ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑެއް" ވިއްކާ ކަމަށް ބުނެ ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީ އިން އިލްތިމާސްކޮށްފި އެވެ.
އެމްޓީސީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އާރުޓީއެލްގެ ނަމުގައި މިފަދަ ސްކޭމެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ގޮތުން "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދުވެރިކޮށް ތިން މަސްދުވަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމަށް މަސައްކަތް ކުރާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.
އެ ހަރަކާތަކީ އެމްޓީސީސީ އާއި އާރްޓީއެލްއާ އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމާށް އެމްޓީސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނިން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފުކުރާނަމަ އެކަން ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
އެމްޓީސީސީ އިން ވަނީ އެ ކުންފުންޏާއި އާރްޓީއެލްގެ ނަމުގައި އެއްވެސް ބަޔަކު ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް ކަސްޓަމަރުންނަށް ނަސޭހަތްތެރިވެފަ އެވެ.
އެމްޓީސީސީގެ ބަޔާނުގައި ވަނީ އެ ކުންފުންޏަށް ރައްޔިތުންކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުޒީބު އަމަލުތައް ކުށްވެރިކޮށްފަ އެވެ.