ބޮލީވުޑް

ކާމިޔާބު ލިބުނަސް ރުބީނާއަށް ހިތްހަމަޖެހުމެއް ނެތް

އެންމެ ފަހުން ނިމުނު "ބިގް ބޮސް"ގެ 14 ވަނަ ސީޒަން ކާމިޔާބުކުރީ ޓީވީ ބަތަލާ ރުބީނާ ޑިލައިކް އެވެ. މީގެ އިތުރުން ރުބީނާ އަކީ ޓީވީ ސިލްސިލާތައް ކުޅޭ ބަތަލާއިންގެ ތެރެއިން އެންމެ މަގްބޫލު އެއް ބަތަލާ އެވެ.

ރޫބީނާ ޓީވީ ސިލްސިލާތައް ކުޅެން ފެށީ 2008 ގައި ދެއްކި "ޗޯޓީ ބަހޫ" އިންނެވެ. އޭގެ ފަހުން "ޝަކްތީ އަސްތިތުވަ ކޭ އިހްސާސް ކީ" އަދި 'ދޭވޯން ކީ ދޭވް... މަހާދޭވް"ގައި ލީޑް ރޯލު އަދާ ކުރި އެވެ.

އިންޑިއާގެ އޮންލައިން ނޫހަކަށް ދާދިފަހުން ރޫބީނާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ކާމިޔާބު ބަތަލާއަކަށް ވުމަކުން އަދި "ބިގް ބޮސް" ކާމިޔާބު ކުރެވުމަކުން އޭނާއަށް ހިތްހަމަޖެހިލެވޭ ގޮތެއް ނުވެ އެވެ. އެހެން ދިމާވަނީ ގިނަ ބަޔަކު އޭނާއަށް ލަނޑުދޭތީ ކަމަށް ރޫބީނާ ބުންޏެވެ. އެގޮތުން 2011 ގައި އޭނާ ކުޅުނު ސިލްސިލާއެއްގެ ޕްރޮޑިއުސަރަކު އޭނާއަށް އެތައް ލައްކަ ރުޕިސް އެއް ނުދީ މަކަރު ހަދާފައިވާ ކަމަށް ރުބީނާ ބުންޏެވެ.

އޭނާއަށް ދޭންޖެހޭ ފައިސާ ނުދީ އެތައް މަހެއް ފަހުން ޕްރޮޑިއުސަރާ ބައްދަލުކޮށް އެވާހަކަ ދެއްކުމުން އެއީ އޭނާ ލަހުން ޝޫޓްތަކަށް ހާޒިރުވީ ދުވަސްތަކުގައި ލިބުނު ގެއްލުމަށް ކަނޑާފައިވާ ފައިސާ ކަމަށް ޕްރޮޑަކްޝަން ހައުސް އިން ބުނެފައިވާ ކަމަށް ރޫބީނާ ބުންޏެވެ.

"އަހަންނަށް އޭރު ލިބެންޖެހޭ 16 ލައްކަ ރުޕީސް ނުދީ އޮތް. ނަމަވެސް އެމީހުން އެ ފައިސާ ނުދޭން ދެއްކި ބަހަނާތަކުގައި އެއްވެސް ހަގީގަތެއް ނެތް. މަދު އައިލެންޑްގައި ޝޫޓްކުރަނިކޮށް ދިރޭ އެއްޗެއް ކަށިޖަހައިގެން އަހަރެން ވަރަށް ގަދައަށް ހުން އައިސްގެން ދެ ތިން ގަޑިއިރަށް ޝޫޓިން ކެންސަލްކުރަން ޖެހުނީމަ އެއަށް ވުރެ 1.45 ލައްކަ ރުޕީސް ކެނޑިކަމަށް އެމީހުން ބުނީ،" ރޫބީނާ ކިޔައިދިނެވެ.

މީހުން ދޭން ހުރި ފައިސާ ނުދީ ލަނޑު ދިނުމުން ލިބުނު ގެއްލުން ފޫބައްދަން ގަނެފައިވާ ދެ ގެއާއި ކާރެއް ވެސް ވިއްކާލަން ޖެހުނު ކަމަށް ރޫބީނާ ބުންޏެވެ.

"ބިގް ބޮސް 14"ގައި ރޫބީނާ ބައިވެރިވީ އޭނާގެ ފިރިމީހާ އަބިނެވް ޝުކްލާއާ އެކުގަ އެވެ. އޭރު ދެ މީހުންގެ މެދުގައި މައްސަލަތައް ޖެހި ތިބީ ވަރިފަށަށް އަރާފަ އެވެ. ނަމަވެސް "ބިގް ބޮސް"ގެ ގޭގައި ހޭދަކުރި ދުވަސްތަކުގައި ދެ މީހުން އަލުން ސުލްހަ ގާއިމް ކޮށްފައިވެ އެވެ.

ރޫބިނާ އާއި އަބިނެވް ދާދިފަހުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.