މޮރޮކޯއަށް ކިޔަވަންދާން ބޭނުންވާ 20 ދަރިވަރަކަށް ސްކޮލާޝިޕްގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިނިސްޓްރީން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ ބެޗްލާސް، މާސްޓާސް އަދީ ޕީއެޗްޑީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މޮރޮކޯގެ ކޮލެޖުލްތަކުންނެވެ. މި ސްކޮލަޝިޕްގެ ކޯސްފީ ދަރިވަރުންނަށް ހިލޭ ލިބޭނެ އެވެ. އަދި އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 750 ދިރްހަމް ލިބޭނެ އެވެ. އެހެން ކަންކަމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ ދަރިވަރު އަމިއްލަ އަށެވެ.
މޮރޮކޯއަށް ބެޗްލާސް ޑިގްރީ ކިޔަވަން ދާން ބޭނުންވާ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް އިން ފަސް މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑްތައް ހާސިލް ވެފައި ވުމާއި އޭލެވެލްގައި ތިން މާއްދާއިން އީ އިން ފެށިގެން މަތީ ގްރޭޑްތައް ހާސިލްވެފައިވުން ހިމެނެ އެވެ. އަދި އިނގެރޭސި ބަހުން ފާހެއް ވެސް އޮންނަން ޖެހެ އެވެ.
މާސްޓާސް ކޯހަށް އެދޭ ދަރިވަރުން ވާން ޖެހޭނީ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު އެ ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާނަމަ އެ ޝަރުތު ހަމަވާ ދަރިވަރަކަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ. އަދި ޕީއެޗްޑީއަށް ހުށަހަޅާ ދަރުވަރުންގެ ޝަރުތަކަކީ ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު އެ ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާނަމަ އެ ޝަރުތު ހަމަވާ ދަރިވަރަކަށް ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓަކަށް އެ ސްކޮލަޝިފް ފުރުސަތަށް އެޕްލިކެޝަން ހުށަނޭޅޭނެ ކަމަށެެވެ. އަދި އެހެން ސްކޮލަޝިޕަކަށް ނޮމިނޭޓް ކުރެވިފައިވާ ކެންޑިޑޭޓެއް އެ ސްކޮލަޝިފް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށެވެ.
ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެކިޔުންތައް ހުށަހަޅާނީ އެ މިނިސްޓްރީގެ ފޯޓަލް މެދިވެރިކޮށް ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.
ސްކޮލާޝިފް ބޭނުންވާ ދަރިވަރުން މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން އެޕްލައި ކުރަން ޖެހެ އެވެ.