ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މާލޭގައި ބޯހިމެނުމުގެ ކަރުދާސް ޓެސްޓުކުރަނީ

އަންނަ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ސުވާލުކަރުދާސް ޓެސްޓުކުރުން މިއަދު ފަށައިފި އެވެ.

އެމްބީއެސްއިން ބުނީ ސުވާލުކަރުދާސް ޓެސްޓުކުރުން ކުރިއަށްދާނީ މާލެ ސަރަހައްދުގަ އެވެ. މިއަދުގެ ހަރަކާތުގައި ބޯހިމެނުމަށް ބޭނުންކުރަން އެކުލަވާލާފައިވާ ސުވާލުތައް ޓެސްޓުކޮށް މައުލޫމާތު ނަގާނެ ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ގެންދަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި އާއި ވިލިމާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގަ އެވެ. މާލޭގައި ހަރަކާތް ކުރިއަށްދަނީ ގަލޮޅު މާލޭ މުނިސިޕަލް ބްލޮކް 150 އާއި މައްޗަންގޯޅި މާލޭ މުނިސިޕަލް ބްލޮކް 177 އާއި 174 ގެ އިތުރުން 227 ގައެވެ. މި ހަރަކާތުގައި އެމްބީއެސްގެ 16 މުވައްޒަފުން ހަރަކާތްތެރިވެ އެވެ.

ބޯހިމެނުން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.