނެފަ އެވެ.

ޖެހިޖެހިގެން ނިކުތް ދެފިލްމު ފްލޮޕްވުމުން ވެސް އޭނާއަށް ލިބޭ ހުށަހެޅުނަތަކަށް ބަދަލު އައިސްފައިނުވާއިރު، ނަން މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމުތަކުގެ ހުށަހެޅުންތަށް ވެސް އޭނާ އަށް އަންނަނީ ލިބެމުންނެވެ. އަދި ޖެހިޖެހިގެން ނިކުތް ދެފިލްމު ފްލޮޕްވި ނަމަވެސް އޭނާ ފިލްމުތައް ކުޅެދޭން ކިޔާ އަގަކަށް ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އެގޮތުން މިފަހުން ވަނީ ރަންބީރުގެ އެކްޓިންގެ ކަންތައްތައް މެނޭޖްކުރާ ކުންފުނީގެ އައިޓީ ހެކްކޮށްފަ އެވެ. އެކުންފުނީގެ އައިޓީގައި ހުރި މައުލޫމާތުތައް އިންޓަނެޓްގައި ލީކްކޮށްފައިވާއިރު، އޭގައި ފިލްމުތައް ކުޅެގެން މިއަހަރު ރަންބީރަށް ލިބިފައިވާ އާމްދަނީވެސް ވަނީ އާންމުކޮށްފަ އެވެ.

އާންމުކޮށްފައިވާ މިމައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ރަންބީރުގެ މިފަހުން ރިލީޒްކުރި ފިލްމު "ތަމާޝާ" ކުޅެފައިވަނީ ވަރަށް ބޮޑު އަގެއްގަ އެވެ. އެގޮތުން މިފިލްމު ރަންބީރު ކުޅެދީފައިވަނީ 38 ކްރޯޑް (380 މިލިއަން) ރުޕީޒް އަށެވެ.

އުންމީދުކުރި ވަރަށް "ތަމާޝާ" ގެ ވިޔާފަރި ރަނގަޅު ނޫންއިރު، މިހާތަނަށް އިންޑިއާއިން މިފިލްމަށް ލިބިފައިވާ އާމްދަނީއާ ބަލާއިރު، ރަންބީރަށް މިފިލްމު ކުޅެގެން ދީފައިވަނީ ވަރަށް ބޮޑު އަދަދެކެވެ. މިފިލްމަށް މިހާތަނަށް އިންޑިއާއިން ލިބިފައިވަނީ 52 ކްރޯޑް (520 މިލިއަން) ރުޕީޒް އެވެ.

މިއަހަރު ކުރީކޮޅު ނިކުތް "ބޮމްބޭ ވެލްވެޓް" ރަންބީރު ކުޅެދީފައިވަނީ 32 ކްރޯޑް (320 މިލިއަން) ރުޕީޒް އަށެވެ. އެފިލްމަށް ޖުމްލަ ލިބިފައިވަނީ 24 ކްރޯޑަށް ވީއިރު، މިފިލްމު ކުޅެގެން ރަންބީރަށް ދިން އާމްދަނީގެ އަދަދުވެސް ނުލިބި ވަނީ ފްލޮޕްވެފަ އެވެ.

މިފަހަކަށް އައިސް މަޝްހޫރު ގިނަތަރިން އަންނަނީ ފިލްމު ކުޅެން އަގު ނެގުމުގެ ބަދަލުގައި ފިލްމަށް ލިބޭ ފައިދާއަކުން ވަކި ޕަސެންޓެއް ނަގާގޮތަށް އެއްބަސްވަމުންނެވެ. އެތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި ސަލްމާން ޚާން އަދި އާމިރް ޚާން ފަދަ ތަރިނ ހިމެނެ އެވެ.

ރަންބީރު މިފަހުން ކުޅުނު ފިލްމުތައް ފްލޮޕްވިޔަސް އޭނާ ފިލްމުތައް ކުޅެދޭން ކިޔާ އަގަށް ބަދަލު ގެނެސްފައިނުވާއިރު، ފިލްމު ފްލޮޕްވިޔަސް އޭނާގެ ކިބައިގައި ހުނަރު ހުރިކަން ވަނީ ސާބިތުކޮށްދީފަ އެވެ.

ރަންބީރު މިހާރު އަންނަނީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" އާއި އޭނާ ޕްރޮޑިއުސްކޮށް، އަނޫރާގް ބާސޫ ޑައިރެކްޓްކުރާ "ޖައްގާ ޖާސޫސް"ގެ މަސައްކަތްވެސް ކުރަމުންނެވެ.