މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ "ސޭފްޓީ ރަން" މި މަހު 31 ގައި ބާއްވަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން "ޕޯޓް ސޭފްޓީ ވީކް ރަން"ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.

އެމްޕީއެލް އަދި ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރާ ރާއްޖޭގެ ޖަމިއްޔާ "އާކް" ގެ އިތުރުން އެހެން ބައެއް މީޑިއަމްތަކާއި ގުޅިގެން ކުރިއަށް ގެންދާ މި ދުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.

މި ދުވުން އިފްތިތާހްކުރުމަށް މިއަދު މެންދުރު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ މި ދުވުން ކުރިއަށް ގެންދާނީ ފަސް ކިލޯ މީޓަރުގެ ދުވުމެއްގެ ގޮތުގައި ކަމަށެވެ. އަދި މި ދުވުމުގެ ތެރެއިން ޓީޝާޓު ވިއްކައިގެން ލިބޭ ލާރި އާކްއަށް ހަދިޔާ ކުރާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށެވެ. އަދި މި ދުވުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ޝިއާރުތަކާއި ލޯގޯތައް ބޭނުން ކުރާނެ ކަމަށެވެ.

އާކުން ބުނީ މި ދުވުމުން ލިބޭ ފައިސާ ބޭނުންކުރާނީ ކުޑަކުދިންގެ ރައްކާތެރިކަމަށް ހިންގާ ކެމްޕޭންތަކަށް ކަމަށެވެ.