ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ރަސްމިއްޔާތުތައް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން އަންގާރަ ދުވަހު ފުރަތަމަ އޮތީ ސަންގީތު (ލަވައާއި ނެށުމުގެ) ޕްރޮގްރާމެވެ. އަދި ބުދަ ދުވަހު ހީނާފަތް އެޅުން (މެހެދީ) ޕްރޮގްރާމް ކުރިޔަށް ގެންގޮސް ކައިވެނިކުރަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
ރާޖަސްތާނުގެ ސިކްސް ސެންސަސް ފޯޓް އިން ބަރްވާރާގައި މިހާރު ކުރިޔަށްދާ ކައިވެނީގެ ރަސްމިއްޔާތުތަކަށްފަހު ވިކީ އާއި ކެޓުރީނާ ހަނީމޫނަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފަހުގެ ޚަބަރުތައް ބުނެ އެވެ.
ޕިންކްވިލާ އޮންލައިން ނޫހުން ބުނެފައިވާ ގޮތުގައި ކެޓުރީނާ އާއި ވިކީ މިހާރު ވަނީ ހަނީމޫނަށް ރާއްޖެ އައުމަށް ނިންމާފަ އެވެ.
ކައިވެންޏަށްފަހު އެންމެ ކުރިން އެމީހުން ދާނީ މުމްބައިކަމަށް ކަމަށާއި އެ ރަށުގައި ހުންނަ ތާޖް ލޭންޑްސް އެންޑް ހޮޓަލުގައި ފިލްމު އިންޑަސްޓްރީގެ އެކުވެރިންނަށް ދައުވަތު ދީގެން ރިސެޕްޝަނެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެއެވެ. އަދި އެމީހުން ހަނީމޫނަށް ފުރާނީ އޭގެ ފަހުން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޑިސެމްބަރު 5 ވަނަ ދުވަހު ކެޓުރީނާ ވަނީ ވާން އުޅޭ ފިރިމީހާ ވިކީ ކޯޝަލްގެ ގެޔަށް ގޮސް އެ ގޭގައި ވެސް ކައިވެނީގެ ބައެއް ކަހަލަ ލިޔެކިޔުންތަކުގައި ސޮއިކޮށްފަ އެވެ. ކެޓުރީނާ އާއެކު އޭނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހުން ބައިވެރިވި އެވެ.
ބައެއް ޚަބަރުތައް ބުނެފައިވާ ގޮތުގައި އެމީހުން ކައިވެނީގެ ރަސްމީ ލިޔުންތަކުގައި އެ ދުވަހު ސޮއިކޮށް ކައިވެނި ވަނީ ރަޖިސްޓްރީކޮށް ނިންމާފަ އެވެ. އަދި އެ ދުވަހުން ފެށީގެން އެ ދެ މީހުންނަކީ ރަސްމީކޮށް ދެމަފިރިންނަށް ވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
މި ކައިވެނީގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވެމުން ދިޔަ ނަމަވެސް ވިކީ އާއި ކެޓުރީނާގެ ފަރާތުން ކައިވެންޏާ ބެހޭ ގޮތުން ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެއީ ބޮލީވުޑް އެކްޓަރުން އާންމުކޮށް ކަން ކުރާ އުސޫލަށް ވާތީ އެކަމާ އެއްވެސް ބަޔަކު ހައިރާނެއް ނުވެ އެވެ.
ދީޕިކާ ޕަދުކޯން-ރަންވީރު ސިންގް، އަނުޝްކާ ޝަރުމާ-ވިރާޓު ކޯލީ އަދި ރާނީ މުކަރުޖީ އާއި އަދިތުޔާ ޗޯޕްޅާ ފަދަ ސެލެބްރިޓީން ވެސް އެ މީހުންގެ އޮތް ގުޅުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ކައިވެނިކުރަނިކޮށް ނަގާފައިވާ ފޮޓޮއަކާ އެކުގަ އެވެ. ވީމާ ވިކީ އާއި ކެޓުރީނާ ވެސް އެ ގޮތަށް ކަންތައް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.