މަޝްހޫރު އަންހެން ކޮމޭޑިއަން ބާރްތީ ސިންގް އަކީ މީހުން ހެއްވާލުމުގައި އެފަދަ ދެވަނަ އެއް ނެތް ކުޅަދާނަ ކަމެއް ލިބިފައިވާ އެކްޓަރެކެވެ. ބާރްތީއަށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ހާރްޝް ލަމްބާޗިޔާ އާ ބައްދަލުވީ ވެސް ކޮމެޑީ ޝޯތައް ކުޅުމުގެ ތެރޭގަ އެވެ. ކޮމެޑީ ސާކަސްގެ ސެޓުންނެވެ. އަދި ދެ މީހުން ވަނީ 2017 ގެ ޑިސެމްބަރު 3 ވަނަ ދުވަހު ކައިވެނިކޮށްފަ އެވެ.
ކައިވެންޏަށްފަހު ބާރްތީ އާއި ހާރްޝް ބައިވެރިވެފައިވާ އެކި ޝޯތަކުގައި ދެމަފިރިން އަބަދުވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. ދަރިއަކު ހޯދަން އެމީހުން ކެތްމަދުވެފައިވާ ވާހަކަ އެވެ. އަދި އެމީހުންގެ އުންމީދުތައް ފުރިހަމަ ނުވެގެން އެކަމާ ހިތާމަކުރާ ވާހަކަ އެވެ.
ދަރިއަކު ހޯދުމުގައި ބާރްތީ އަށް ކުރިމަތިވީ އެންމެ ބޮޑު މައްސަލައަކީ އޭނާގެ ބަރުދަނެވެ. ކޮމެޑީ ޝޯތަކުގައި ބައިވެރިވާން ފެށިއިރު ބާރްތީގެ ހަށިގަނޑުގައި 96 ކިލޯ އަށް ވުރެ މައްޗަށް ހުއްޓެވެ. ނަމަވެސް ވަރަށް ހިތްވަރާއި މަސައްކަތުން ބާރްތީ ވަނީ އޭނާގެ ބަރުދަނުން ބޮޑު ބައެއް ލުއިކޮށްލާފަ އެވެ. ބާރްތީ ބުނި ގޮތުގައި މިހާރު އޭނާގެ ގައިގައި ހުންނަނީ 76 ކިލޯ އެވެ.
ބާރްތި ޓީވީން ފެންނަ މީހަކަށް ވެސް އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެންނާނެ އެވެ. އެއާއެކު ބާރްތީގެ ދެމަފިރިން ޒަމާނުއްސުރެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ވާން ތައްޔާރުވެއްޖެކަމުގެ ޚަބަރުތައް ވެސް މިހާރު ދަނީ ފެތުރެމުންނެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބާރްތީ އާއި ހަރްޝްގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި ބާރްތީ މިހާރު ބަނޑުބޮޑެވެ. އަދި ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ވާން ދެން މާ ގިނަ ދުވަހެއް ނެތެވެ.
ބަލިވެ އިންތާ ކުރީކޮޅުކަމަށްވާތީ މިދުވަސްކޮޅު ޝޯތަކުގައި ބައިވެރިނުވެ ބާރްތީ ހުރީ ޗުއްޓީ ނަގައިގެން ކަމަށް ވެސް އެމީހުންގެ އެކުވެރިޔާ ބުނެފައި ވެއެވެ. ނަމަވެސް މި ވާހަކަ ޔަގީންކުރަން އިންޑިޔާ ނޫސްވެރިން ގުޅުމުން ބާރްތީ އާއި ހަރްޝް ވަނީ މި ވާހަކަ އަދި ހާމަކުރަން ދެކޮޅު ހަދާފަ އެވެ. ބާރްތީ އިނީ ބަލިވެ ކަން ނުވަތަ ނޫންކަން ވެސް އެމީހުން ހާމައެއް ނުކުރި އެވެ.
އޭނާއަށް ގުޅާ ނޫސްވެރިން ކައިރީ ބާރްތީ ބުނެފައިވަނީ ކަނޑައެޅިފައިވާ ވަގުތު ޖެހުމުން އެމީހުން ރަސްމީކޮށް އިއުލާންކޮށް އެންމެންނަށް އަންގާނެ ކަމަށެވެ. ބަލިވެ އިންނަތާ ކުރީކޮޅު އެ ވާހަކަ މީހުން ކައިރީގައި ދެއްކުމަކީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ވަރަށް ސުންޕާ ކަމެކެވެ. އެހެންވެ ބަނޑަށް ތިން ހަތަރު މަސް ވަންދެން އެކަން ސިއްރުކޮށްގެން ވަރަށް ގިނަ މީހުން ތިބެ އެވެ. ބާރްތީގެ ބަނޑަށް ވެސް މާ ގިނަ ދުވަސް ނުވާތީ އެ ވާހަކަ އަދި ހާމަކުރަން އޭނާ ފަސް ޖެހެނީ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.