ބޮލީވުޑް

ކައިވެންޏަށް ރަވީނާ ހުށަހެޅި ބޮޑު ޝަރުތު

ރަވީނާ ޓަންޑަން އާއި އަނިލް ތަޑާނީ ކައިވެނި ކުރުމުގެ ކުރިން އަނިލް އަށް ވަރަށް ބޮޑު ޝަރުތެއް ހުށަހެޅިކަމަށް ރަވީނާ ބުނެފި އެވެ. ރަވީނާ ހުށަހެޅި ޝަރުތަކީ އޭނާގެ ފިރިއަކަށްވާ މީހާ އޭނާ ދެކެ ލޯބިވާ ވަރަށް އޭނާ އެޑޮޕްޓްކޮށްފައިވާ ކުދިން ދެކެ ވެސް ލޯބިވުމެވެ.


ޕޫޖާ އާއި ޗާޔާ ނަމަކަށްކިޔާ ޔަތީމު ދެ ކުދިން އެޑޮޕްޓްކުރަން ރަވީނާ ނިންމިއިރު އޭނާއަށް އެންމެ 21 އަހަރެވެ. އަނިލް ތަޑާނީ އާއި ރަވީނާ ކައިވެނިކުރީ މި ދެ ކުދިން އެޑޮޕްޓްކުރިތާ ނުވަ އަހަރު ފަހުންނެވެ.

އެހާ ޅަ އުމުރުގައި އޭނާ ދެ ކުދިން އެޑޮޕްޓްކުރަން ނިންމުމުން މީހުން އެކަމާ މެދު ކީ ފާޑުކިއުންތަކުގެ ވާހަކަ އާއި ކައިވެނިކުރަން ނިންމައި އެކަމުގައި އޭނާ ކުރިޔަށް ދިޔަ ގޮތް ވެސް ރަވީނާ ވަނީ ކިޔައިދީފަ އެވެ.

"ޓުވީކް އިންޑިއާ" ޝޯގައި ޒާތީ ބައެއް ވާހަކަތައް ހިއްސާ ކުރަމުން ރަވީނާ ބުނީ ކަމެއް ކުރަން ވަރަށް ބޮޑަށް ބޭނުންވެއްޖިއްޔާ ކޮންމެ މީހަކަށް ވެސް އެކަމެއް ކުރެވިދާނެކަމަށާއި އޭނާގެ ނިންމުމަށް އާއިލާގެ ތާއީދާއި އެއްބާރުލުން ފުރިހަމައަށް ލިބުމުން ހުރިހާ ކަމެއް ވަރަށް ފަސޭހަވި ކަމަށެވެ.

"ބައެއް މީހުން ބުނި އެހާ ޅައިރު ދެ ކުދިން އެޑޮޕްޓްކުރީމަ ކައިވެނިކުރާނެ ރަނގަޅު މީހަކު ނުވާނޭ. ކާކުހޭ އިތުރު ބުރަތަކެއް އުފުލަން ބޭނުންވާނީ. އަހަރެން ދެކެ ލޯބިވާ މީހަކު އަހަރެން އެޑޮޕްޓްކޮށްފައިވާ ކުދިން ދެކެ ވެސް އަހަރެން ދެކެ ވާހާ ލޯބިވާން ޖެހޭނެ. އަހަރެންނަކީ ޕެކޭޖް ޑީލް އެއް. އަހަރެން ދެކެ ލޯބިވާނަމަ ދަރިން ދެކެ އާއި އަހަރެން ގެންގުޅޭ ކުއްތާ ދެކެ އަދި އަހަރެންގެ އާއިލާ ދެކެ ވެސް ލޯބިވާންޖެހޭނޭ. އެއީ އަހަރެންގެ ވިސްނުން އޭރުވެސް ހުރި ގޮތް،" ރަވީނާ ބުންޏެވެ.

ރަވީނާ އާއި އަނިލް ކައިވެނިކުރީ 2004 ވަނަ އަހަރު އެވެ. މި ދެމަފިރިންގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެބަހުއްޓެވެ. ރާޝާ އާއި ރަންބީރްވަރްދަން އެވެ.
ރަވީނާ އެޑޮޕްޓްކޮށްގެން ގެންގުޅުނު ޕޫޖާ އާއި ޗާޔާ ބޮޑުވެގެން ކައިވެނިކޮށް މިހާރު އެމީހުންނަށް ދަރިން ލިބި ރަވީނާ އަށް ވަނީ މާމަ ކިޔާ ފައެވެ.

އުމުރުން 46 އަހަރުގައި މާމައަކަށް ވުމުން ކުރެވުނު އިހްސާސްތައް ވެސް ރަވީނާ ކިޔައިދިނެވެ.

"މާމަ މި ލަފުޒު އިވޭއިރަށް މީހުންނަށް ހީވަނީ އެއީ 70 ނުވަތަ 80 ވަރަކަށް އަހަރުގެ އަންހެނެކޭ. އަހަރެން އެ ދެ ކުދިން އެޑޮޕްޓްކުރިއިރު އަހަރެންނަށް 21 އަހަރު. އަދި އެޑޮޕްޓްކުރި ދޮށީ ކުއްޖާއަށް އޭރު 11 އަހަރު. އަހަރެން އެޑޮޕްޓްކުރި ކުއްޖާ އާ އަހަންނާ ދެމެދު ހުރީ 11 އަހަރުގެ ފަރަގެއް. މިހާރު އޭނައަށް ދަރިއަކު ލިބިއްޖެ. އަހަރެން އޭނަ ގެންގުޅުނުއިރު އަހަރެމެންގެ މެދުގައިއޮތީ މައިވަންތަ ގުޅުމުގެ އިތުރުން ގާތް އެކުވެރިކަމުގެ ގުޅުމެއް. މިހާރު މާމަ ދަރިފުޅާ އެކު ވެސް އޮތީ އެފަދަ ގުޅުމެއް،" ރަވީނާ ބުންޏެވެ.