ބޯހިމެނުން

މާލެ، ހުޅުމާލޭގެ ބޯހިމެނުން އަދިވެސް ނުނިމޭ

މާލެ ސަރަހައްދުގެ ބޯހިމެނުމުގެ މަސައްކަތަށް އިތުރު ކުރި ދެ ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެ މަސައްކަތް ނިންމާލެވޭ ގޮތެއް ނުވި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޯހިމެނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުގެ ނިޔަލަށެވެ.

މާލޭގައި މިއަދު ކުރިއަށް ދާނީ ކުރިން ނުވަދެވުނު ބައެއް އިމާރާތްތަކަށް ޒިޔާރާތްކޮށް މައުލޫމާތު އެއްކުރުމާއި މީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތު ހޯދުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ދިރިއުޅޭ ތަންތަނާއި، ލޭބާ ކުއާޓަރު އަދި ރެޖިސްޓާ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތް ކުރާ ތަންތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިމެނުމުގައި ބައިވެރިވެފައި ނުވާ މީހުންގެ އެހީއަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ އެދިފަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ތަޅުލާފައި ހުރުމުންނާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން ތަފްސީލް މައުލޫމާތު ނުނެގިވާ މީހުންނާއި މައުލޫމާތު މުޅިން ފުރިހަމަ ނުކުރެވިވާ ތަންތަނާއި ބޯހިމެނުމަށް މައުލޫމާތު ހޯދުމަށް އެދި އެބިއުރޯގެ ލިޔުމެއް ލިބިފައިވާ ފަރާތެއްނަމަ ބިއުރޯގެ ހޮޓްލައިނަށް ގުޅިގެން މައުލޫމާތު ފުރިހަމަކުރުމަށް އެދޭ ކަމަށެވެ.

މާދަމާ އިން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބޯހިމެނުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ފެށި މިމަހުގެ 25 ވަނަ ދުވަހު މަސައްކަތް ނިންމާލާނެ ކަމަށް ތާރީހު ކަނޑައެޅުމަށްފަހު އެވެ. ނަމަވެސް ބޭނުންވާ އެނިއުމަނޭޓަރުން ލިބުނު އަދަދު މަދުވުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ބޯހިމެނުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ފަހުން ވަނީ އިތުރުކޮށްފަ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް މަސައްކަތް ކޮށްފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވި އެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 420،071 މީހުންނެވެ.