ދުނިޔެ

ފިންލޭންޑުން ނުވަ ބިލިއަނަށް 64 ޖެޓް ގަންނަނީ

ފިންލޭންޑުން އެމެރިކާގެ ލޮކްހީޑް މާޓިންއާ އެކު 9.45 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގެ ދަށުން ލޮކްހީޑް މާޓިން އިން ފިންލޭންޑަށް އެފް-35އޭ ލައިޓްނިން 2 މަރުކާގެ 64 ޖެޓްފައިޓަރު ވިއްކާނެ އެވެ.

ފިންލޭންޑުން މިހާ ގިނަ ޖެޓްފައިޓަރު ގަންނަ ސަބަބެއް ކަމަށް ބުނީ މިހާރު ބޭނުންކުރާ އެފް-18 ހޯނެޓް މަރުކާގެ ޖެޓްތައް މާބޮޑަށް ބާވުން ކަމަށެވެ.

ލޮކްހީޑް މާޓިން އިން މިފަހަކަށް އައިސް ޖެޓްފައިޓަރު އުފައްދަން ގިނަ އޯޑަރުތަކެއް ދަނީ ނަގަމުންނެވެ. މަސައްކަތް ނިންމައި ޖެޓްތައް ހަވާލުކުރަން އެކި ގައުމުތަކަށް އެކި ތާރީޚް ކަނޑައަޅާފައި އޮތް އިރު ފިންލޭޑަށް ފުރަތަމަ ޝިޕްމަންޓްގެ ޖެޓްތައް ހަވާލުކުރަން ހަމަޖައްސާފައި ވަނީ 2026 ގައެވެ.

ހަބަރުތައް ބުނާ ގޮތުން ޖެޓްފައިޓަރުތަކާ އެކު ލޮކްހީޑް މާޓިންއިން ފިންލޭންޑަށް މިސައިލް ވެސް ސަޕްލައިކުރާނެ އެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓްގެ ޖުމްލަ އަގު 10 ބިލިއަން ފަހަނައަޅާނެ އެވެ.

ހޮކްހީޑް މާޓިންއިން މިހާރު ވެސް ގެންދަނީ ނޯވޭއަށާއި ޑެންމާކަށް އެފް-35ގެ ޖެޓްޓައް އުފައްދައި ދެމުންނެވެ. ނޯވޭއަށް ފުރަތަމަ ޝިޕްމަންޓް ހަވާލުކޮށްފައި ވާއިރު 2023 ގައި ޑެންމާކަށް ފުރަތަމަ ޝިޕްމަންޓް ހަވާލުކުރާނެ އެވެ.

ފިންލޭންޑްގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ގައުމަށް ބޭނުންވާ ހުރިހާ ސިފައެއް އެފް-35 ޖެޓްފައިޓަރުތަކުގައި އެބަހުއްޓެވެ. އެހެންކަމުން އިތުރު މަރުކާއަކާ މެދު ވިސްނުމުގެ ބޭނުމެއް ވެސް ނެތެވެ.