އެމްޓީސީސީ އިން އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ފޭދޫ އާއި ދެމެދު ސައިކަލު ފެރީގެ ހިދުމަތް ފަށައިފި އެވެ.
އެމްޓީސީސީ އިން މިއަދު ތައާރަފްކުރި މި ހިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލް އުފުލޭނެ އެވެ. އަދި އޭގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ އެވެ. މި ފެރީގައި ސައިކަލަކަށް 20ރ. ނަގާނެ އެވެ.
އެމްޓީސީސީ އިން ބުނީ ދިޔަވަރަށް އަންނަ ބަދަލުތަކާއެކު ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ވެސް ފޭދޫ އަދި ހުޅުމީދޫގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ.
ފެރީގެ ހިދުމަތް ދޭނީ ކޮންމެ ހަފްތާއަކު ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގަ އެވެ. އެކުންފުނިން ވަނީ ފެރީގެ ޝެޑިއުލް ވެސް މިހާރު އާންމުކޮށްފަ އެވެ.
އެމްޓީސީސީން ބުނީ އެކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށެވެ.
އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއް ލިންކް ރޯޑަކުން ގުޅާލައިފައި އޮންނައިރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ހުޅުމީދޫ އޮންނަނީ ވަކިންނެވެ.