މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބައެއް ފީތައް ބޮޑުކުރިޔަސް ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮންޓެއިނަރުތަކުން މިހާރު ނަގަމުންދާ އެކްސްޕްރެސް ޗާޖު ބޮޑުކުރިޔަސް އެކަމުގެ ސަބަބުން ވިޔަފާރިތަކަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

ކޮންޓެއިނަރުތައް އަވަހަށް ކްލިއާ ކުރުމަށްޓަކައި މިހާރު ނަގަމުންދާ އެކްސްޕްރެސް ޗާޖު އަންނަ އަހަރުން ފެށިގެން ބޮޑުކޮށް އަދި ކަރަންޓުގެ އަގު ނަގާ އުސޫލު އަލުން އެކުލަވާލައި އަންނަ އަހަރުން ފެށިގެން އެ އުސޫލަށް އަމަލުކުރަން އެމްޕީއެލްއިން މިހާރު ވަނީ ނިންމާފަ އެވެ.

އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެކްސްޕްރެސް ފީ ބޮޑުކުރީ ކޮންމެހެން އެ ފީ ބޮޑުކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ޝާހިދު ވިދާޅުވީ ކުރިން 20 ފޫޓް އަދި 40 ފޫޓް ކޮންޓޭނަރެއް ވިޔަސް އެކްސްޕްރެސް ފީގެ ގޮތުގައ ނެގީ އެއް އަގެއް ކަމަށާއި ނަމަވެސް 40 ފޫޓް ކޮންޓޭނަރެއް ޝިފްޓްކުރަން ގިނަ ވަގުތު ހޭދަކުރަން ޖެހުމާ އަދި އޭގެ ސަބަބުން 20 ފޫޓުގެ ކޮންޓޭނަރުތަކަަށް ޖާގަ ގެއްލޭތީ ހަމައެކަނި 40 ފޫޓޫގެ ކޮންޓޭނަރަށް އެކްސްޕްރެސް ޗާޖު ބޮޑުކުރަން ނިންމީ ކަމަށެވެ.

"[ބޮޑު މިކުރީ] އެކްސްޕްރެސް ސާވިސްއަށް. ނޯމަލް ސާވިސްއަށް އެއްވެސް ބަދަލެއް ނާދޭ. އެކްސްޕްރެސް ސާވިސްއަށް މި ނަގަނީ ހަމަ ކްލިއާ ކުރާ މުދަލުގެ ވަރަށް ކުޑަ ޕަސެންޓެއް. އެހެންވީމާ އޭގެ ތެރެއިންވެސް މީތި އެޕްލިކަބަލް ވާނީ 40 ފޫޓް ކޮންޓޭނަރަށް. އެހެންވީމާ އޭގެ ސަބަބުން ސިގްނިފިކަންޓް މުދާ ކްލިއާ ކުރުމުގެ ހަރަދުތަކެއް އަންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން." ޝާހިދު ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން 20 ފޫޓުގެ ކޮންޓޭނަރެއް ދުވަހުން ދުވަހަށް ކްލިއާ ކުރަން އެކްސްޕްރެސް ޗާޖުގެ ގޮތުގައި 1،500 ރުފިޔާ އަދި 40 ފޫޓު ކޮންޓެއިނަރެއް ނަމަ 3،000 ރުފިޔާ ނަގާނެ އެވެ. މިހާރު އެކްސްޕްރެސް ޗާޖުގެ ގޮތުގައި 20 ފޫޓު އަދި 40 ފޫޓުގެ ކޮންޓޭނަރަަކުން ވެސް ނަގަނީ 1،060 ރުފިޔާ އެވެ.

ކޮންޓޭނަރުގެ ކަރަންޓު ޗާޖު ނަގާ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ޝާހިދު މިއަދު ވިދާޅުވި ގޮތުގައި މި ބަދަލާއެކު ކަރަންޓުގެ ޗާޖު ވާނީ ކުޑަ އެވެ.

"އެއީ އެއް ކޮންޓޭނަރަކަށް މަލްޓިޕަލް ކޮންސައިނީސްގެ މުދާ ހުރެއްޖެ ކަމަށް ވެއްޖިއްޔާ ކޮންމެ ކޮންސައިނީއެއްގެ އަތުން އިލެކްޓްރިސިޓީ ޗާޖު އެބަ ނެގޭ. އޭގެ ބަދަލުގައި ހަމައެކަނި ކޮންޓެއިނަރުން ހަމައެކަނި ނެގޭނީ. އޭގެ މާނަ އަކި މަލްޓިޕަލް ކޮންސައިނީސްގެ އަތުން ނެގުމުގެ ބަދަލުގައި ހަމައެކަނި ކޮންޓެއިނަރުން ނަގާ ޗާޖު ނެގީމަ އެ އިލެކްޓްރިސީއަށް ކޮންސައިނީއަށް ޖުމްލަކޮށް ކުރާ ހޭދަ ކުޑަވެގެންދާނެ." ޝާހިދު ވިދާޅުވި އެވެ.

ކޮންޓޭނަރެއް އެއް ގަޑިއިރުތެރޭގައި ކްލިއާ ނުކޮށްފިނަމަ ކޮންމެ ގަޑިއަކަށް ޗާޖު ކުރެ އެވެ. އެގޮތުން 20 ފޫޓު ކޮންޓޭނަރަކަށް 667 ރުފިޔާ އަދި 1404.04 ރުފިޔާގެ މަގުން ގަޑިއަކަށް ޗާޖު ކުރެެ އެެވެ. ނަމަވެސް އަންނަ އަަހަރުން ފެށިގެން ކޮންޓޭނަރަކުން ކިތަންމެ ގިނަ ބަޔަކު މުދާ ގެނަޔަސް ކަރަންޓު ޗާޖު ނަގާނީ އެއް ފަރާތެއްގެ އަތުންނެވެ.

އެމްޕީއެލް އިން މިހާރު ވަނީ ބޯޓުތައް އެމްޕީއެލްގެ ބަނދަރު ސަރަހައްދަށް ވައްދަން އެހީތެރިކަން ފޯރުކޮށްދޭތީ ނަގާ ޕައިލަޓޭޖް ފީތައް ވެސް މިމަހުގެ 15 އިން ފެށިގެން ކުޑަކޮށްފަ އެވެ. އެގޮތުން އެމްޕީއެލް އިން ވަނީ މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕަސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވްރެޖްކޮށް 50 ޕަސެންޓް ކުޑަކޮށްފަ އެވެ. އަދި ވެރީ ލާޖް ކްރޫޑް ކެރިއާ (ވީއެލްސީސީ) ތަކަށް ނަގާ ޕައިލަޓޭޖް ފީ 20 ޕަސެންޓާ ހަމައަށް ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން އެމްޕީއޭއެލް އިން ވަނީ ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޓަގް ކުއްޔަށް ދޭ އަގުތައް ވެސް ވަނީ 30-50 ޕަސެންޓާ ދެތެރޭގެ އަދަދަކާ ހަމައަށް ކުޑަކޮށްފަ އެވެ. އެހެނިހެން ހިދުމަތްތަކުގެ އަގުތައްވެސް ކުޑަކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ