އީޕީއޭ

ފަރަށް އެރި ބާޖެއް 61.7 މިލިއަނުން ޖޫރިމަނާ

ށ. ނޫމަރާގެ ފަރަށް އެރި ބާޖެއް 61.7 މިލިއަން އިން އީޕީއޭއިން ޖޫރިމަނާކޮށްފި އެވެ.

މެރިން ޕަވާ 2317 ނަމަކަށް ކިޔާ ބާޖެއް ނޫމަރާ ފަރަށް އަރާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އީޕީއޭއިން ބުނީ ބާޖު އެރުމުން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނޫ ގެ ދަށުން 61,681,316.00 ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ބާޖުގެ ރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް މިމަހުގެ ދެވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.

އެ ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް އޭގެ ބައިތައް ނަގައި ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އިން ސާވޭއެއް ކުރި އެވެ.

އެގޮތުން 132 އަކަމީޓަރުގެ ސަރަހައްދަކަށް ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ގެންލުން ލިބިފައިވާ ކަމަށް އީޕީއޭއިން ކުރި ސާވޭއިން ވަނީ ދައްކައިފަ އެވެ.

އެ ބޯޓުގެ ބައިތައް އެ ސަރަހައްދުން ނަގައި އެތަން ސާފުކޮށްފައި ވަނީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ.