އެމްޓީސީސީ

އެންމެ ދެކުނުގެ ހަތަރު އަތޮޅު އާރްޓީއެލް ފެރީން ގުޅާލަނީ

Aug 9, 2023

ރާއްޖެ ޓްރާންސްޕޯޓް ލިންކް -- އާރްޓީއެލް ފެރީއާއެކު ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު މިމަހު ގުޅާލުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު އަވަސްއަށް ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ހުވަދޫ އަތޮޅު އާރްޓީއެލް އިން ގުޅާލުމުގެ މަސައްކަތް މިމަހު ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.

އައްޑޫ ސިޓީއިން ފުވައްމުލައް ސިޓީއަށް ފެރީއިން ގުޅާލާއިރު ފުވައްމުލައް ސިޓީން ހުވަދޫ އަތޮޅަށް ފެރީން ގުޅާލެވިގެންދާނެ އޭރުން އެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި އެ ސަރަހައްދަުގައި ދަތުރުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިދަންނަވާ ދަތުރުތައް ފެށުމަށް މިހާރު ފެރީވެސް މިވަނީ ލިބިފައި،" އާޒިމް ވިދާޅުވި އެވެ.

ދެކުނުގެ ހަތަރު އަތޮޅު ގުޅާލާއިރު އައްޑޫގެ ރަށްތަކުގައިވެސް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

ފެރީއިން ދަތުރުކުރާ މީހުންނަށް ހިދުމަތްދޭ މުވައްޒަފުންނަކީ ފުރިހަމައަށް ތަމްރީންވެފައި ތިބި ބަޔަކަށް ހެދުމަށްޓަކައި އެ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ

ފެރީގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ 2022 ވަނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްތަކެއް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމުގައި ސަރުކާރުން ބުނެ އެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތް ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅާއި ހުވަދޫ އަތޮޅުގައި މިހާރު ދަނީ ދެމުންނެވެ.