ހަބަރު

ބޯޓްތަކުގެ ހިތްގައިމު ހަރަކާތްތަކުން މާލެއަށް ފިނި ހަވީރެއް

ރާޅުގަނޑު ސަރަހައްދަށް މިއަދު ހަވީރު 4:00 އިން ފެށިގެން މީހުން ޖަމާވާން ފެށި އެވެ. ބެލެނިވެރިންނާއެކު އެތަނަށް ޖަމާވި އެތައް ސަތޭކަ ކުޑަކުދިންނާއި އާއިލާތައް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދިޔައީ ހަމަ އެންމެ ވަގުތަކަށެވެ. ސިވިލް އޭވިއޭޝަންގެ ދުވަސް ފާހަގަ ކުރުމަށް، ބާއްވާ ފްލައިޓް ޕާސްޓްގެ ތަފާތު ހަރަކާތްތައް ބަލައިލުމަށް އެންމެން ތިބީ ކެތް މަދުވެފަ އެވެ. ގިނަ ފްލައިޓްތަކެއް އެކުއެކީގައި އެހާ ތިރިން ދަތުރު ކުރާތައް ފެނުމަކީ ރާއްޖޭގައި އެއްގޮތަކަށް ވެސް ލިބިފައި އޮތް ނަސީބެއް ނޫނެވެ. އެކަމަކު އެ ނަސީބު ލިބިފައި ނެތް އެތައް ބައެއްގެ ހިތް ފުރާލަދިނީ މަތިންދާ ބޯޓްތަކުން އެކު އެކީގައި ދައްކާލި ކުޅަދާނަ ހަރަކާތްތަކުންނެވެ. 

އެންމެ ފުރަތަމަ ފެނިލި މޯލްޑިވިއަންގެ ސީ ޕްލޭނާ އެކު މުޅި ސަރަހައްދު ކުޑަކުދިންގެ ހަޅޭކާއި ހުނުމުގެ އަޑުން ގުގުމާލި އެވެ. ފްލައިޓަކަށް ފަހު ފްލަ އިޓެއް ތިރި ތިރިން އުދުހިލާފައި ދާތަން ފެނުމުން ކުޑަކުދިންނަށް ހީވީ "އީދެއް" އައިސްގެން އުޅޭހެންނެވެ. "އާޗާ! ހާދަ ސަޅިއޭ،" ކުޑަ ކުއްޖަކު އުފަލުން ގޮސް ބުނެލި އެވެ. ދެން ތިބި މީހުން ބެލީ، އިންސްޓަ ގްރާމް ކޮށްލަން ހެޔޮވަރު ފޮޓޯގަނޑެއް ލިބޭތޯ އެވެ. އެތައް ބަޔަކު އެ ނަސީބު ވެސް ހޯދި އެވެ. 

ގާތްގަނޑަކަށް 30 މިނެޓަށް ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކުގައި ދިވެހި ހުރިހާ އެއާލައިންތަކެއް ހިމެނޭ ގޮތުން އަށް ފްލައިޓެއް ބައިވެރިވެ ހުނަރު ދައްކާލި އެވެ. އެ އުފާވެރި ވަގުތު ކޮޅަށް ނިމުމެއް އަންނާކަށް އެތަނުގައި ތިބި އެކަކު ވެސް ބޭނުމެއް ނުވެ އެވެ. ބައެއް މީހުން އެ ހަރަކާތް ނިމުނުލެއް އަވަސް ކަމުން ޝަކުވާ ކުރި އެވެ. ބޭނުންވީ އެ ހަރަކާތްތައް އަދިވެސް އިތުރަށް ބަލާށެވެ.

"މަންމާ ހަމަ މިނިމުނީތަ. އަދި ފެންނާނެދޯ؟" ކުޑަ ކުއްޖަކު އޭނާގެ މަންމަގެ ގައިގާ އޮޅުލައިގަންނަމުން ބުންޏެވެ.

ހަގީގަތުގައި ވެސް މިއަދުގެ ހަރަކާތާ އެކު ހުކުރު ދުވަހުގެ ހިތް ފަސޭހަ ހަވީރަށް ފިނިކަން ގެނެސްދީފި އެވެ. ފްލައިޓް ޕާސްޓް ވެގެން ދިޔައީ އެތައް ބައެއްގެ އުފަލަކަށެވެ. މިއީ މޯލްޑިވިއަން އާއި ޓްރާންސް މޯލްޑިވިއަން އަދި ފްލައިމީ އިން ދިވެހިންނަށް ދިން އުފާވެރިކަމުގެ ހަދިޔާ އެކެވެ.