ކ. މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިއާއެކު ބަޔަކު ހައްޔަރުކުރުމުން ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މާފުށީ ކައިރީ އޮތް ސަފާރީއެއް ބަލައި ފާސްކުރުމުގެ ތެރޭގައި 88 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރީ 34 އަހަރާއި، 51 އަހަރު އަދި 28 އަހަރު މީހެކެވެ. އެކަމަކު މި ތިން މީހުން މާފުށީ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ހަމަ އެދުވަހު މަސްތުވާތަކެއްޗާއެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ކޯޓު އަމުރެެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ސާފެއް ނުކޮށްދެ އެވެ.
ހައްޔަރުކޮށްފައި ވަނީ 29 އަހަރާއި، 22 އަހަރު އަދި 21 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި ދެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.