އިލެކްޝަންސް ކޮމިޝަން

"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ސ.ހުޅުދޫ/ ރަސްގެދަރު މުހައްމަދު ޔާސީނަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ޕާޓީއެއް އެބައޮތެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އާއި ޑީއާރުޕީ އާއި ޕީއެންސީ އާއި ލޭބާ ޕާޓީ އާއި އެމްޓީޑީ އާއި އެމްރާއެމް އަދި އެމްއެންޕީ އެވެ.

މިހާރުވެސް އިތުރު ޕާޓީތަކެއް އުފެއްދުމަށް ހުއްދަ ވަނީ ދީފައެވެ.

މިހާރު ދަފްތަރުގައިވާ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރު ކަމަށްވާ 10،000 މެންބަރުން ހަމަވަނީ ތިން ސިޔާސީ ޕާޓީއެއްގައެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީއެވެ. އެމްޑީޕީގައި 51720 މެންބަރުން ތިބިއިރު ޕީޕީއެމްގައި ތިބީ 37284 މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގައި 13174 ހިމެނެއެވެ.

ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މެންބަރުން ތިބެން ލާޒިމުކުރި ނަމަވެސް އެ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތައްވެސް އެބަހުއްޓެވެ. އެއީ ޑީއާރުޕީ އާއި އެމްޓީޑީ އަދި ލޭބާ ޕާޓީއެެވެ. ޑީއާރުޕީގައި 2562 މެންބަރުން ތިބިއިރު އެމްޓީޑީގައި 2928 މެންބަރުން އެބަތިއްބެވެ. ލޭބާ ޕާޓީގައި ތިބީ 2926 މެންބަރުންނެވެ.