ޑރ. މުހައްމަދު ޖަމީލް އަހުމަދު

އެއްވެ އުޅުމުގެ ހައްގު ނިގުޅައިގެންފި: ޖަމީލް

އެއްވެ އުޅުމަކި މި ސަރުކާރަށް މިހާރު ދުސްތޫރީ ހައްގެއް ނޫން ކަމަށް ވިދާޅުވެ އެއްވެ އުޅުމުގެ ހައްގުން ރައްޔިތުން މަހުރޫމްކޮށްފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން ނިންމި ޖަލްސާގެ ތައްޔާރީތައް ފެށުމުން އެ މަސައްކަތަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅާފައިވާތީ އެކަން ކުށްވެރިކުރައްވައެވެ. ޖަމީލް ވިދާޅުވި ގޮތުގައި ދުރާލާ ހުއްދަ ހޯދަން ޖެހެނީ އެމްޑީޕީން ބުނާ ހުދުމުހުތާރު 30 އަހަރުގައި ކަމަށާ ނަމަވެސް މިއަދު އެއްވެ އުޅުމަކީ ސަރުކާރަށް ދުސްތޫރީ ހައްގެއް ނޫން ކަމަށެވެ.

"ފުލުހުންނަކީ އަމިއްލަ ބުއްދި ނެތް، ގުލާނު ކުރަން ތިބި ބަޔަކަށް އެމްޑީޕީން ހަދައިފި، ތައްޔާރުވަނީ ބޮޑު ޖަލްސާތައް ހުއްޓުވަން. ސަރުކާރު ގަދަ ނިދިން ހޭލެވުނީ،" ޖަމީލުގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން ދަނީ ހިޔާ ޓަވަރުތަކުގެ މެދުގައިވާ ހުސް ބިމުގައެވެ. ނަމަވެސް އެޗްޑީސީގެ ހުއްދަ ނުހޯދާ މަސައްކަތް ފެށުމުން އެޗްޑީސީން ވަނީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ގިނަ ވެހިކަލްތަކެއް އެ ބިމަށް ޖަމާކޮށްފައެވެ.
އޭގެ ފަހުން ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެ މަސައްކަތް ހުއްޓުވާފައެވެ.

ރޭ މެންދަމާ ހަމައަށް ފުލުހުންގެ ބޮޑު ފައުޖެެއް އެތާ އޮތެވެ. ޖަލްސާއަށް ތައްޔާކުރަން ފެށި ސަރަހައްދަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ބަންދުވެސް ކުރިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ޖަލްސާގެ ތައްޔާރީ ފެށީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ޖަލްސާއަށް އެޗްޑީސީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާ އެ ހުއްދައަށް ނުވެސް އެދޭނެ ކަމަށެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކަމަށް އެ ކޯޕަރޭޝަންގައި ރަސްމީކޮށް އެދި ހުއްދަ ލިބުމުން ކަމަށެވެ.