ޕީޕީއެމް

ޖަލްސާގެ ތައްޔާރީ ފެށުމުން މައްސަލަ ގޯސްވެއްޖެ

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެތަން ތައްޔާރުކުރަން ފެށުމުން މައްސަލަ ގޯސްވެއްޖެ އެވެ. މައްސަލަ ގޯސްވީ ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީގެ ހުއްދަ ނުހޯދާ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާތީ އެވެ.

ޕީޕީއެމްގެ ޖަލްސާއަށް ދެވަނަ ފޭސްގެ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދު ތައްޔާރުކުރަން ފެށުމުން އެޗްޑީސީން ވަނީ ބޮޑެތި ވެހިކަލްތައް އެ ސަރަހައްދުގައި ޕާކުކޮށްފައެވެ. އަދި ފުލުހުންވެސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެޗްޑީސީއިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ހިންގޭނީ އެޗްޑީސީގެ ހުއްދަ ހޯދައިގެން ކަމަށެވެ. ޕީޕީއެމް އިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތަށް އަދި ހުއްދަ ނުނަގާ ކަމަށްވެސް ބުންޏެވެ. އުސޫލުގެ ތެރެއިން ހަރަކާތް ހިންގަން ކޮންމެ ބަޔަކަަށްވެސް އެ ކޯޕަރޭޝަންގައި ހުއްދައަށް އެދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެޗްޑީސީން ރޭ ވަރަށް ލަސްވި ފަހުން ނެރުނު ބަޔާނަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްދު ދީފައެވެ. އެ ކޯލިޝަނުން ބުނީ ހުޅުމާލޭގައި ޖަލްސާއެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދަންޖެހޭ ހުއްދައެއް ނޯންނާނެ ކަމަށެވެ. އަވަސް އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށާއި އެހެންކަމުން އެތަނުގައި ޖަލްސާއެއް ބާއްވާނަމަ އެޗްޑީސީން ހުއްދަ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުންނޭ އެ އޮތީ ހުޅުމާލެ، ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނެސްފައި. ރައީސުލްޖުމްހޫރިއްޔާގެ ސިޓީ އަކަށް ވުރެ ނުވަތަ މީހަކު ބުނާ ބުނުމަކަށް ވުރެ ގާނޫނަކުން ނިންމާފައި އޮންނަ ގޮތް އެއީ މާވަރުގަދަ ނިންމުމެއް. މިހެން އޮތް ކަމެއްގައި ހުޅުމާލޭގައި ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ބުނުމަކީ ފިޝަރީޒް މިނިސްޓްރީން އައިސް ހުޅުމާލޭގައި ޖަލްސާ ނުބޭއްވޭނެ ހަމަ ބުނުން ކަހަލަ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ފާއިތުވެ ދިޔަ ދެ އަހަރު އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ޖަލްސާ ހުޅުމާލޭގައި ބާއްވަން ނިންމާ އެކަން އިއުލާންކުރީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު ކަމަށެވެ. ހުޅުމާލޭގައި ޖަލްސާ ބާއްވާނަމަ އެޗްޑީސީގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެޗްޑީސީގެ ހުއްދަ އަށް ނޭދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މައްސަލަ ހޫނުވެފައިވަނިކޮށް މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީވެސް މިއަދު ވަނީ ބާތިލުކޮށްފައެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

ނަރީޝްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ. ރަޖިސްޓްރީ ބާތިލްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި މައްޗަށް ގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު އެވެ.

ނަރީޝް ވިދާޅުވީ ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކާއި މުނިސިޕަލް ހިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން ކަމަށެވެ.

"ކޮތަރުކޮށި" ނަމުގައި ބާއްވާ ޖަލްސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށް ޕީޕީއެމުން ބުންޏެވެ. ޖަލްސާ ފެށުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30 ގައެވެ.