ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓޫރިޒަމްގެ ރަން ޔޫބީލް ލޯގޯ ބޭނުންކުރަން އަންގަވައިފި

Dec 9, 2021

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ލޯގޯ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަ ހެޑާއި އީމެއިލް ފުޓާގައި ބޭނުންކުރަންޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް އަމަލުކުރައްވަން ނިންމެވީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

އަންނަ އަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން އެ އަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ލޯގޯ ޓޫރިޒަމް މިނިސްޓްރީން ވަނީ އިފްތިތާހުކޮށްފަ އެވެ.

ލޯގޯ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ރަމްޒުވާ ސިފަތައް ހިމަނައިގެން ރާއްޖޭގެ ހުނަރުވެރިން ކަމަށްވާ އަބްދުﷲ ނަޝާތު އާއި އަހުމަދު އަޒްލީފް އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއާތަކާއި ބައްދަލުވުންތަކުގައި ރަން ޔޫބީލް ލޯގޯ ބޭނުންކުރާ ގޮތަށް ވެސް ރައީސް ވަނީ ހަމަޖައްސަވާފަ އެެވެ.

ރާއްޖެއިން ބޭރުގައި ރަން ޔޫބީލް ލޯގޯ ބޭނުންކުރާނީ އިނގިރޭސި ބަހުން ކަމަށްވެސް ވަނީ ހަމަޖައްސަވާފަ އެވެ.