އަތޮޅު ތެރޭގެ ފަސް ސްކޫލެއްގައި އިމާރާތްތަކެއް އެޅުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި 16 މިލިއަން ރުފިޔާ އަށް އއ. އުކުޅަހު ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި އަށް ކްލާސްރޫމް އަޅަން ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އަލީ އަހްލަމް ރުޝްދީ އެވެ.
އަނެއް ހަތަރު ސްކޫލުގެ މަސައްކަތް ހަވާލުކުރީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. އެޑިޔުކޭޝަންގެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ. ވެންޒާ ކޮމްޕެނީ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީގެ ޑިރެކްޓަރު އަބްދުﷲ ހާނިސް މޫސާ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ސ. މަރަދޫ، މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތުގެ މަސައްކަތް ކުރާނެ އެެވެ. މިމަސައްކަތްތަކަށް 15 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ސ. އަތޮޅު މަދަރުސާގެ ހަ ކްލާސްރޫމާއި ލ. ގަން އިހައްދޫ ސްކޫލުގައިވެސް ހަ ކްލާސްރޫމް އެޅުމަށް ކޮންމެ ސްކޫލަކަށް ހަ މިލިއަން ރުފިޔާ -- ޖުމްލަ 12 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
މީގެއިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލުގެ 16 ކްލާސްރޫމް އިމާރާތް ކުރުމަށް ވެންޒާ ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާ އަށެވެ.