ތައުލީމީ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް މިސްރާއި ޕާކިސްތާނާ އެކު މަޝްވަރާކޮށްފި އެވެ.
ޕާކިސްތާނާ އެކު ގުޅުން ބަދަހިކުރުމަށް އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓަރު ޝަފްގާތު މަހްމޫދާ އެކު މަޝްވަރާ ކުރެއްވީ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިސްރާ އެކު ގުޅުން ބަދަހިކުރުމަށް އެ ގައުމުގެ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޕްރޮފެސަރު ހާލިދު އަބްދުލް ޣައްފާރުއާ އެކު މަޝްވަރާ ކުރެއްވީ ރާއްޖޭގެ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ.
ވަކިވަކިން މި ދެ ގައުމާ އެކު މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިސްރުގެ ވެރިރަށް ގާހިރާގަ އެވެ.
މި ދެ ބައްދަލުވުމުގައި ވަނީ އެ ގައުމުތަކުގައި ހުރި ތައުލީމު ފުރުސަތުތައް ހޯދުމަށާއި ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދުމަށާއި ތަޖުރިބާ ހިއްސާކުރުމަށް މަޝްވަރާކޮށް ބައެއް ކަންކަމުގައި އެއްބަސްވުމަކަށް އައިސްފަ އެވެ.
މިނިސްޓަރު އިބްރާހީމް ހަސަނާއި މިނިސްޓަރު އައިޝަތު އަލީ މިސްރަށް ވަޑައިގެންނެވީ އިސްލާމީ ތައުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ އައިސިސްކޯ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިސްރާއި ޕާކިސްތާނަކީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް އެންމެ ގިނަ އެހީތައް ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.
މި ކޮންފަރެންސްގައި އައިސިސްކޯ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވަނީ ހޮވާފަ އެވެ.