ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށިގެން ކުރިޔަށް ދާއިރު އިންޑިޔާގެ ނޫސްވެރިންނަށް އެ ކައިވެނީގެ އެންމެ ފޮޓޮއެއްވެސް ލިބޭ ގޮތެއް އަދިވެސް ނުވެ އެވެ.
ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެމީހުން ވަނީ ކައިވެނީގެ ވީޑިއޯ އާއި މަންޒަރުތައް އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑިއޯ އަށް 80 ކްރޯޑު ރުޕީސް އަށް ވިއްކާލާފަ އެވެ. އެހެން ކަމަށް ވެއްޖެނަމަ މި މަންޒަރުތައް ވަރަށް އަވަހަށް ބަލާލުމުގެ ފުރުސަތު ވިކީ އާއި ކެޓުރީނާގެ ފޭނުންނަށް ލިބޭނެ އެވެ.
ކައިވެނީގެ ވީޑިއޯ ބޮޑު އަގުގައި ވިއްކާލުމުގެ ސަގާފަތެއް މީގެ ކުރިން ބޮލީވުޑަކު ނެތެވެ. ނަމަވެސް މިއީ ދުނިޔޭގެ ހުޅަނގުގައި އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.
ވިކީ އާއި ކެޓުރީނާގެ ކައިވެނީގެ ވީޑިއޯ ދައްކަން ހަމަޖެހިފައިވަނީ އާ އަހަރާ ދިމާކޮށް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މި ވީޑިއޯގައި ފެންނާނީ ހަމައެކަނި ކައިވެނިކުރާ ތަނެއް ނޫނެވެ. ޑިސެމްބަރު 7 އިން 10 އަށް ކުރިޔަށްދާ ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތެރެއިން މެހެނދީ (ހީނާފަތްއެޅުން)، ހަލްދީ (ރީނދޫ ހޭކުން) އަދި ސަންގީތު (ލަވައާއި ނެށުމުގެ ހަފުލާ) އަދި އެނޫންވެސް ޚާއްސަ ހުރިހާ ފަންކްޝަންތަކެއް ދައްކާނެ ކަމަށް ވެއެވެ.
މީގެ ކުރިން ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްޅާ ކައިވެނިކުރިއިރުވެސް މިފަދަ ހުށަހެޅުންތައް އެ އެކްޓަރުންނަށް ވެސް ލިބިފައި ވެއެވެ. ނަމަވެސް ދީޕިކާ އެއްބަސްނުވީ އެވެ. ޕްރިޔަންކާ އާއި ނިކް ޖޯނަސް ކޮންޓްރެކްޓެއްގައި ސޮއި ކުރި ކަމަށް ވެއެވެ.
ވިކި އާއި ކެޓުރީނާގެ ކައިވެނީގައި ބައިވެރިވާ މެހެމާނުންނަށް ފޮނުވާފައިވާ ޑޮކިއުމަންޓެއް ލީކުވެފައިވާއިރު މި ޑޮކިއުމަންޓްގައި ބުނަނީ ކައިވެނީގެ އެކި އިވެންޓްތަކަށް ދާއިރު ފޯނު ކޮޓަރީގައި ބާއްވާފައި ދިއުމަށެވެ. އެއްވެސް މީހަކު ފޯނު ނުގެންދިއުމަށެވެ. އަދި ފަންކްޝަންތައް އޮންނަ ތަންތަނަށް ދާއިރު ކޮންމެ މެހެމާނަކަށް ވެސް ސިއްރު ކޯޑެއް ލިބެ އެވެ. އެ ކޯޑު ޖަހައިގެން ނޫނީ އެ ފަންކްޝަނެއް އޮންނަ ތަނަކަށް އެއްވެސް މީހަކަށް ނުވަދެވެ އެވެ.
ޖައިޕޫރުގެ ސިކްސް ސެންސަސް ފޯޓް ބަރްވާރާގައި ކުރިޔަށްދާ ކައިވެނީގެ ރަސްމިއްޔާތުތަކުގައި 120 މެހެމާނުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި އެމީހުންގެ އެންމެ ގާތް އެކުވެރިންނެވެ.
ވިކީ އާއި ކެޓުރީނާގެ ކައިވެނި އޮންނާނީ މިއަދުގެ ވަގުތެއްގަ އެވެ.
ބޮލީވުޑް ސެލެބްރިޓީންގެ ތެރެއިން ކައިވެންޏަށް ދިޔަ މީހުންގެ ތެރޭގައި ކޯރިއޯގްރާފަރު ފަރާ ޚާން، ޑައިރެކްޓަރު ކަރަން ޖޯހަރް، ނެހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ، ޑައިރެކްޓަރު ކަބީރް ޚާން އާއި އޭނާގެ އަންހެނުން މިނީ މާތޫރު ހިމެނެ އެވެ.