ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ގައުމީ ކުތުބުހާނާ ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ޒަމާނީ ބަދަލުތަކަކާއި އެކު ގައުމީ ކުތުބުހާނާ ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު ގައުމީ ކުތުބުހާނާގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކުތުބުހާނާ ތަރައްގީކުރުމަށް ބޭންކުން ވަނީ ގައުމީ ކުތުބުހާނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ. ކުތުބުހާނާގެ ފަރާތުން ސޮއި ކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ.

އެ ޕްރޮޖެކްޓް ގެ ދަށުން ގައުމީ ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ، ކިޔަވަތި ޑިސްކަޝަން ރޫމް، ސައިލެންޓް ރީޑިން އެންޑް ރިސާޗް ރޫމް، މޭކާސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މީގެ އިތުރުން ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓާ ސިސްޓަމްތައް އަޕްގްރޭޑް ކުރުމާއި ކުތުބުހާނާއިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ބީއެމްއެލްއިން ދޭނެ އެވެ.

ކުތުބުހާނާގައި އޯޑިއޯ ރިކޯޑް ކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެ ތަނުގެ ފޮތްތައް މިހާރަށް ވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ޒަމާނީ ސެކިއުރިޓީ ގޭޓެއްވެސް ގާއިމް ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މިރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވީ ލައިބްރަރީތަކަކީ މުޖުތަމައުގެ މުހިންމު ބައެއް ކަމަށާއި ގައުމީ ކުތުބުހާނާ އަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު ތަނެއް ކަމަށެވެ.

"ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް. ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުހާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓް. އަދި އެފަދަ މުޖުތަމައަށް ފައިދާ ކުރާނެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި." ބީއެމްއެލްގެ ސީއީއޯ ޓިމް ވިދާޅުވި އެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުޖުތަމައަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތް ހިންގުމަށް ބީއެމްއެލުން ވަނީ ނިންމާފަ އެވެ. ބޭންކުން ވަނީ ފުރަތަމަ ހަރަކާތުގެ ގޮތުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑު ތައާރަފްކޮށްފަ އެވެ.