ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާންމުކުރަމުން އަންނަ މުނިފޫހިފިލުވުމގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ އެންމެ ގިނަ އާމްދަނީ ލިބުނު 100 ފަންނާނުންގެ ލިސްޓް އެމަޖައްލާއިން މިހާރު ވަނީ އާންމުކޮށްފަ އެވެ.
މިލިސްޓުގައިވާ ގޮތުން ބޮލީވުޑްގެ ތަރިންގެ ތެރެއިން މިލިސްޓުގެ އެއްވަނަ މިފަހަރު ލިބިފައިވަނީ ސުޕަސްޓާ ޝާހްރުކް ޚާނަށެވެ. ޝާހްރުކަށް މިއަހަރުގެ ލިސްޓުގެ އެއްވަނަ ލިބިފައިވަނީ މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 257.50 ކްރޯޑް ލިބިފައިވާތީ އެވެ.
ޝާހްރުކަށް 2013 ވަނަ އަހަރުވެސް ވަނީ އެންމބޮޑު އާމްދަނީއެއް ލިބިގެން މިލިސްޓުގެ އެއްވަނަ ލިބިފަ އެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުގެ ލިސްޓުގެ ތިންވަނަ އަށް ޝާހްރުކް ވެއްޓިފައިވާއިރު، މިދިޔަ އަހަރުގެ ލިސްޓުގެ އެއްވަނަ އަދި ދެވަނަ ލިބިފައިވަނީ ސަލްމާން ޚާނާއި އަމީތާބް ބައްޗަން އަށެވެ.
މިއަހަރު ޝާހްރުކަށް ލިބުނު އާމްދަނީގެ 50 ކްރޯޑް މަދުން 202.75 ކްރޯޑާއެކު މިލިސްޓުގެ ދެވަނައިގައި ސަލްމާން އޮތްއިރު، ތިންވަނަ މަގާމު ލިބިފައިބަވަނީ އަމީތަބ ބައްޗަން އަށެވެ.
ބޮލީވުޑްގެ ތަރިންނާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ ތެރެއިން މިލިސްޓުގެ އެއްވަނަ މަގާމު ޝާހްރުކަށް ލިބިފައިވާކަން ހާމަކުރަމުން ފޯބްސް މެގަޒިނުން ބުނެފައިވަނީ މިއީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިހާ ބޮޑު އާމްދަނީއެއް ތަރިއަކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
އާމްދަނީގެ ގޮތުން މިއަހަރު ތިންވަނަ ލިބިފައިވަނީ އަކްޝޭ ކުމާރަށް ކަމުގައ ވިޔަސް ބެލުންތެރިންގެ މެދުގައި އަކްޝޭ އަސް ވުރެން މަޝްހޫރީ އަމީތާބް ކަމުން ތިންވަނަ ލިބިފައިވަނީ އޭނާ އަށެވެ. އަދި ސުޕަސްޓާ އާމިރް ޚާން ވަނީ ފުރަތަމަ ފަހަރަށް މިލިސްޓުގެ ގަދަ ފަހެއްގައ ހިމެނިގެން ގޮސްފަ އެވެ.
ފޯބްސް އިން ވަނީ އާމިރް ފުރަތަމަ ފަހަރަށް ޓޮޕް ފައިވްގައި ހިމެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް އޭނާގެ ފިލްމު "ޕީކޫ"ގެ ކާމިޔާބުގެ ސަބަބުން ގިނަ ބްރޭންޑްތައް އެންޑޯޒްކުރުމަށް ލިބުނު ފުރުސަތުތަކުން ކަމަށެވެ. އެގޮތުން އާމިރަށް މިއަހަރު އާމްދަނީގެ ގޮތުގައި 104.25 ކްރޯޑް ލިބިފައިވާ ކަމަށް ފޯބްސް އިން ބުނެ އެވެ.
މިދިޔަ އަހަރުގެ މިލިސްޓުގެ އެންމެ ބޮޑު އާމްދަނީ ލިބޭ ތަރިންގެ ތެރޭގައި އެއްވެސް ބަތަލާއަކު ހިމެނިފައި ނުވިޔަސް، މިއަހަރުގެ ލިސްޓުގެ ގަދަ ދިހައެއްގައި ބަތަލާ ދިޕިކާ ޕަދުކޯން ވަނީ ހިމެނިފަ އެވެ. އިތުރު ބަތަލާއިންގެ ތެރޭގައި އާލިއާ ބަޓް އާއި މާދުރީ ޑިކްޝިޓް ވެސް ވަނީ މިދިޔަ އަހަރަށް ވުރެން މިއަހަރުގެ ދަރަޖަ ކުރިއަށް ޖެހިލާފަ އެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފޯބްސް އިން އާންމުކުރަމުން އަންނަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 ފަންނާނުންގެ ލިސްޓްގައި ހިމެނޭ ފަންނާނުން އެކުލަވާލުމަށް ވަކި ގައުމެއްގެ ވަކި ނަސްލަކަށް ނުބަލައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަންނާނުންގެ އާމްދަނީއަށް ބަލައިގެން މިލސްޓް އާންމުކުރާކަމަށް ފޯބްސް އިން ވަނީ ބުނެފަ އެވެ. އަދި މިިލިސްޓް ކޮންމެ އަހަރެއްގައިވެސް އެކުލަވާލަނީ އެއަހަރެއްގެ އޮކްޓޯބަރު މަހުގެ އެއްވަނ ދުވަހުން ފެށިގެން ދެން އަންނަ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހަށެވެ.