ދުނިޔެ

ޔުކްރޭނަށް އަސްކަރީ ފައުޖުތައް ފޮނުވާކަށް ނުވިސްނަން: ބައިޑަން

އެމެރިކާގެ އަސްކަރީ ފައުޖުތައް ޔުކްރޭނަށް ފޮނުވަން ވިސްނާފައި ނުވާ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން ރިޕޯޓަރުންނަށް ވިދާޅުވި ގޮތުގައި އެމެރިކާ ދެމިއޮތީ ޕޫޓިން އަށް ދެންނެވި ގޮތުގަ އެވެ.

އޭނާ ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް ހަމަލާދީ އަރައިގެންފިނަމަ އިގުދިސޯދީ ގޮތުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޕޫޓިން އަށް ދަންނަވާފައި ވާނެ ކަމަށެވެ.

ޔުކްރޭނަށް ސިފައިން ފޮނުވުން އެމެރިކާއިން ހުއްޓާލީތޯ ނޫސްވެރިއަކު ދެންނެވުމުން ބައިޑަން ވިދާޅުވީ ޔުކްރޭނަށް ސިފައިން ފޮނުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެއީ އެޖެންޑާގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔުކްރޭނަށް އަރައިގެންފިނަމަ އެމެރިކާއިން ނޭޓޯއަށް ވެދޭ އެހިތެރިކަން ފުޅާކުރާނެ އެވެ. އަދި ނޭޓޯއާ ގުޅިގެން އަސްކަރީ ގޮތުން ކުރެވުން ހުރި ކޮންމެ ކަމެއްގައި އެމެރިކާ ހިއްސާވާނެ އެވެ.

ޔުކްރޭނަށް ހަމަލާ ދިނުމަކީ ކުރާނެ ކަމެއް ކަމަކަށް ރަޝިއާ ވެސް ނުބުނެ އެވެ. ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، ބައިޑަން އަށް ދަންނަވާފައި އޮތީ ނޭޓޯގެ ސަބަބުން ރަޝިއާގެ މުސްތަގިއްލުކަމަށް އުނދަގޫވާ ކަމަށެވެ.

ރަޝިއާއާ އެހާ ގާތުގައި ނޭޓޯ ގައުމުތަކުގެ ސިފައިން އަސްކަރީ ހަރަކާތްތަކެއް ހިންގާނަމަ ރަޝިއާއިން ސަމާލުވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ރަޝިއާގެ އަސްކަރި ފައުޖުތައް ޔުކްރޭނާވީ ފަޅިއަށް ޖަމާކުރަނީ އެގައުމަށް އަރައިގަތުމަކަށް ނޫނެވެ. އެހެން ނަމަވެސް ނޭޓޯގެ އަމަލުތައް ހުރީ ރަޝިއާ ސަމާލުވާން ޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި މަޝްރަހު ހޫނުވެފައި އޮތް ދުވަސްވަރެއްގައި ތުރުކީގައި އުފައްދާ އަސްކަރީ ދަރަޖައިގެ ޑްރޯން ޔުކްރޭނަށް ވިއްކުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.