ވާހަކަ

ހިތް ރުއްސާނުތޯ

(7 ޑިސެމްބަރ 2021 އާ ގުޅޭ)

ހޫރައިންގެ ހަޔާތް އާރާސްތުކޮށްދީ އުފާވެރިކަމާއި ހިތްހަމަޖެހުމުން ފުރާލަދޭނެ މީހަކީ އަޒްހަދަށް ނުވުމަކީ ވެދާނޭ ގޮތެވެ. ހޫރައިންގެ މައްޗަށް ﷲ ރާއްވަވާފައިވާނީ އޭނާއަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ ފައިދާ ކުރުވަނި ގޮތަކަށް ގައިމެވެ. ދެރަކަމެއް ދިމާވުމާއެކު މީ ހުރި ގޮތްހޭ ކިޔާ ޝަކުވާ ކުރުމުގެ ބަދަލުގައި ﷲ އެފަދައިން މިންވަރުކުރެއްވީ އެކަމުގައި އޭނާގެ މައްޗަށް ހެވެއް އޮވެގެންކަން ހިތުގެ އަޑިން ގަބޫލުކުރަން ޖެހެއެވެ.

* * * * *

ޖެހިގެން އައި ހުކުރު ދުވަހެވެ. ޔޫކްއަށް ތެއްލި ކުކުޅުފައި ވަރަށް މީރެވެ. އެހެންވެ މެންދުރަށް މުގުރިހައާއި ސަޓަނިކޮޅަކާއެކު ދެން ހުރީ ތެއްލި ކުކުޅުފައެވެ. ހުކުރު ދުވަހު ނޫނީ އާންމުކޮށް އެގޭގައި ރިހައެއް ނުކައްކާނެއެވެ. ޔޫކް ކާން ބޭނުންވާނީ ގަރުދިޔަ ވީމައެވެ. އެވެސް ކޮންމެ ގަޑިއަކަށް ރަނގަޅަށް ލުނބޯ ފިތާލައިގެންނެވެ. އެ ކެއުމުގައި ތަރުކާރީގެ ބާވަތްތައް ހިމަނަން ހޫރައިން އިސްކަން ދެއެވެ. ބޮޑުވަމުން އަންނަ ކުއްޖަކަށް ހަމައެކަނި ގަރުދިޔަކޮޅަކާއި ބަތްކޮޅަކުން ނުފުދޭނެކަން އެނގޭތީއެވެ. ﷲއަށް ޙަމްދު ހުއްޓެވެ. އެ އުމުރުގެ އެހެން ކުދީން ބަލާއިރު ޔޫކްއަކީ ރަނގަޅަށް ކާ ކުއްޖެކެވެ. ކޫސަނިބަލިތަކާ ދުރެވެ. އެލާޖީއެއްގެ އަސަރު މިހާތަނަށް ފެނިފައެއް ނުވެއެވެ. ގެންގުޅެން އެހާމެ ފަސޭހަ ދަރިއެކެވެ. ބޮޑާހާކާ ރޯ އަޑެއް ނީވޭނެއެވެ.

"ކާކު އެ އައީ..." ޔޫކަށް ކާން ދޭން އިނދެފައި ހޫރައިނަށް ތެދުވެވުނެވެ. ދޮރޯށީގެ ބެލް އަޅާލީ އަޑު އިވުނީއެވެ. މީހަކު ވަންނައިރު އޭނާ އެ އިނީ މެންދުރު ފެންވަރައިގެން ލީ ހެދުން ބުރިއާއެކު ބާވެފައި އޮތް ހަރުވާޅުގަނޑެއް ލައިގެންނެވެ. ހާމައަށް އޮތް އިސްތަށިގަނޑުގައި ދޫ ހުޅިއެއް ޖަހާލައިގެންނެވެ. ކަންބޮޑުވީ އެހެންވެއެވެ.

"ހަމްދޫނު ކަންނޭނގެ. ހަސީނާ ގުޅާފަ ބުނި އެއްޗެއް އެބަ ފޮނުވަމޭ." އަތްފުހެމުން ސުމައްޔާ ވާހަކަދެއްކިއެވެ. ދެން އޭނާ އަތްޖެހޭ ހިސާބުގައި ބާއްވާފައި އޮތް ބުރުގާ ބޮލަށް ކޮށްޕާލުމާއެކު މޫނު އަޅާލިއެވެ.

"ނުވެސް ކައިތަ ތިއައީ... މަންމަގެ ކަންތަކާ ހުރެ ދޯ. މާލެ އައީމަ ޑެލިވަރީކޮށްދޭ މީހަކަށް ހަދައިފި." ހިނިއައިސްފަ ސުމައްޔާ ވާހަކަދެއްކިއެވެ. ޖީއެން ސައިކަލެއްގައި ހަމްދޫނު އިނީ ދޮރުމަތީއެވެ. އޭނާ ހުކުރަށްދާން ޖެހި ސެންޓުގެ ވަސް ސުމައްޔާގެ ނޭފަތުގައި ވެސް ބީހިލައިފިއެވެ. ހަމްދޫނު އަވަހަށް ދިއްކޮށްލީ ހަސީނާ ހަވާލުކުރި ކޮތަޅެވެ.

"މާލެ އައީމަތާ މަންމައަށް މިހެން ފަސޭހަކޮށްލަދެވޭނީ. ކާނީ ދެން ގެއަށް ގޮސް... ކާލީމަ ވަރަށް ވަރުބަލިވާނެ. އެހެންވެ ކުރީބައިގަ މިއައީ. ގޮސްލީއޭ ދައްތާ." ހަމްދޫނު އުޅުނީ ކޮތަޅު ހަވާލުކޮށްފައި ދާށެވެ.

"ހޫރައިން އެބައިން އެ ސޮރަށް ކާންދޭން. ދަރިފުޅު ކޮންދުވަހަކުން މިގެއަށް ވަންނާނީ." ސުމައްޔާއަށް ބުނެވުނެވެ. ޚުދު އޭނާއަށް ވެސް އެހެން ބުނެވުނީ ކީއްވެކަމެއް ނޭނގެއެވެ. ބަސް ބޭރުވިފަހުން ވިސްނާލެވުނެވެ. ހޫރައިންއާއި ހަމްދޫނަކީ ރަޙުމަތްތެރީންނެއް ނޫނެވެ. އަނެއްކޮޅުން ހަމްދޫނު އެ އައީ އެތައް އަހަރެއް ރާއްޖޭން ބޭރުގައި އުޅެފައެވެ. ޒުވާން ހަމްދޫނުގެ ހިޔާލާއި ވިސްނުން ހުރި ގޮތެއް ދެނެގަންނާކަށް ޚުދު ސުމައްޔާއަކަށް ވެސް ނޭނގެއެވެ.

"އެހެން ފަހަރަކުން އަންނާނަން." ހަމްދޫނަށް ބުނެވުނީ އެވަރަށެވެ. ހޫރައިންގެ މިޒާޖެއް އޭނާއަކަށް ނޭނގެއެވެ. ހޫރައިންއާ ބައްދަލުކުރަންޖެހޭ ސަބަބެއް ވެސް ނެތެވެ. ބައްދަލުވިޔަސް ދެމީހުންވާނީ ދެ ބީރައްޓެހީންނަށެވެ. އެކަމަކު އެ އަންހެންކުއްޖާ މިހާރު އުޅޭ ހާލު އެނގެން ހަމްދޫނު ޝައުގުވެރިވެއެވެ. ހޫރައިންގެ ދިރިއުޅުން ހުރި ގޮތް އެނގެން އޭނާ ބޭނުންވަނީއެވެ. ފަހަރެއްގައި އެއީ އޭނާގެ ތަޢުލީމީ ދާއިރާގެ ތެރެއިން އުފެދިފައިވާ ޝައުގުވެރިކަމަށްވުން ގާތެވެ. ބޮޑުކަމެއް ދިމާވެފައި ހުންނަ އިންސާނާގެ ނަފްސާނީ ހާލަތު ހުންނާނީ ކިހިނެއްކަން ދެނެގަންނަން ބޭނުންވެ އުފެދިގެން އުޅޭ ޝައުގުވެރިކަމަކަށް ވެދާނެއެވެ.

"ނުވަންނަންޏާ އިހަށް މަޑުކޮށްލަދީ. އައީމަ ދައްތަ ވެސް އެއްޗެއް ހަވާލުކުރަން ބޭނުން" ސުމައްޔާ މިހެން ބުނުމުން ހަމްދޫނު ބޯޖަހާލީއެވެ. ކޮތަޅުހިފައިގެން ސުމައްޔާ އެތެރެއަށް ވަން ގޮތަށް އޭގައި ހުރި ތަށިބަރި ނެގިއެވެ. ނިކަން އަވަހަށް އެ ހުސްކޮށްލާފައި ސާފުކޮށްފިއެވެ. އޭނާގެ އަތަކު ދޭނޭ ބައިވަރު އެއްޗެއް ނެތެވެ. ގިނަ ބާވަތްތަކެއް ތައްޔާރެއް ނުކުރެއެވެ. އެހެންވިޔަސް ހުރި ކޮންމެ ބާވަތަކުން ހަސީނާއަށް ފޮނުވަން ތަށިބަރިއަށް އެޅިއެވެ. އެ ގެންގޮސް ދޮރޯށި ބުޑުގައި އިން ހަމްދޫނަށް ދިނެވެ. އެ ސޮރު ސައިކަލުގައި ނައްޓާލަންދެން ސުމައްޔާ ދޮރޯށި ކައިރީ ބޯދީގެން ހުއްޓެވެ. ނޭނގޭ ހިތްހަމަޖެހުމެއްގެ އަސަރު އެ ދެ ލޮލުން އޭރު ފެންނަން ހުއްޓެވެ.

* * * * *

ހަފްތާ ބަންދަށްފަހު ކިޔެވުން ފެށުނެވެ. ޔުނިވަރސިޓީގެ ގޯތިތެރެއިން މިއަދު ޒެހެންއެއް ނުފެނުނެވެ. އޭނާ ދުރުގައި އިންނަ ގޮނޑިއަށް ހޫރައިން ކަޅި އެއްލިއެވެ. އެތަން ފެންނަނީ ހުސްކޮށެވެ. ހޫރައިންއަށް ލިބުނީ ހައިރާންކަމެވެ.

"ކިހިނެއްވީބާ؟ މިއަދު ނާންނަނީ ކަންނޭނގެ... ނަސީބެންނު ނެތްކަން..." ދޮން ފަތްތައް ނޮޅަމުން ބިންގަނޑަށް އެޅިފައި ހުރި ކުނިބުނި ހޮވަމުން ހޫރައިން ދިޔައެވެ. ދެއްކި ކޮންމެ ވާހަކައެއްވިއްޔާ އޮތީ އޭނާގެ ހިތުގައެވެ.

ބިންމަތި ސާފުކުރުމަށްފަހު ކުނި އެތި އެއްފަރާތްކޮށްލިއެވެ. ގަސްތަކަށް ފެންދޭން ފާރުގައި ހުރުކޮށްފައި ހުރި ހޮޅި ދަމަމުން ހޫރައިން އައެވެ. ފެންދީ ނިންމާލެވުމުން އޭނާ އިސްއުފުލާލިއެވެ. ވިލާތައް މަދު ސާފު ނޫ އުޑަށް ބަލަން ހުއްޓެވެ. އެހެން ދުވަސްދުވަހަށްވުރެ ހޫނު ގަދަ ދުވަހެކެވެ. އޭނާ ވެސް ދާހިތްލާލައިފިއެވެ. މަސައްކަތްތައް ނިންމާލާފައި ގޮސް މޫނުގައި ފެންފޮދެއްލާނީއޭ ހިތުގައި އޮތެވެ.

ކައިރިއަށް އައުމާއެކު ހޫރައިން ސިއްސައިގެން ގޮސް ދުވެ ފިލާފާނެތީ އެކަމާ ޒެހެން ހުރީ ވިސްނައިގެންނެވެ. ދިހަވަރަކަށް ފިޔަވަޅުގެ ދުރުމިން ދެމެދުގައި ހުންނާނޭ ހިސާބުގައި ޒެހެން މަޑުކުރިއެވެ. ފެންނަ ހިސާބުގައި މީހަކު ނެތްތޯ ޔަގީންކުރުމަށްފަހު އޭނާ ކަރުކެހިލީ ތަންކޮޅެއް ބާރަށެވެ. އެވަރުން ވެސް ހޫރައިން ސިހިއްޖެއެވެ. އެކަމަކު ނަސީބު ރަނގަޅުކަމުން އޭނާ ދުއްވައެއް ނުގަނެއެވެ. ފަހަތަށް ދެފިޔަވަޅެއް އަޅާލުމާއެކު ހުއްޓުނީއެވެ.

"އަހަރެން ހޯދިންތަ؟." ނިކަން ޔަގީންކަމާއެކު ޒެހެން ބުނެލިއެވެ. ހިނިއައިސްފަހުރެ ބުމައަރުވާލިއެވެ. އެވަގުތު ހޫރައިންގެ ނަޒަރު ޒެހެންއާ އަމާޒުވެލިއެވެ. އެހިނދު ޒެހެން ހުއްޓުން އެރިއެވެ.

ބަސްހުއްޓި ހިނިއައިސްފަ ޒެހެންއަށް ހުރެވުނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ފެނުނު އަޖައިބެއްފަދަ ރީތިކަމެއްގެ ސަބަބުންނެވެ. ހޫރައިންގެ ލޮލަށް އިރުގެ އަލިކަން އެޅިލި ވަގުތެވެ. އެފަރި މަހިނޫރު އަލިފާން ކުލައިން ހުޅުދާންވެލި ފަދައެވެ. މަޑުމަޑު މުށި ކުލައިގެ ދެ ކަޅި ފަޅިސުކުންތަކަށް ދިއްލުނުހެން ހީވިއެވެ. ޒެހެންގެ މޭގައި ފިނިފިނި އަތްތިލައެއް ބީހިލިފަދައެވެ. ލޯލިތަކުގެ ބުޑަށް ވެސް އިހްސާސްކުރެވިއްޖެއެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"އައި ލައިކް ޔޫ..." ބޭގަރާރުވެ ހިޔާލުތަކުގައި ވަރުގަދައަށް ބަނދެވިފައިވާ ހާލު ކުއްލިއަކަށް ޒެހެންއަށް ބުނެވުނެވެ. އޭނާއަށް ހޫރައިންއާ ކައިރިއަށް ފިޔަވަޅު އަޅާލެވުނެވެ. އެހިނދު ހޫރައިންގެ ދެ ލޮލުން ފާޅުވީ ނުރައްކާތެރި އިންޒާރެކެވެ. އެ ދެ ލޮލުގައިވީ ވަރުގަދަ ސިހުރުން ޒެހެންގެ ނަފްސު މިންޖުވީ އެހިނދު ކަހަލައެވެ. އެތައް ވާހަކައެއް ދައްކަން ހިތާއި ސިކުނޑީގައި ޒެހެން ހުރީ ރާވައިގެންނެވެ. އޭނާ އައީ ވަރަށް ތައްޔާރުވެގެންނެވެ. އެކަމަކު އެންމެފަހުން ބުނަން ގަސްދުކުރި ބަސް އޭނާގެ ދުލުން ބޭރުވީ މާކުރީންކަން ރެއަކާލީ ދެނެވެ.

"ޝިޓް..." އަމިއްލަ ހިތާއި ނަފްސަށް ޒެހެންއަށް ބުނެލެވުނެވެ. އެހާ ރާވައިގެން ތައްޔާރުވެގެން އައީމާ ވެސް މިވީ ކިހިނެއް ހެއްޔެވެ. ފެށުން މިދިޔައީ ގޯހުންނެވެ.

"ޕްލީޒް... ލިސެން... ކައިރިއެއްނުވާނަމޭ. އަތެއް ވެސް ނުލާނަން... ވާހަކަދައްކާލެވިދާނެތަ. ޕްލީޒް..." ހޫރައިންގެ އަތުގައި އޮތް ފެންހޮޅިހިފައިގެން ހިނގައިގަތުމުން ޒެހެން ނިކަން އަވަސްއަވަހަށް ބުނެލިއެވެ. މީ ދުވަހަކުވެސް ޒެހެން އުޅުނު ގޮތެއް ނޫނެވެ. އަންހެންކުއްޖެއްގެ ފަހަތުން އާދޭސްކުރަމުން ހިނގުމަކީ އޭނާ ކުރާނެކަމެއް ނޫނެވެ. އެވަގުތު އޭނާގެ ހަރަކާތްތައް ހުރި ގޮތް މީހަކަށް ފެނިދާނޭތީވެ އެކަމުގެ ހާސްކަން ޒެހެންގެ ވިއެވެ.

ފެންހޮޅި އަޅުވާފައި ހޫރައިން ހުއްޓުނެވެ. ޒެހެން އޭނާއާ ދުރުމިނެއް ބަހައްޓާކަން ފާހަގަވިއެވެ. އެކަމަކު އޭނާ އެ ހުރީ ހާސްވެފައެވެ. ޒެހެންގެ ދުލުން ބޭރުވި ބަސްތަކުގެ ސަބަބުންނެވެ. ކޮންމެ ލަފުޒެއް ސާފުކޮށް އޭނާއަށް އިވުނެވެ. އެއިން ކޮންމެ ލަފުޒެއް ހޫރައިންގެ ހިތް ބިރުގަންނަވައިފިއެވެ.

"ލައިކް ވަނިއްޔޭ!... ކީއްވެ؟ ކިހިނެއް؟... ނޫން! އެ ސުވާލުތައް މުހިންމެއްނޫން. މީހަކާ ގުޅޭކަށް ބޭނުމެއްނޫން. އެއްވެސް މީހަކާ ގުޅޭކަށް ބޭނުމެއްނޫން." ހޫރައިންގެ ހިތުގައި ހިނގައިގަތީ ޒެހެންއާ މުޅީން އިދިކޮޅު ޝުއޫރުތަކެކެވެ.

"ހޫރައިން." ދުރުމިން ބަހައްޓަމުން ޒެހެން އައިސް ހުއްޓުނީ ސީދާ ކުރިމަތީއެވެ.

"ނަން އެނގުނީމަ އަހަރެންގެ ގޮތް އެނގުނީއޭ ހީވަނީތަ؟." ހޫރައިންގެ އަޑު އިވިލިއެވެ. ޒެހެންގެ ހިތުގައި ރިއްސާލިއެވެ. އެ ހިތްގައިމު އަންހެންވަންތަ އަޑުގައިވާ ހަރުކަށިކަމަށްވުރެ ފޮރުވިފައިވާ ރިހުން ޒެހެންއަށް ދެނެގަންނަން އެނގުނީ ކިހިނެއްކަމެއް ނޭނގެއެވެ.

"އެހެނެއްނޫން. އެކަމަކު އެނގެން ބޭނުން. އައި ރިއަލީ ވޯންޓު ނޯ ޔޫ. ހޫރައިން ދަސްކުރަން އަހަންނަށް ފުރުސަތެއް ދީ. ވާހަކަނުދައްކާ އެކަކުއަނެކަކުގެ ގޮތް އޮޅުންފިލުވާނީ ކިހިނެއް. ހިސާބެއްގެ މުއާމާލެއް ވެސް ހިނގަންޖެހޭ. ހޫރް... ޕްލީޒް... ގިވް މީ އަ ޗާންސް. ޑިސެޕޮއިންޓެއްނުވާނެ. ޔަގީންކަން މިދެނީ." ޒެހެންގެ މޫނުން ފާޅުވޭވޭ ހުރީ ސީރިއަސްކަމެވެ. ހޫރައިން ނިކަން ހަލުވިކޮށް ހިނގައިގަތެވެ. ޒެހެންގެ ކައިރިން އަޅާފައި ދާން ފެށުމުން އޭނާ ގޮވިއެވެ.

"ހޫރައިން!. މަޑުކޮށްބަލަ!... ހޫރް ޕްލީޒް!..." ޒެހެން ގޮވިއެވެ. ފަހަތުން އައެވެ. އެކަން އެނގި ބާރަށް ހިނަގަމުންދިޔަ ހޫރައިން ދުއްވައިގަތީއެވެ. އިތުރަށް ޒެހެންއަށް ހަރަކާތެއް ނުކުރެވުނެވެ. އޭނާ ހުއްޓުނީއެވެ. އަޑު ހަރުކޮށް ބާރަށް ގޮވާލާކަށް ނުކެރުނެވެ. މީހަކަށް އިވިދާނެތީއެވެ. އަނެއްކޮޅުން ހޫރައިންގެ ފަހަތުން އޭނާ ދުވަނިކޮށް ފެނުނަސް އެ މަންޒަރު ވާނީ ހުތުރު މަންޒަރަކަށެވެ. އޭނާއަކީ ތަނުގައި އުޅޭ އެންމެން ދަންނަ މުދައްރިސެކެވެ. އެކަމަކު ހޫރައިންއަކީ ތަނުގައި އުޅޭ އެންމެ އާދައިގެ މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އަންހެންކުއްޖެކެވެ. ވީއިރު ފާޑުކިޔާމީހުންގެ ދޫތަކުން ސަލާމަތްނުވާނޭ ޒެހެންގެ ޟަމީރު އެއްބަސްވެއެވެ. އެފަދަ އުނދަގުލެއް ހޫރައިންއަށް ލިބެން އޭނާއަށް އެދެވޭނީ ކިހިނެއް ހެއްޔެވެ. ކުޑަކުޑަ ކަމެއްގައި ވެސް ހޫރައިން ބަދުނާމް ވާން ޒެހެންއަށް އެއްބަހެއް ނުވެވޭނެއެވެ. އޭނާ ވިސްނައިގެން އުޅެނީ އެހެންވެއެވެ. ހޫރައިންގެ ގާތަށް ދާނަމަ މީހަކު އެމީހުން ފެންނަ ހިސާބުގައި ނުހުރޭތޯ ބަލަން ސަމާލުވަނީ އެހެންވެއެވެ.

"ދަރިޔާ ދުވަމުން ކޮންތާކަށް." ކުއްލިއަކަށް ހޫރައިންގެ ކޮނޑުގައި ހިފީ "ޑ" ބުލޮކު އިމާރާތުން ނުކުތް ހަސީނާއެވެ. މަސައްކަތު މީހުންގެ ހާއްސަ ލޮކަރާއި ސައިކޮޓަރިއާ އެ ނޫން ވެސް އެމީހުންނަށް ކަނޑައަޅާފައި ހުންނަ ބައިތައް ހުންނަނީ އެ އިމާރާތުގައެވެ.

"ހޫރައިން... ކިހިނެއްވީ؟." ހަސީނާ ކަންބޮޑުވިއެވެ.

"ކަމެއްނުވޭ... ފާޚާނާއަށް." އެންމެހާ އަސަރުތައް ފޮރުވާލުމާއެކު ހޫރައިން ވާހަކަދެއްކިއެވެ.

"ދުވެފަ ތިއައީ މާބޮޑަށް އެމަޖެންސީވީތަ. އަވަހަށް ދޭ... ބަލައިގެން ދާތި." ހަސީނާއަށް ލިބުނު ނުތަނަވަސްކަން ހިނިތުންވުމަކަށް ބަދަލުވިއެވެ. ބޯޖަހާލާފައި ހޫރައިން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

* * * * *

މުޅި ދުވަހު ހޫރައިންގެ ހިޔާލުތަކުގައި ޒެހެންވިއެވެ. އިރުއިރުކޮޅާ މަންޒަރު ރިވައިންޑްވެލަނީ ފިލްމެއް ފަދައިންނެވެ. ކަންފަތަށް ޒެހެން ބޭރުކޮށްލި ބަސްތައް އިވިގެންދެއެވެ. އެއިން ކޮންމެ ފަހަރަކު ހޫރައިނަށް ދެބުމަ ކައިރިކޮށްލެވެއެވެ. ދެ ލޯ މަރާ ތަގުޅިކޮށްލަނީ އެވީ ކަންތައް ހަނދާންނައްތާލަން ބޭނުންވާތީއެވެ. އެހެންވިޔަސް ވަގުތުކޮޅަކަށް އޭނާއާ އެ ހިޔާލުތައް ދުރުވެލާފައި އަލުން އެނބުރި އައިސް ސިކުނޑި ކާންފަށެއެވެ. ބޮލުގައި ރިއްސާވަރު ވެއްޖެއެވެ.

"މިއަދު މާ ވަރުބަލި ދުވަހަކީތަ؟." ހޫރައިންގެ މިލާފައިވާ މޫނަށް ބަލަން ހުރެ ސުމައްޔާ އަހާލިއެވެ. އޭނާ ހުރީ ދެ ހިޔާލެއްގައެވެ. އަނެއްކާ މިއަދު ވެސް ހޫރައިނަށް އަޒްހަދު ފެނުނީބާއެވެ. ކުރީން ގިނަ ވަގުތު ހޫރައިން އިންނަނީ ގޭގައި ވިއްޔާއެވެ. އެކަމަކު މިހާރު ވަޒީފާއަކަށް ނުކުންނަން ފެށުމުން އޭނާ މަގުމަތީގައި ހޭދަކުރާ ވަގުތު ގިނަވާނެއެވެ. އެހެންވީމަ ކުރީން ދިމާނުވިޔަސް މިހާރު މީހުންނަށް ފެނި ދިމާވުމުގެ ފުރުސަތު ބޮޑެވެ.

މަންމަގެ ސުވާލަށް ބޯޖަހާލައިފަ ހޫރައިން އައީ ކޮޓަރިއަށެވެ. އެކަކު ކައިރީ ވެސް އޭނާ ޒެހެންގެ ވާހަކައެއް ނުދެއްކިއެވެ. ފެންވަރާލައިގެން ނުކުމެ ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް އޭނާ އުޅުނެވެ. ބުރަބޮޑުވެފައިވާ ސިކުނޑިއަށް ހަމަޖެހިލާނޭ ފުރުސަތު ލިބުނީ ދެނެވެ. ހިޔާލުތަކާ ދުރުވެވުނީމައެވެ. ޔޫކްއަށްވުރެ މުހިންމުކަމެއް ހޫރައިންއަށް ނޯންނާނެތީއެވެ.

"އަން. ޖޫސް ފޮދެއް ބޯލަނިކޮށް ވަރުޖެހިދާނެ. މަސްރޮށްޓެއް ވެސް ފިހެލައިގެން މަންމަ މިއުޅެނީ." ސޯފާގެ ކައިރިއަށް އައިސް ސުމައްޔާ ހުއްޓިލިއެވެ. ކައިރީގަ ހުރި ތިރިތިރި ލަކުޑި މޭޒުމަތީ ދެ މަސްރޮށި ލާފައި އޮތް ތަށި ބެހެއްޓިއެވެ. އަދި އަނެއް އަތުގައި އިން ފިނި ޖޫސްތަށި ހޫރައިނަށް ދިއްކޮށްލިއެވެ. މަންމަގެ އެ އޯގާތެރިކަން ހޫރައިންގެ މޫނު އުޖާލާ ކުރުވިއެވެ.

"ޔޫކް ވެސް ޖޫސް ބޯނަން." ޖޫސްތަށި ފެނުމާއެކު ޔޫކް ބުނެލިއެވެ.

"މާމަގެ ޔޫކްއަށް އެންމެ މީރު ޖޫސް މީ. މިއަންނަނީ ތަށިހިފައިގެން. ހުރިހާ ކުދީން މިއަދު ޖޫސް ބޯނީ." ސުމައްޔާ ގޮސްފައި އެނބުރި އައީ ޔޫކްގެ ތަށި ހިފައިގެންނެވެ.

"މަންމަ ސައިނުބޮން ދޯ. އާދޭ ސައިބޯން." ހޫރައިނަށް އެނގޭތީ ބުނެލިއެވެ. ސައިބޯ އެއްޗެއް ހަދައިފި ދުވަހެއްނަމަ ހޫރައިން ގެއަށް އަންނަންދެން ސުމައްޔާ މަޑުކުރާނެއެވެ. ދަރިފުޅާއެކު ނޫނީ ސައިނުބޯނެއެވެ.

"މިއަދު ހަސީނާ ނާދޭތަ؟." ހޫރައިންއާއެކު ސައިގަ ބައިވެރިވާން ސުމައްޔާ ވެސް އައިސް އިށީނީ ސޯފާއެވެ.

"ހޫމް... ހަސިންތަ ކައިރީ ބުނީ މިހާރު ނަޔަސް އެންމެ ރަނގަޅޭ. އަސްލު ހާދަ ދުރަކަށޭ ހަސިންތަ އެ ހިނގަނީ. ދެ ގެ ކައިރިނަމައެއްނު ދޯ މަންމާ." އެކަނި އައުމަށްވުރެ ހޫރައިން ވެސް ހަސީނާއާއެކު އަންނަން ބޭނުންވެއެވެ. އެކަމަކު ހަސީނާގެ ހެޔޮކަން އޭނާއަށް ބޮޑު ބުރައަކަށް ހަދާން ހޫރައިން ބޭނުންނުވަނީއެވެ. ވަޒީފާއަށް ވަންފަހުން ދެ މަސް ވާން އުޅޭއިރު ބިރުގަތަސް އެ ބިރު ހިތުގައި ފޮރުވާލައި ހުރިހާކަމަކަށް ހޭނެން ވެއްޖެކަން ހޫރައިން ގަބޫލުކުރެއެވެ. މީހުންނަށް އުނދަގޫވެދާނެތީ ހޫރައިން އަބަދުވެސް ވިސްނައެވެ.

"ވާހަކައެއް ދައްކާލަން އެބައޮތް. ހޫރް ގަޔާވާނެއެކޭ މަންމަގެ ހިތެއް ނުބުނޭ." ވަގުތުކޮޅަކަށް ހިމޭނުން އިނދެފައި ސުމައްޔާ ވާހަކަދެއްކިއެވެ.

"ކީކޭ..." ކޮންވާހަކައެއްތޯ އަހާފަދައިން ހޫރައިން ބުނެލިއެވެ. ސުމައްޔާގެ ލޯ ދަތުރުކޮށްލީ ހޫރައިންގެ ކައިރީ އިން ޔޫކްއަށެވެ. ދެން އޭނާ ދަރިފުޅަށް ބަލާލިއެވެ.

"މިވަގުތަކުނޫން. އެކަނިތިބެ." ސުމައްޔާ ބުނެލިއެވެ.

މަންމަ ދައްކަން އުޅޭ ވާހަކަ ޔޫކްއަށް އިވެން ބޭނުންނުވަނީކަން ހޫރައިނަށް އެނގުނެވެ. އިތުރަށް ދެމައިން ވެސް އެއްވެސް އެއްޗެއް ނުބުންޏެވެ. އެކަމަކު ހޫރައިންއަށް ވިސްނާލެވުނެވެ. އޭނާ ގަޔާނުވާނޭ ވާހަކައަކަށް ވާނޭ މަންމައަށް ހީވަނީ ކީއްވެބާއެވެ. އެއީ އަނެއްކާ ކޮންވާހަކައެއްބާއެވެ. އޭނާ ނޭދޭކަމެއް މިހާތަނަށް މަންމަ ކޮށްފައެއް ނެތެވެ. ކަމަކަށް ޔަގީނުން ވެސް މަޖުބޫރެއް ނުކުރާނެއެވެ. އޭނާގެ ހާލު މަންމައަށް ރަނގަޅަށް އެނގެއެވެ. ވީއިރު އޭނާ ގަޔާނުވާނޭކަން އެނގިހުރެ އެ ވާހަކައެއް ދައްކަން މަންމަ ގަސްދުކުރީ ކީއްވެބާއެވެ. އެއީ އެހާ މުހިންމު ވާހަކައަކީ ބާއެވެ. މިވީ ގޮތުން ދެން އެއީ ކޮންވާހަކައެއްކަން އަޑު ނީވެނީސް ހޫރައިންއަށް ވިސްނޭނީ އެކަމާއެވެ. ސިކުނޑި ގޮވާވަރަށް ކަމަކާނުވާ ކަހަލަ ކަންކަމާ ވިސްނުމުގައި ވެސް އޭނާއަކީ މާހިރެކެވެ. ވީއިރު އަދި މިވީ ގޮތުން ކިހާ ވަރަކަށް އޭނާގެ ބޯގޮއްވޭނެ ހެއްޔެވެ. މަންމަގެ މޫނަށް އޭނާއަށް ބަލާ ވެސް ލެވުނެވެ. ބުނާނީ ކޮންއިރަކުން ބާއެވެ. ޔޫކް ނުހުންނަ ވަގުތަކަށް ވާނީ އެކުއްޖާ ނިދީމައެވެ. އެހެންނޫނީ އޭނާ ހޫރައިން ނުފެންނަ ހިސާބަކު ނީންނާނެއެވެ. މިވަގުތު ނޫނިއްޔާ މަންމަ އެ މަޑުކުރީ މިރެއަށްތާއެވެ. (ނުނިމޭ)