ބޮލީވުޑް

ސަލްމާންގެ ލޯޔަރުންނަށް 5 މިލިއަން ޑޮލަރު

Dec 12, 2015
1

މީގެ ތޭރަ އަހަރުކުރިން ސަލްމާން ޚާން އިން ކާރެއް އެކްސިޑންޑްވެ، އެކަކު މަރުވެ ހަތަރު މީހަކު ޒަހަމްވި މައްސަލައިގައި ކުށްވެރިވާ ކަމަށް ބުނެ އޭނާ ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން ބުރާސްފަތި ދުވަހު ބާތިލްކުރުމާއެކު ސަލްމާނާއި އޭނާގެ އާއިލާއަށް ބޮޑު މުސީބާތަކުން މިންޖުވިކަހަލަ އެވެ.

މިއަހަރުގެ މެއި ހަވަނަ ދުވަހު އެކްސިޑެންޓް މައްސަލައިގައި ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި ފަސްއަހަރަށް ހުކުމް ކުރުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށް އޭނާ މިނިވަންވީ ކަމަށް ހުކުމްކުރުމާއެކު ސަލްމާން އަށް ރޮވުނެވެ.

މިނިވަންވި ކަމުގެ އުފަލުގައި ހިތްހަމަޖެހިގެން ސަލްމާން ގެއަށް ގޮސްފައިވާއިރު، އޭނާ މިނިވަންވުމަކީ މުޅި އާއިލާއަށް ވެސް ލިބުނު ބޮޑު އުފަލެކެވެ.

ސަލްމާންގެ އިތުރުން އާއިލާގެ އެންމެހާ މެމްބަރުންވެސް އޭނާ މިނިވަންވީ ކަމަށް ހައިކޯޓުން ނިންމުމުން އެކަމާ އުފާކުރަމުން އަންނައިރު، އޭނާގެ ބައްޕަ ސަލީމް ޚާން ވަނީ ސަލްމާން އެކްސިޑެންޓްގެ މައްސަލައިން ސަލާމަތް ވުމުން ވަރަށް އުފާކުރާ ކަމަށާއި މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުނެފަ އެވެ.

ތޭރަ އަހަރު ވަންދެން މިމައްސަލައިގައި ސަލްމާން އާއި މުޅި އާއިލާ އުޅެފައިވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ބުނަމުން ސަލްމާންގެ ބައްޕަ ވަނީ ބުރާސްފަތި ދުވަހު އޭނާގެ ދަރިފުޅު މިނިވަނެއްގެ ގޮތުގައި ކޯޓުން ނިކުމެގެން ގޮސްފައިވާތީ ވަރަށް ގިނަބަޔަކު އެކަމާއި ފާޑުކިޔާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ބަޔަކަށް އޭނާގެ އާއިލާއިން ވޭތުވެދިޔަ ތޭރަ އަހަރުގެ ތެރޭގައި ތަހައްމަލުކުރި އެއްވެސް ވޭނެއް ފެނިފައިނުވާ ކަމަށެވެ.

"ބައެއް މީހުން އަންނަނީ ބުނަމުން އޭނާ މަޝްހޫރު ތަރިއަކަށްވީމާ ހަމަ މިނިވަންކުރީއޭ. މިމައްސަލައިގައި އޭނާ ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފައި" ސަލްމާންގެ ބައްޕަ ބުނެފައިވެ އެވެ.

އިތުރަށް ސަލީމް މިމައްސަލައިގެ ހުކުމް އަންނާނެ ގޮތެއް ނޭނގޭތީ ނުތަނަވަސް ކަމެއްގެ ތެރޭގައި އުޅުމުގެ އިތުރުން މިކަމަށް ވަރަށް ބޮޑު ހޭދައެއްވެސް ސަލްމާންގެ އަތުން ގޮސްފައިވާ ކަމަށެވެ. އެގޮތުން ސަލްމާންގެ ދިފާއީ ވަކީލުންނަށް 20 -25 ކްރޯޑް (5 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ދަށުކޯޓުން ސަލްމާންގެ މައްޗަށް އިއްވާފައިވާ ހުކުމް އުވާލަމުން ފަނޑިޔާރު ވަނީ ތަހުގީގުގައި ވަރަށް ބައިވަރު މައްސަލަތަކެއް އެބަހުރި ކަމަށާއި އެގޮތުން ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކި ބަސް ރެކޯޑްކުރެވިފައިނުވުމާއި ބައެއް ހެކިވެރިންގެ ހެކި ބަސްތައް އުނިވުމުގެ ސަބަަބުން ހިޔާލުއުފެދޭ ވަރަށް ބައިވަރު ކަންތައްތައް ހުރި ކަމަށެވެ.

ސަލްމާންގެ ކުށެއް ނެތް ކަމަށް ފަނޑިޔާރުން ނިންމުމާއެކު އޭނާއަށް ސަޕޯޓްކުރާ އެތައް ބަޔަކު ކޯޓުކައިރިއަށާއި ބަންދްރާގައި ހުންނަ އޭނާގެ ގެ ކައިރިއަށް އެއްވެ އުފާފާޅުކޮށްފައިވާއިރު، ބޮލީޑްގެ އެކުވެރިންގެ ތެރެއިން ގިނަބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔުމަށް ގެއަށް ޒިޔާރަތްކޮށްފަ އެވެ. އަދި ގިނަތަރިންނެއް ވަނީ ހައިކޯޓުގެ ނިންމުމަށް ތާއިދުކޮށް މިނިވަން ވީތީ ސަލްމާނަށް ޓްވިޓާގައި މަރުހަބާވެސް ކިޔާފަ އެވެ.

ހައިކޯޓުން ސަލްމާންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އުވާލިކަމަށް ހުކުމްކުރުމުން ދައުވާކުރި ވަކީލުން ވަނީ މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން އަދިވެސް ސަލްމާނަށް މިކަންތައް ގަނޑުން މުޅިން މިންޖެއްނުވެ އެވެ.