މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މައްޗަށްގޮޅި އަވަށު އޮފީސް ފަޅާލައިފި އެވެ.
އޮފީސް ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ. މައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ އިންވެސްޓިގޭޝަން ޓީމެއް މިއަދު ހެނދުނު އަވަށު އޮފީސް ތެރޭގައި ހަރަކާތްތެރިވި މަންޒަރު އަވަސްގެ ނޫސްވެރިންނަށް ވެސް ފެނިފައިވެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މައްޗަށްގޮޅި އަވަށު އޮފީސް ރޭގެ ވަގުތެއްގައި ފަޅާލާފައިވާ ކަމަށާއި އެތަނުން ގެއްލުނު ތަކެތީގެ ތަފްސީލް އަދި ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ފައިސާތަކެއް ގެއްލިފައިވާ ކަމަށް ނަރީޝް ޔަގީންކޮށްދެއްވި އެވެ.
"އަޅުގަނޑަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ފައިސާގެ ކޮންމެވެސް ވަރެއް ވަނީ ވަގަށް ނަގާފައި. އެކަމަކު އެއީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ،" ނަރީޝް ވިދާޅުވި އެވެ.
މައްޗަށްގޮޅި އަވަށު އޮފީހުގައި ތިބޭ މުވައްޒަފުންގެ މައިގަނޑު މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ހިއުމަން ރިސޯސް މަސައްކަތްތަކާއި ސިޓީ ކައުންސިލްގެ އެސެޓްތަކުގެ މައުލޫމާތު ބެލެހެއްޓުމެވެ.
މައްޗަށްގޮޅި އަވަށު އޮފީސް ފަޅާލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.