ބޮލީވުޑް

ހެމާ ބުނަނީ ލޯބީގެ ޅެންތައް ދަރުމެންދުރަ ލިޔެދޭ ކަމަށް!

ހެމާ މާލިނީ އާއި ދަރުމެންދުރަގެ ލޯބީގެ ވާހަކައަކީ ބޮލީވުޑުގައި އެންމެ މަޝްހޫރު އެއް ވާހަކަ އެވެ. ޑިސެމްބަރު 8 ވަނަ ދުވަހު ފާހަގަކުރި ދަރުމެންދުރަގެ 86 ވަނަ އުފަން ދުވަހާ ދިމާކޮށް ހެމާ ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ހާމަކޮށްފަ އެވެ.

ހެމާ ބުނި ގޮތުގައި ދަރުމެންދުރަ އޭނާއަށް ދިން އެންމެ އަގުހުރި ހަދިޔާ އަކީ އޭނާގެ ދެ ދަރިންނެވެ. އަދި ދެ ލޯބިވެރިންގެ ލޯތްބަށް އެތައް ޒަމާނެއް ފާއިތުވީއިރުވެސް ކުޑަނަމަވެސް އުނިކަމެއް ލޯތްބަށް ނާންނަ ކަމަށެވެ.

ހެމާ ބުނި ގޮތުގައި ލޮކްޑައުންގައި އޭނާ ވަނީ އުރުދޫ ބަސް އަލުން ދަސްކޮށްފަ އެވެ. ކުރިން ވެސް އުރުދޫ އިން ލިޔެފައި ހުންނަ އެއްޗެތި ކިޔާށާއި މާނަ ދެނެގަންނަން އެނގޭ ކަމަށް ހެމާ ބުންޏެވެ.

"ދަރަމްޖީ (ދަރުމެންދުރަ) ވަރަށް ގިނައިން އަހަންނަށް ލޯބީގެ ޅެންތައް އުރުދޫ ބަހުން ލިޔެފައި ފޮނުވާ،" ހެމާ ބުންޏެވެ.

ނަމަވެސް ދަރުމެންދުރަގެ އެއްވެސް ޅެމެއް ހާމަކުރާކަށް ހެމާ ބޭނުމެއް ނޫނެވެ. އޭނާ ބުނި ގޮތުގައި އެއީ އެ ދެ މީހުންގެ ސިއްރެކެވެ. އަދި މާ ޒާތީ އެއްޗަކަށް ވާތީ ހާމަކުރަން ގަސްތެއް ނުކުރެ އެވެ.

ދަރުމެންދުރަ އާއި ހެމާ މާލިނީ ކައިވެނިކުރީ 1980 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެދަރިން އެމީހުންނަށް ލިބިފައި ވެއެވެ. އީޝާ އާއި އާހަނާ ޑެއޯލް އެވެ.

އުމުރުން ދުވަސްވިޔަސް ފިލްމީ މަސައްކަތް ދަރުމެންދުރަ އަދިވެސް ދޫކޮށެއް ނުލަ އެވެ. މިހާރުވެސް އޭނާ ގެންދަނީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" ކުޅެމުންނެވެ. މި ފިލްމުގައި ދަރުމެންދުރަ އާއި ޖާޔާ ބައްޗަން އަދި ޝަބާނާ އަޒްމީގެ ލަވް ޓްރައިންގަލް އެއް ފެންނާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.