އެމްއެމްޕީއާރްސީ

ޕްރޮމޯޝަނަށް ރާވާފައި ހުރި ކަންކަން ހުއްޓައެއް ނުލާނަން: އެމްއެމްޕީއާރުސީ

Dec 11, 2015

ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން ބައިވެރިވުމަށް ނިންމާފައި ހުރި އެއްވެސް ހަރަކާތެއް ކެންސަލް ނުކުރާނެ ކަމަށާއި އެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވާނެ ކަމަށް، އެމްއެމްޕީއާރުސީ އިން ބުނެފި އެވެ.

އެ ކުންފުނީގެ އެކްޓިން އެމްޓީ އަކަށް މިފަހުން ހަމަޖެއްސި، ހާރިސް މުހައްމަދު "އަވަސް" ވިދާޅުވީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން ބައިވެރިވާން ނިންމާފައިވާ އެއްވެސް ފެއާއެއް، އިވެންޓެއް އަދި ރޯޑްޝޯއެއް ވިޔަސް ކެންސަލް ނުކުރާނެ ކަމަށެވެ. އެގޮތުން އައިޓީބީ ބާލިން ފެއާގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ރާއްޖެ ބައިވެރިވާނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ހާރިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ފާހަގަ ކުރާ ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް ވެސް ހަމަ ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެ ކުންފުނިން ކުރަން ނިންމާފައިވާ އެއްވެސް ކަމަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ތެރެއިން ހިނގައިގެން ދިޔަ ކަންތައްތަކެއްގެ ސަބަބުން ރާއްޖޭގެ ޕްރޮމޯޝަނަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ޕްރޮމޯޝަން ހަރަކާތެއް ހަމަ އެ ހުރި ގޮތަށް ކުރިއަށް ދާނެ. ޕްރޮމޯޓް ކުރަން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށެއް ނުބާއްވާނެ. އަންނަ އަހަރު އިތުރަށް ރާއްޖެ ޕްރޮމޯޓް ކުރަން ޖެހޭތީ އިތުރު މުޅިން އާ ހަރަކާތްތަކާއި ޕްރޮމޯޝަނަލް ކަންކަން އިތުރު ވެސް ކުރާނަން. މުޅި ކުންފުނީގެ ފޯކަސްއަކަށް މި އޮތީ ރާއްޖެ ޕްރޮމޯޓް ކުރަން. އިތުރު ޓޫރިސްޓުން ގެނެވޭނެ ގޮތްތައް ހޯދުމަށް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް، އަލުން މަސައްކަތްތައް ފަށައި ގަނެ ރާއްޖެ ޕްރޮމޯޓް ކުރަން ފަސޭހަވާނެ ގޮތަށް ކުންފުނި ރިސްޓްރަކްޗާ ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކުންފުނީގެ ތެރޭގައި ހިނގައިގެން ދިޔަ ކަންތައްތަކެއްގެ ސަބަބުން ކުންފުނީގެ ނަން ރަނގަޅުކޮށް އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ހާރިސް ވިދާޅުވި އެވެ. ހާރިސް ދެކިވަޑައިގަންނަވާ ގޮތުގައި ކުންފުނިން އިންވެސްޓްމަންޓާ ގުޅޭ ހުރިހާ މަސައްކަތެއް ހުއްޓާލުމުން ރާއްޖޭގެ ޕްރޮމޯޝަނަށް ކަންތައްތަކެއް ކުރަން ވަނީ އެކަށީގެންވާ ފުރުސަތު ލިބިފަ އެވެ.

"މި ފުރުސަތުތަކުގެ ބޭނުން އަޅުގަނޑުމެން ކުރާނަން. ކުންފުންޏަށް މިހާރު ފޯކަސް ކުރަން ޖެހޭ އެހެން ކަމެއް. ބާރު ދުވެލީގައި ޕްރޮމޯޝަން ކަންކަން ކުރިއަށް ގެންދެވޭނެ،" ހާރިސް ވިދާޅުވި އެވެ.

ކުރިއަށް ދެތިން މަސްދުވަހެއްގެ ތެރޭގައި ރާއްޖެ ޕްރޮމޯޓް ކުރަން ފަށައި އާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް ހާރިސް ވިދާޅުވި އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ އުސޫލުތަކާއި ވައްތަފާޅިތައް ބަދަލުކޮށް އާ މަސައްކަތްތަކެއް ވަނީ ފަށަން ޖެހިފަ އެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތަފާސްހިސާބުތަކަށް ބަލައި ޕްރޮމޯޝަންގެ ކަންތައްތައް ރާވަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތްތަކުން ރާއްޖެއަށް ޓޫރިސްޓުން ގެނެވޭ އަދަދު ވަރަށް ބޮޑުތަކުން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"ބަދަލުތަކެއް ފެންނާނެ. އަޅުގަނޑުމެންގެ ފުލް ރިސޯސް ބޭނުންކޮށްގެން އެ މަސައްކަތް އަޅުގަނޑުމެން ބުރަކޮށް ކުރާނަން. މިތަނުން ދެން ރާއްޖޭގެ ނަމަށް ގެއްލުވާނެ ގޮތަށް ކަންކަން ވެގެން ދާ ތަނެއް ނުފެންނާނެ،" ހާރިސް ވިދާޅުވި އެވެ.