އެމްއެމްއޭ

ހަ މަސްތެރޭ ދެ ކުންފުނިން 42.8 މިލިއަން ޑޮލަރު ބޭރަށް

Dec 9, 2021
2

ރެމިޓެންސްގެ ހިދުމަތްދޭ ދެ ކުންފުންޏަކުން މި އަހަރު ހަ މަސްތެރޭ 43 މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 664 މިލިއަން ރުފިޔާ ބިދޭސީން ބޭރަށް ފޮނުވައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތިންވަނަ ކުއާޓަރުގެ ބްލެޓިންގައިވާ ގޮތުން ބިދޭސީން މުސާރައިގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 43 މިލިއަން ޑޮލަރު ބޭރަށް ފޮނުވި ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު ބޭރުކުރި 77 މިލިއަން ޑޮލަރާ އަޅާ ބަލާނަމަ 45 ޕަސެންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ތިންވަނަ ކުއާޓަރުގައި އެކަނި 10.8 މިލިއަން ޑޮލަރު ބޭރަށް ފޮނުވާފައިވެ އެވެ. ނަމަވެސް މި ކުއާޓަރުގައި ފޮނުވި ފައިސާގެ އަދަދު ވެސް ވަނީ 24 ޕަސެންޓު ދަށްވެފަ އެވެ.

އެންމެ ގިނައިން ޑޮލަރު ބޭރަށް ފޮނުވާފައިވަނީ ރާއްޖޭގައި އެންމެ ބޮޑު މަސައްކަތުގެ އާބާދީއެއް އޮންނަ ބަންގްލަދޭޝް އިންނެވެ. ދެން ހިމެނެނީ އިންޑިއާ އާއި ފިލިޕީންސް އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާއިރު ރެމިޓެންސް ކުންފުނިތައް ނޫން ގޮތުން ވެސް ފައިސާ ބޭރަށް ފޮނުވަ އެވެ. ބިދޭސީން އަމިއްލަަށް ވެސް ގިނަ އަދަދެއްގެ ފައިސާ ބޭރު ކުރެ އެވެ. އާއްމު ގޮތެއްގައި އެވްރެޖުކޮށް އަހަރަކު 500 މިލިއަން ޑޮލަރު ބޭރު ކުރާ ކަމަށް އަންދާޒާ ކުރެވިފައިވެ އެވެ.